މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރަމުން އަންނަ މަސައްކަތްތެރީންގެ ދުވަހެވެ. ނުވަތަ ވޯލްޑް ލޭބަރ ޑޭއެވެ. މޭޑޭ އަކީ މީގެ އެތަކެއް އަހަރެއް ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްމީކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ދިވެހި ރާއްޖޭގައި މޭޑޭ ފާހަގަކުރަން ފުރަތަމަ ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރުގައެވެ. އެއިރު ރާއްޖޭގައި މޭޑޭ ފާހަގަ ކުރީ، މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއާއި ގިނަ އަދަދެއްގެ މަސައްކަތްތެރިން ގުޅިންނެވެ.

އެދުވަހު ގޮވަލާފައި ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށެވެ. ދައުލަތުގެ ކިބައިން އެދުނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްްއޯ) ގައި ބައިވެރިވުމަށާއި، މަސައްކަތްތެރިންނާއި، މަސައްކަތް ކުރުވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނެއް ވުޖޫދު ކުރުމަށެވެ. އަދި އެންމެ ކުޑަ މުސާރައެއް (މިނިމަމް ވޭޖެއް) ކަނޑައެޅުމަށެވެ.

ރާއްޖޭގައި މޭޑޭ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. 2008 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމް ބޮޑު އިންތިހާބަކުން ބަލިކުރައްވާ ރާއްޖޭގެ އޮޑީގެ މާލިމީ ކަމާއި ހަވާލުވުމަށް ފަހު އެމްޑީޕީގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް ދިނުމަށް ލޭބަރ ޤާނުނަކާއި، މަސައްކަތްތެރިންގެ ކަންކަން ބެލުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއެއްގެ އިތުރުން ލޭބަރ ޓްރައިބިއުނަލް އެއް ގާއިމު ކުރިއެވެ.

އެމްޑީޕީގެ ސަރުކާރުން އިސްވެހުރެ ފެށި މި މަސައްކަތާއި އެކު ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރީންނަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނިގުޅައިގަނެވިފައިވާ ހައްޤުތައް މަސައްކަތްތެރިންނާއި ބެހޭ ސަރުކާރުގެ ދެ ވުޒާރާ ބޭނުންކޮށްގެން ހޯދައިދެވުނެވެ. މަސައްކަތްތެރީންނަކީ، އަގެއް ހުރި ބަޔަކަށް ވެގެންދިޔައެވެ. މަސައްކަތްތެރީންނަކީ، ކޮންމެ ގޮތެއް ވަރިހަމަ ބަޔަކަށް ކުރިން ވެފައި އޮތް އޮތުން ނިމުމަކަށް އައެވެ. މުސާރައާއި، މިނޫންވެސް އިނާޔަތްތަައް ނުދޭނަމަ މަސައްކަތް ދިން ފަރާތާއި ދެކޮޅަށް އަޑުއުފުލުމުގެ ފުރިހަަމަ ބާރު މިއަދު މިވަނީ މަސައްކަތްތެރީންގެ މުށުތެރޭގައެވެ.

މިއަދު ދިވެހިން ފާހަގަކުރަމުން މިދަނީ މަސައްކަތްތެރިންގެ ދުވަހެވެ. މި ދުވަސް ރާއްޖޭގައިވެސް ފާހަގަ ކުރާތާ އަހަރުތަކެއްވެފައިވާއިރު އަދިވެސް މިވަނީ މަސައްކަތްތެރީންގެ ބައެއް ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ނުލިބިއެވެ. މިގޮތުން މިނިމަން ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ވަނީ އަދިވެސް ކަނޑަ ނޭޅިއެވެ. އެކަމާއި ބ އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުން މިއަހަރު ކަނޑުމަތީގައި އިހުތިޖާޖުވެސް ކުރިމެއެވެ. މިނިވަން ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައަކީ ތަހުޒީބުވެފައިވާ އަދި ކުރިއަރަމުން އަންނަ ގައުމުތަކުގައިވެސް ކަނޑައަޅައިފައި އޮންނަ އެއްޗެކެވެ. 

އަޅުގަނޑުމެން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ދެން އަޑު އިވޭ އެންމެ މުހިންމު އެއް ވާހަކައަކީ ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލައެވެ. މަސައްކަތުގެ މާހައުލުގައި ތަފާތުކުރުން ގެންގުޅޭ ވާހަކައެވެ. އިތުރު ގަޑީގެ އުޖޫރަ ނުދޭ ވާހަކައެވެ. ހަމަ މުސާރަ ނުދޭ ވާހަކައެވެ. ގިނަ އިރު މަސައްކަތް ކުރުވާ ވާހަކައެވެ. ވަޒީފާއާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަކަށް ގަސްތުގައި މަސައްކަތް ދޭ ފަރާތުން ހިލާފުވާތަކެވެ. މިކަންކަމީ މިއަދު ދިވެހިން ކަންބޮޑުވާ ކަންކަންމެވެ.

މަސައްކަތްތެރިންގެ ދުވަހެއްގައި، އެ މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ބަލާލުން މުހިންމެވެ. މިނިމަން ވޭޖަކީ މަސައްކަތްތެރިންގެ ދިގު އިންތިޒާރަކަށްވާއިރު އެ މައްސަލައަށް ހައްލެއް ގެނެންދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވަނީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ރޭ ނެރުއްވި ހިތޯބުގައި ވިދާޅުވެފައެވެ. ރާއްޖެއިން ވަނީ އައިއެލްއޯގެ 12 މުވާހަދާއެއްގައި ސޮއިކޮށްފައެވެ. މިއީވެސް މަސައްކަތްތެރިންނަށް ލިބުނު ހިތްހަމަ ޖެހުމެވެ. އެހެނީ އެ މުވާހަދާތަކުގެ ސަބަބުން މަސައްކަތްތެރީންގެ ހައްޤުތައް ރައްކާތެރިކޮށް ދޭނެ ގާނޫނުތަކެއް ވުޖޫދަށް އައުމެވެ.

މަސައްކަތްތެރީން ހާލުގެ ދުލުން މިއަދުވެސް އެ ގޮވަނީ ހައްގުތައް ހިމާޔަތްކުރެވިފައިވާ، އަދި ހަމަހަމަކަން ގާއިމު ކުރެވިފައިވާ ޑިމޮކްރެކް ވެއްޓަކަށެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރެ މަސައްކަތާއިގެސް މަސްއޫލުވެވޭނެ އަމާން ވެއްޓަކަށެވެ. މަސައްކަތްތެރިން އެދި ގޮވަނީ ހައްގުވާ މިންވަރު ހޯދުމަށެވެ. އޮހޮރުވާ ކޮންމެ ދާ ތިއްކަކުން އެމީހުންނަށް ލިބެން ޖެހޭ ހައްޤު މިންވަރު ހޯދުމަށެވެ. ޖުމްލަކޮށް އެމީހުން އެދި ގޮވަނީ މަސައްކަތްތެރި އަކަށް ވީތީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަންކަން ތަފާތުކުރުމެއް ނެތި ހަމަަހަމަ އުސޫލަކުން ކޮށްދިނުމަށެވެ. މަސައްކަތްތެރީންނަކީ ޤައުމުގެ ކުރިބޯށި ކަމުގައި ވީ ހިނދު އެ މަަސައްކަތްތެރިންގެ އާހުގެ އަޑު މިއަދު އަޅުގަނޑުމެން އަހަން ވެއްޖެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *