ބޮލީވުޑްގެ މަޝްހޫރު ބަތަލް ރިޝީ ކަޕޫރް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ކަށަވަރު ކޮށްދީފިއެވެ.
އިންޑިއާގެ ބައެއް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރިޝީ ކަޕޫރް މިދިޔަ އަހަރުން ފެށިގެން އެމެރިކާގައި ފަރުވާ ހޯދަނީ ކެންސަރު ބައްޔަށްކަމަށް ބުނެފައެވެ. އެގޮތުން، ރިޝީގެ ބޭބެ އަދި ކުރީގެ އެކްޓަރު އެކްޓަރު ރަންދީރު ކަޕޫރް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް އަންގާރަ ދުވަހު ބުނީ ރިޝީ މިހާރު ހުރީ ކެންސަރ ފްރީ ހާލަތުގައި ކަމަށާއި މާ ލަސްތަކެއް ނުވެ އެނބުރި އިންޑިއަށް ދާނެ ކަމަށެވެ.
"ފަރުވާގެ ކަންކަން އަދިވެސް ކުރިއަށް އެބަދޭ. އެކަމަކު މި ވަގުތު ރިޝީ ހުރީ ކެންސަރުން ސަލާމަތްވެފައި. މާ ލަހެއް ނުވެ އިންޑިއާ އަށް އެނބުރި އަންނާނެ،" ރިޝީ ފަރުވާ ހޯދަނީ ކެންސަރުގެ ކޮން ބާވަތަކަށްކަން ހާމަނުކޮށް އޭނާ ބުންޏެވެ.
ރިޝީ ކުއްލި ގޮތަކަށް ފަރުވާ އަށް ފުރީ ޖޫހީ ޗާވްލާއެކު ކުޅޭ ފިލްމެއްގެ ޝޫޓިން ވެސް ފަށާފައި ވަނިކޮށެވެ. އެކަމަކު އޭނާ ފުރުމާ އެކު އޭގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. ޖޫހީ ބުނެފައިވާ ގޮތުގައި އޭނާ މިހާރު އިންތިޒާރު ކުރަމުން އަންނަނީ ފަރުވާ ނިންމާފައި ރިޝީ އެނބުރި އިންޑިއާ އަށް އައިސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކަށެވެ.