ކިތަންމެ ނުތަނަވަސްކަމާއި ހާސްކަމާއެކު ދުވަސް ވޭތުކުރަމުން ދިޔަ ނަމަވެސް ކުޑަކުއްޖަކު ފެނުމުން ނުވަތަ ކުޑަ ކުއްޖަކު އުރާލުމުން އެ ނުތަނަވަސްކަން ފިލައި މީހާ އެއްކޮށް ހަމަޖެހޭކަން އިހްސާސްކުރެވޭ ހެއްޔެވެ؟ އެ ކުއްޖާގެ ގައިން ދުވާ މީރު ވަހާއި ކުއްޖާގެ މަޑުމަޑު އޮމާން ހަންގަނޑުގައި އަތްލުމުން ހިތައް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބޭކަން ފާހަގަ ނުވޭހެއްޔެވެ؟ ކުޑަކުއްޖަކު ފުރަތަމަ ފަހަރަށް އިނގިލީގައި ހިފުމުން އުފާވެރިކަމެއް ނުލިބޭހެއްޔެވެ؟ މިއީ ހަމައެކަނި ކުރެވޭ ހީތަކެއް ނޫނެވެ. މިއީ ހަމަ ހަޤީގަތުގައިވެސް ކަން ހިނގައިދާ ގޮތެވެ.
ކުދިން ޅައިރުގައި އެ ކުދިންނަށް ވަރަށް ސަމާލުކަން ބޭނުންވާނެއެވެ. މިގޮތުން އަދި ޚާއްސަކޮށް ކުޑަކުދިން އުރުމަކީ ވަކިން މުހިންމުކަމެކެވެ. އެއީ އެކުދިންގެ ހެދިބޮޑުވުމާއި މި ނޫންވެސް އެތައް ބޭނުމަކަށްޓަކައި ކުއްޖާ ކައިރީގައި ބޭއްވުން ނުވަތަ އުރުމަކީ ވަރަށް މުހިންމުކަމެކެވެ. ސްކިން-ޓު-ސްކިން ކޮންޓެކްޓް ނުވަތަ ހަންގަނޑާއި ހަންގަނޑު ޖެހިފައިވުމަކީ ކުޑަކުދިންނަށް ވަރަށް ބޭނުންވާ ކަމެކެވެ.
މީހުންގެ ސްޓްރެސް ފިލައިދޭ
ނިއުޔޯކުގެ ސައެންޓިސްޓުންތަކެއް އެކުވެ ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާގޮތުން، މީހުންގެ އަތަށް ކުއްޖަކު ހަވާލުކުރުމުގެ ކުރިންނާއި މީހުންގެ އަތައް ކުއްޖާ ހަވާލުކުރުމުގެ ފަހުން ސްޓްރެސް ހުންނަ މިންވަރު އަޅައިކިޔާއިރު ކުއްޖާއާއި 'ސްކިން-ޓު-ސްކިން' ކޮންޓެކްޓް ވުމުގެ ފަހުން ސްޓްރެސް ހުންނަ މިންވަރު ކުރިއަށްވުރެ މާބޮޑަށްވެސް ދަށެވެ.
މި ދިރާސާތަކުން ހޯދުނު އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި ސްޓްރެސް ވުމަކީ ކުއްޖާއާއި ބެލެނިވެރިންނާ އޮންނަ ގުޅުން ހީނަރުކުރުވާ ކަމެކެވެ. އަދި ހަމައެހެންމެ ޚާއްސަކޮށް ދަރިފުޅުގެ މައިމީހާގެ ސިއްހަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. އެހެންކަމުން ކުޑަކުދިން އުރުމަކީ ނުވަތަ ކުޑަކުދިން ކައިރިކޮށްގެން އުޅުމަކީ ވަރަށް މުހިންމުކަމެކެވެ.
ކުއްޖާއާއި ބެލެނިވެރިންނާއި ނުވަތަ އުރާ މީހަކާއި އޮންނަ ގުޅުން ބަދަހިވުން
މައިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުމާއި ބަފައިންނާއި ދަރިިންނާއި އޮންނަ ގުޅުމަކީ ވަރަށް ތަފާތު ދެ ގުޅުމެވެ. ގިނަ ހާލަތްތަކުގައި މައިންނަކީ ދަރިން އެންމެ ގާތް އަދި އެންމެ ލޯބިވާ މީހުން ކަމަށް ވިނަމަވެސް ބައެއް ހާލަތްތަކުގައި ދަރިން ރުޅިވެގެން އުޅޭ ވަގުތުތަކުގައި ބައްޕައާއި އާދަޔާ ޚިލާފު ގުޅުމެއް އޮންނަ ކަމަކަށް ދިރާސާތަކުން ދައްކައެވެ. މިގޮތުން ކުއްޖާ ރޯ ވަގުތުގައި ނުވަތަ ހަޅޭ ލަވާ ވަގުތުގައި އެ ކުއްޖެއްގެ ބައްޕަ އުރުމުން ކުއްލިއަކަށް ހަމަޖެހިގެންދާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރުވުން
ކުރެވުނު ގިނަ ދިރާސާތަކުން ދައްކާގޮތުގައި ކުއްޖާ އުރުމަކީ އެ ކުއްޖާގެ ހެދިބޮޑުވުމާއި ޑިވެލޮޕްވުމުގައި ޚާއްސަ އެހީއެއް ވެގެންދާ ކަމެކެވެ. މިގޮތުން ކުއްޖާ އުރުމުގެ ކުޑައިރުކޮޅެއް ފަހުން ކުއްޖާގެ ހޫނުމިނާއި ފިނިމިން އާދައިގެ ވަރަކަށް ބަދަލުވާ ކަމަށް ދިިރާސާތަކުން ދައްކައެވެ. އަދި ކުއްޖާގެ ނިދުމުގެ ސައިކަލްއާއި މި ނޫންވެސް ކަމުގައި މައްސަލަތަކެއް އުޅޭނަމަ ކުއްޖާ ގިނައިން އުރުމަކީ އެކަމުގެ ހައްލެއްކަމަށް ވަނީ ސާބިތުކުރެވިފައެވެ.