ނިދުމަކީ އިންސާނާގެ ހަށިގަނޑާ ވަރަށް ގުޅުންހުރި އަދި ހަމަ އެހާމެ ފައިދާވެސް ހުރި ކަމެކެވެ. އިންސާނަކަށް ހަރުއެއްޗެއް ނުކައި ދެހަފްތާއަށްވުރެ ގިނަ ދުވަހު އުޅެވޭއިރު، ދިހަ ދުވަސް ވަންދެން އެއްވެސް ވަރަކަށް ނުނިދައި އުޅެފިނަމަ މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ސައިންސްވެރިން ހާމަކޮށްފައިވެއެވެ. އެހެންކަމުން މީގެއިންވެސް ނިދުމުގެ މުހިންމުކަން އެނގިގެންދެއެވެ. 

އާންމު ގޮތެއްގައި ނިދި ހަމަ ކުރުމަށް އަށް ގަނޑިއިރު ނިދުމަށް ސިއްހީ މާހިރުން ލާފާ ދެއްވި ނަމަވެސް، ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން އެހާވަރަށް ނިދި ލިބޭމީހުން ވަރަށް ވެސް މަދެވެ. އާންމު ގޮތެއްގައި ގިނަ މީހުނަށް ނިދިފައި ހުންނަނީ ދިރިއުޅުމުގެ ތިންބައި ކުޅަ އެއްބައިގައެވެ. އޭގެ މާނައަކީ އުމުރުން 90 އަހަރު ވަންދެން ދުނިޔޭގައި އުޅެފައިވާ މީހެއް ނަމަ، އޭނާ ދުނިޔޭގައި ހޭދަކުރި ދުވަސް ތަކުގެ ތެރެއިން 32 އަހަރު ހޭދަކުރަނީ ނިދުމުގައެވެ. 32 އަހަރު ނިދުމުގައި ހޭދަކުރާ ވާހަކަ ބުނުމުން ހަމަ ގައިމުވެސް ނިދުމަކީ އިންސާނަކަށް ވަރަށް މުހިންމު ކަމެއް ކަން ހާމަވެއެވެ.

ދުވާލު އެއްކޮށް މަސައްކަތުގައި އުޅެފައި ގެޔަށް އައިސް ރޭގަނޑުގެ ބޮޑު ބައި ނުނިދާ ފޯނާ ކުޅެން އޮތުމަކީ އަދުގެ ޒުވާނުންގެ އާދައެކެވެ. އެއީ ހަމަޔަށް ނިދުމަކީ ކިހާ މުހިންމުކަމެއްކަން ނޭނގޭ މީހުންނެވެ.  

ނިދިފައި އޮންނައިރު ހަށިގަނޑަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހީވި ނަމަވެސް އެ ގަނޑިއަކީ ހަގީގަތުގައި ސިކުނޑި އެންމެ ގަދަޔަށް މަސައްކަތް ކުރާ ގަނޑިއެވެ. ދިރާސާތަކުންނާއި ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުންނަމަ، ހަމަނިދި ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީ މީހާ ބަލިވުމަށް ނުވަތަ އުމުރު ކުރުވުމަށްވެސް މަގުފައި ކުރުވާ ކަމެކެވެ. އެހެންކަމުން ހަމަޔަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދުން މުހިންމެވެ.

ރޭގަނޑު ނިދުމުގައި އުނދަގޫ ތަކެއްވާނަމަ ދުވާލު ގަޑީގައި ނިދުން ހުއްޓާލުން ރަނގަޅެވެ. ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދާލުމަކީ މީހާ ބޯހަމަޖައްސައިދޭނެ ކަމެކެވެ. އެހެންނަމަވެސް މާ ގިނަ އިރު ނިދުމަކީ މީހާގެ ރޭގަނޑުގެ ނިންޖަށް ބުރޫ އަރާ ކަމެކެވެ. އެހެންކަމުން ދުވާލު ގަޑީގައި ނިދާ ވަގުތުކޮޅު ވީހާވެސް ކުޑަކުރުން ވަރަށް މުހިއްމެވެ. ހަމަ އެހެންމެ ނިދުމުގެ ކުރިން ކަސްރަތު ކޮށްލުމަކީވެސް ނިިދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ސަބަބަކީ ކަސްރަތު ކުރުމުން ސިކުނޑީގައި ހުންނަ ސެރޮޓިނިންގެ ޕްރޮޑަކްޝަން އަވަސްކޮށްދޭތީއެވެ. ހަމައެއާއެކު އެއީ ކޯޓިސޯލް ނުވަތަ ސްޓްރެސް ހޯމޯން ލެވެލް ދަށް ކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *