"އައި ލޮސްޓް މައި ފައިވާން" މިހެން ކުއްޖަކު ބުނި އަޑު އިވުމުން އަޅުގަނޑު ދިޔައީ ސިއްސައިގެންނެވެ. ފައިވާން ގެއްލުނު ވާހަކަ ބުނަން އެ ކުއްޖާއަށް ދަސްކޮށްދީފައިވާލެއް ފުރިހަމަ ކަމާއޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. އެތަނުގަ ހުއްޓާ ދެންވެސް އިވެން ފެށި މިޒާތުގެ އެތައް ޖުމްލަތަކެކެވެ. "ޔޫ މެން" ، "އައިމެން" "މޯމް، ލެޓްސް ގޯ އެންޑް އީޓް ސަމް ހެދިކާ"، މި ފަދަ ޖުމްލަތައް އަޑު އިވެން ފެށުމުން ފެންކަޅިވިއެވެ. ސަހަރޯއެވެ. މިއީ އަދު މި މުޖުތަމައުގެ ޙާލަތެވެ. ދިވެހި ބަހާއި މެދު އަޅުގަނޑުމެން އިހުމާލުވަމުން ދާކަން އެ ތުއްތު ކުދިންގެ ޖުމްލަތަކުން ޔަޤީންވެ ކަށަވަރުވެއެވެ.

މިކަމުގައި ވިސްނާ ފިކުރުކުރުމުން އަދި ނިމުނީކީ ނޫނެވެ. ކުޑަ ދަރިފުޅު ބަލިވެގެން ސަރުކާރު ހޮސްޕިޓަލަށް ގޮސް އެތަނުގެ ކިއުގައި މަޑުކޮށްލައިގެން ހުރީމެވެ. އުމުރުން ފަންސާހުން މަތީގެ ދެމަފިރިން އައިސް އަޅުގަނޑު ކުރެން އެހީ، ދަތުގެ ފަރުވާ ތަނަކީ ކޮބާތޯއެވެ؟ "ޑެންޓަލް" މި ބަސް ބެނުންކޮށްގެން ދިވެހިން ލިޔުމުން އެ ފަރާތްތަކަށް ނޭނގޭނެ ކަމާއިމެދު ނުވިސްނީތީ ހިތާމަ ކުރަމެވެ. "ބްލަޑް ބޭންކް" ދިވެހިން ޖެހުމަށް ވުރެ "ލޭ ރައްކާ ކުރާ މަރުކަޒު" ނުވަތަ މިނޫންވެސް ދިވެހިވަންތަ ނަމެއް ޖަހާލާފަ ހުންނަނަމަ ގިނަ މީހުނަށް ފަހުމް ކަށަވަރެވެ.

މިފަދަ ކިތަންމެ ކިތަންމެ މިސާލެއް ނެގި ދާނެއެވެ. ގޭތެރޭގެ މާހައުލުން ފެށިގެން، ސުކޫލް މާހައުލާއި، މުޅި މުޖުތަމައުވެސް މިވަނީ މި ވަބާގައި ޖެހިފައެވެ. ބަހުގެ ތެރެއަށް އެހެން ބަސްތައް މަސްހުނިކޮށްލަނީއެވެ. އެމީހަކަށް ފެނުނު ގޮތަކަށެވެ. ދަރިން ތަރުބިއްޔަތު ކުރަނީވެސް މި ބީދައިންނެވެ. މުދައްރިސްއާ ބައްދަލުވާ ފުރަތަމަ ދުވަހު މަންމަ ބުނަނީ މިހެންނެވެ. "ދަރިފުޅު އިނގިރޭސިއަަށް ވަރަށް މޮޅުވާނެ، އެކަމަކު ދިވެހި ބަހަށް ވަރަށް ކޮށި ވާނެ!"އެވެ.

އެހެނަސް އަޅުގަނޑުމެންނަކީ ހަމަ ފަޚުރުވެރި ދިވެހިންނެވެ. މި ބިމަށް އުފަން ވީތީ ފަޚުރުވެރިވާ ދިވެހިންނެވެ. ދިވެއްސަކަށް ވީތީވެ، ފަޚުރުވެރިވާ ދިވެހިންނެވެ. މިނިވަން ދިދައިގެ ހިޔާ ދަށުގައި ފަޚުރުވެރިކަމާއެކު ދިރިއުޅޭ ދިވެހިންނެވެ. އެހެނަސް ދިވެހި ބަސް ދެކެ ލޯބިވަނީ މަދު ދުވަސްތަކެއްގައެވެ. އިނގިލން ގުނާލެވޭހާ މަދު ދުވަސްތަކެއްގައެވެ. މާދަރީބަހުގެ ދުވަހުގައި، އަޅުގަނޑުމެން ވަރަށް ދިވެހިވަންތައެވެ. ދިވެހިބަސް ކުރިއެރވުމަށް އެ ދުވަހު ފޫގަޅާލާ އަތުރުކުރި އޮޅާލައެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު "ޔޫ މެން "އައިމެން" "ގެޓް ޓްގެދަރ" ވެގެން "ރައިޑަކަށް" ދާން ނިކުމެއެވެ. އަނެއްކާވެސް މާދަރީ ބަހުގެ ދުވަހު ވީ އަހުދުތައް ހަނދާނަށް އަންނާނީ "ދިވެހި ބަހުގެ ދުވަހު"ގައެވެ. އެދުވަހުވެސް ހަމަ ވީވަރަކުން ދިވެހި ވަންތަވެ، މާދަރީ ބަހުގެ ދުވަހުގެ އަހުދުތައް ތަކުރާރުކޮށްލާނެއެވެ.

އަޅުގަނޑުމެންގެ ދިވެހި ބަސް ކިހާ ފުރިހަމަތޯއެވެ. އަކުރާ ފިލި ވަކިން ލިޔެލާފަ ހުންނައިރު ކިޔާލަން ފަސޭހަވެފަ ބަލާލަން ކިހާ ޗާލުހެއްޔެވެ. ބަހުގެ ދަރަޖަތަކުގެ ތެރެއިން ﷲ އާއި ރަސޫލާއަށް ޚާއްސަ ގަދަރުފުޅެއް ވަނީ އަރުވާއެވެ. ނުލާހިދު ދިގު ތާރީޚެއް އެބައޮތެވެ. ކާބަފައިންގެ ލައްކަ ގިނަ ގުރުބާނީތަކާއި، ވަގުތުތަކާއި، އިލްމު މި ބަހަށް ހުސްކޮށް ދިވެހި ބަސް މުއްސަނދިކޮށް އަޅުގަނޑުމެންނާއި މިވަނީ ހަވާލުކޮށްފައެވެ.

ފަޚުރުވެރިކަމާއިއެކު މި ބަސް ކުރިއަރުވަން އަޅުގަނޑުމެން އެންމެން މަސައްކަތް ފަށަންވެއްޖެއެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވާނަމަ، ދިވެހިބަހާއިމެދު މާ ފަޚުރުވެރިވާން ޖެހެއެވެ. ނޫނީ ތިމާވާނީ "ދިވެހި ބަހުން ވާހަކަދައްކަން ލަދުގަންނަ ފަޚުރުވެރި ދިވެއްސަކަށެވެ".

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.