އާއިލާއަށް ފޮރުވައިގެން ދެ ކުޑަކުދިން ރަށެއްގައި ގެންގުޅުނު މައްސަލައިގަ ހައްޔަރު ކުރި އުމުރުން 29 އަހަރުގެ ފިރެހެެނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފިއެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފްސީޕީޑީއަށް ހުށަހަޅައިފައިވާ، އާއިލާއަށް ފިލައިގެން އުޅޭ ދެކުދިން ފޮރުވައިގެން ރަށެއްގައި ގެންގުޅޭ ކަމުގެ މައުލޫމާތު އެ ސަރަހައްދުގެ ފުލުހުންގެ މައި އިދާރާއަށް ލިބުމާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެ ރަށުން އެ ދެކުދިން ހޯދައިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ކަމަށް ބެލެވޭ ސާމާނުތަކަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސް ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކުޑަ ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އަދި މި މައްސަލައިގައި ހިމެނޭ ދެކުދިން އެފްސީއެސްސީ އާއި ހަވާލުކޮށް، އެކުދިންގެ އާއިލާއާއި ހަވާލު ކުރެވެންދެން ކުދިންނަށް ރައްކާތެރި މާހައުލެއްގައި ބައިތިއްބައިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.