ޒަމާން ފަސްވެއްޖެއެވެ. މީހުންވެސް އަންނަނީ އެކި ރޮނގުރޮނގުން ކުރި އަރަމުންނެވެ. މި ގޮތުން އަވަސްއަވަހަށް، ފަސޭހައިން ކަންކަން ކުރެވޭނެ ނިޒާމު ގާއިމުވެފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް މީހުން ދެކެވެއެވެ. ގިނައިރު ނުވަތަ އިތުރު މަސައްކަތެއް ކުރަން ޖެހޭ ކަމެއް، ކިރިޔާވެސް އިތުރު ގޮތެއް އޮވެއްޖެނަމަ އެކަމެއް ކުރަން އިޚްތިޔާރުކުރާނީ އެންމެ ފަސޭހަ ނުވަތަ ކަންނެތް ގޮތެވެ. މީގެ އެއް މިސާލަކީ ޒަމާނުއްސުރެ ކުޑަކުދިންނަށް މައިމީހާގެ ކިރު ދެވެމުން އައި އައުމުގެ ވިސްނުން މުޅިން ބަދަލުވެ، ގެރި ކިރު ނުވަތަ ތައްޔާރީ ކިރު ކުޑަކުދިންނަށް ދޭން ފެށުމެވެ. މި ދަންނަވަނީ އުމުރުން 6 މަސް ވެސް ނުވާ ކުޑަކުދިންނަށް އެފަދަ ކިރު ދޭ ވާހަކައެވެ.
ބައެއް މީހުން މިފަދައިން ކަންތައް ކުރަނީ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. ނަމަވެސް ހަގީގަތުގައި މައިމީހާގެ ކިރުން ލިއްބައިދޭ ފައިދާތައް އެހެން ވައްތަރެއްގެ ކިރަކުން ނުލިބޭނެއެވެ.
ކުޑަކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކުރުވާ
މައިމީހާގެ ހަށިގަނޑުން ދަރިފުޅަށް ލިއްބައިދޭ އެންޓި ބޮޑީސް އަކީ ކުއްޖާގެ ހެދިބޮޑުވުމަށް ކޮންމެހެންވެސް ބޭނުންވާ މާއްދާތަކެކެވެ. މި ގޮތުން ފާހަގަ ކުރެވޭ ކަމަކީ މައިމީހާގެ ކިރުގެ ސަބަބުން ކުއްޖާއާ ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމެވެ. އެއީ ކިރުގައި އެކުލެވޭ ފައިދާހުރި މާއްދާތަކުގެ ސަބަބުން ކުޑަ ދަރިފުޅުގެ ދިފާއީބާރު ހުންނަ މިންވަރު އިތުރުކޮށްދޭތީއެވެ.
ގިނަ ނިއުޓްރިޝަންތައް އެކުލެވިގެންވޭ
މައިމީހާގެ ގާތުން ދޭ ކިރުގައި އެހެން ބާވަތްތަކުގެ ކިރަށްވުރެ ގިނައިން ލެކްޓޯސް، ފެޓްސް އަދި ތަފާތު ވައްްތަރުގެ ޕްރޮޓީންތައް އެކުލެވިގެންވެއެވެ. މި ހުރިހާ މާއްދާއަކީވެސް ފަސޭހައިން ހަޖަމުކުރެވުމާއެކު ކުއްޖާ ހެދިބޮޑުވުމުގައި އިސް ދައުރެއް އަދާކުރާ މާއްދާތަކެެކެވެ.
ތަފާތު ފްލޭވަރ އެކުލެވިގެންވުން
މައިމީހާއަށް ދުވާލަކު ގާތްގަނޑަކަށް 500 ކެލަރީސް އެހެން މީހުންނަށް ބޭނުންވާއަށްވުރެ އިތުރަށް ބޭނުންވެއެވެ. އޭގެ މާނައަކީ އެމީހުން ދުވާލެއްގެ މަތިން އެހެން މީހުން ކާއަށްވުރެ ގިނައިން އަދި އެއާ ތަފާތު ކާނާ ހަށިގަނޑަށް އެތެރެ ކުރަން ޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން މައިމީހާ ކާން ބޭނުން ކުރާ ކާނާއެއްގައި އެކުލެވޭ މާއްދާއާއި ފްލޭވަރ ކުއްޖާއަށްވެސް ކޮންމެވެސް ވަރަކަށް ލިބޭނެއެވެ.
މައިމީހާގެ ސިއްހަތަށް ރަނގަޅު
ދަރިފުޅަށް ގަވާއިދުން ގާތުން ކިރުދިިނުމަކީ މައިމީހާގެ ގައިން ކެލަރީސް އެންދުމުގެ އިތުރުން ސިއްހީ މައްސަލަތަކުން ދުރުކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމާއި ލޭ މައްޗަށް ދިޔުމުން ދުރުކޮށްދިނުން ހިމެނެއެވެ.
އެއްވެސް އަގަކާއިނުލައި ލިބުން
އެންމެންނަށްވެސް އެނގޭނެ ފަދައިން މައިމީހާގެ ގާތުން ދޭ ކިރަކީ އެއްވެސް އަގެއް އެއަށް ދައްކަން ނުޖެހޭ، ހިލޭ ލިބޭ އެއްޗެކެވެ. ތައްޔާރީ ބާވަތްތަކުގެ ކިރަކީ އަގުވެސް ބޮޑު އަދި މައިމީހާގެ ގާތުންދޭ ކިރަށްވުރެ ފައިދާވެސް ކުޑަ އެއްޗެކެވެ.