މިވަގުތަށް އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ހިންގަމުން މިދާ ކަންކަމަށް ބަލައި، ރާއްޖޭގެ މުސްތަގްބަލު ސަލާމަތް ކުރުމަށް މިވަގުތު އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ.
"އިސްލާމު ދީނުގެ ނަމުގައި، ހިންގަމުން މިގެންދާ ކަންކަމަށް ބަލާ ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން" ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިހާރު މަދަރުސާތަކުގައި ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރަމުން ގެންދާ ފޮތްތަކުގައި، ރުޅިވެރިކަމާއި ނަފްރަތަށް މަގުފަހިވާ ފަދަ ވާހަކަތައް އެބަހުރި ކަމަށެވެ.
ރައީސް ނަޝީދު ރޭ ކުރެއްވި ޓުވީޓުގައި ވަނީ އެޑިއުކޭޝަނު މިނިސްޓަރ އައިޝަތު އަލީ ޓެގްކުރައްވާފައެވެ. ކުރިން ނަޝީދު ވަނީ ދިވެހިން ސީރިއާއަށް ހަނގުރާމާގައި ބައިވެރިވުމަށް ދާއިރު އެމީހުންނަށް ހަރުކަށި ވިސްނުމުގެ ނަސޭހަތްދީ އެހީތެރިވާ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރައްވާފައެވެ.