މާތްﷲ ކޮންމެ އިންސާނެއްވެސް ހައްދަވާފައިވާނީ އެންމެ ރިވެތި ސޫރައިގައިއެވެ. އެކަމަށް މާތްﷲ ވަނީ ކީރިތި ޤުރުއާނުގައިވެސް އިޝާރަތްކުރައްވާފައެވެ. އެއްވެސް އިންސާނެއްގެ އިނގިލިތަކުގެ ކުރި ބަދައިގައިވާ ނިޝާން އެގޮތް ނުވާ ބީދައިން، އެންމެންގެ މޫނުގެ ކުލައާއި އަދި ސިފަވެސް އެއްގޮތެއް ނުވާނެއެވެ. އެއީ ކޮންމެ އިންސާނަކުވެސް ގަބޫލުކުރަން ޖެހޭނެ ހަގީގަތެކެވެ. މީހަކު ބަލައިލަން ހަޑިވެގެން ނުވަތަ މޫނުގެ ކުލަ ތަފާތު ވެގެން އެމީހަކާއި ދޭތެރޭ އިހާނެތިކޮށް ކަންތަކެއް ނުކުރެވޭނެއެވެ. ކަޅަސް ދޮނަސް، ފަލަޔަސް ހިއްކަސް ކޮންމެ އިންސާނަކީ ވެސް އިހްތިރާމް ލިބެންޖެހޭ މީހެކެވެ. މީހެއްގެ ސިފައަށް ބަލާފައި އެމީހަކާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރާނީ ހަގީގަތުގައި ފިނޑިންނެވެ.
ތިބާ ބޭނުންވަނީ ކޮންކަހަލަ މީހަކަށް ވާންތޯއެވެ؟ ބޭރު ފުށުން ވަރަށް ރީތި މީހަކަށް ވާންހެއްޔެވެ؟ ނުވަތަ ރީތި އަޚްލާގެއްގެ ވެރި މީހަކަށް ވާންތޯއެވެ؟ މީހާ ކިތަންމެ ރީތި ވިއަސް އެމީހާ ގައިގައި ރީތި އަޚްލާގެއް އަދި ރަނގަޅު އުޅުމެއް ނެތްނަމަ، އެމީހާއަށް ލިބިފައިވާ ރީތިކަމަކީ ބޭކާރު އެއްޗެކެވެ. މިޒަމާނުގައި މޫނުމަތި ރީތިކޮށްލާ ދޮން ވެލުމަކީ އުނދަގޫ ކަމެއް ނޫނެވެ. ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް އެކަންކަން ކޮށްގެން އަހަރެމެންނަށް ލިބޭނެ ފައިދާ އެއް އޮންނާނެ ތޯއެވެ؟ ތިބާއަށް ކިރިޔާވެސް ފައިދާއެއް ކުރާނީ ހެޔޮ އަމަލު ގިނަ ކޮށްގެންނެވެ. ރަނގަޅު ހަރުދަނާ ދިރިއުޅުމެއް އުޅެން ދަސްކޮށްގެންނެވެ. ޒިންމާދާރު މީހަކަށް ވެގެންނެވެ. ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަންދީގެންނެވެ.
ހިތާމައަކީ މިއަދު ބައެއް ދިވެހިންނަށް ބޭރު ފުށުގެ ރީތި ކަމަކީ ހުރިހާ ވެސް އެއްޗަކަށް ވާތީއެވެ. މީހާގެ ސިފައަށް ބަލާފައި އެމީހާ އާއި ދޭތެރޭ ގޮތް ނިންމުމަކީ ހަގީގަތުގައި ވަރަށް ގޯސް ކަމެކެވެ. ތިބާގެ އަތުގެ އިނގިލިތައް އެއްވަރު ނުވާ ބީދައިން، ތިބާގެ އަޚާއަކީ ވެސް ތިބާހާ ރީތި މީހަކަށް ނުވެދާނެއެވެ. އޭގެ މާނައަކީ އެމީހަކު އެކަނި ކޮށްލާ މަލާމާތް ކުރުމެއް ނޫނެވެ. އަމިއްލައަށް ވިސްނާލާށެވެ. ބަލައިލަން ކިތަންމެ ރީތި މީހަކު ކަމުގައި ވިއަސް އެމީހަކަށް ދީނުގެ ރުކުންތަކަށާއި، އުސޫލްތަކަށް ތަބާ ނުވެވޭނަމަ އެމީހާގެ ރީތި ކަމުގެ އެއްވެސް ފައިދާއެއް އެބައޮތް ތޯއެވެ؟ ނަމާދެއް ނުކޮށް ގުރުއާން އަކުރެއް ނުކިޔަވާ ދުނިޔެވީ އުފާތައް ހާސިލުކުރުމުގައި ހޭބޯނާރާ އުޅޭނަމަ ތިބާއަށް ވާނެ ފައިދާއެއް އެބަ އޮތްތޯއެވެ؟ އެއްވެސް ފައިދާއެއް ނުވާނެއެވެ. ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް އޭރުން ތިބާ އާއި ބައްދަލުކުރާނީ މާޔޫސްކަމާއި މޮޅިވެރިކަމެވެ.
ހަމަގައިމުވެސް މަހުޝަރު ދުވަހު ހިސާބު ބައްލަވާނީ ރީތިކަމަށް ބަލާފައެއް ނޫނެވެ. އެދުވަހުން ކިރިޔާވެސް ތިބާ ނަރަކައިގެ އަލިފާންގަނޑުން ސަލާމަތް ކޮށްދޭނީ ތިބާއަށް ކުރެވިފައި ހުރި ހެޔޮ އަމަލުތަކުންނެވެ. ހަނދުމަކުރާށެވެ!. ރީތިކަމަކީ ވަގުތީ އެއްޗެކެވެ. ތިބާއަށް ލިބިފައިވާ ރީތިކަމަކީ ދާއިމީ އެއްޗެއް ނޫނެވެ. އެހެނަސް، ތިބާގެ ގައިގައި މިއަދު ހަރުލައްވާ، ރީތި އާދަތަކާއި އަދި ރިވެތި އަޚްލާގަކީ ތިބާ ދުނިޔޭގައި އުޅޭހާ ހިނދަކު ތިބާ އާއިއެކު ވާނެ އެއްޗެކެވެ. ލިބިފައިވާ ވަގުތީ ރީތިކަމަށް ބޮޑާވެ ނުގަންނާށެވެ. ލިބިފައިވާ ތި ރީތި ކަމުގެ ސަބަބުން ކިބުރުވެރި ވެސް ނުވާށެވެ. ހަމަގައިމުވެސް ރީތި ސިފައަކުން ނުލިބޭނެ އެތަކެއް ފައިދާއެއް މާދަމާ ތިބާއަށް ރީތި އަޚްލާގެއްގެ ވެރި މީހަކަށް ވެވުމުން ލިބޭނެއެވެ.