18 ވަނަ ރައްޔިތުންގެ މަޖިލިސްގެ އެންމެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާއަށް 12 ބިލަކާއި 101 އޮޑިޓް ރިޕޯޓެއް މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ގޮތުގެ ރިޕޯޓް ހުށަހެޅުމަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް ތައާރަފްކުރުމަށް އެޖެންޑާކޮށްފައިވާ ބިލްތަކަަށް ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ބިލްތައް ހިމެނެ އެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މިނިވަން މުއައްސަސާތައް މިހާރަށް ވުރެ ހަރުދަނާކުރުމަށްޓަކައި ފަސް މިނިވަން މުއައްސަސާއަކާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރަކައިގެ ބިލާއި، އަދި އިންތިގާލީ އަދާލަތުގެ ބިލް ހިމެނެއެވެ.

މާދަމާގެ ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެއިން ބިދޭސީންނަށް ބިން މިލްކުކުރުމާ ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ކުރިން އޮތް ގޮތަށް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ އިތުރުން 101 އޮޑިޓް ރިޕޯޓެއް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ. 

18ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މާދަން ބޭއްވިގެންދާއިރު އެއީ މި ދައުރުގެ 15ވަނަ ޖަލްސާއެވެ. 

19ވަނަ ރައްޔިތުންގެ މިޖިލީހަށް މެމްބަރުން  މިހާރު އިންތިހާބު ކުރެވިފައިވާއިރު، 18ވަނަ ރައްޔިތުންގެ މަޖިިޅިހުގައި އިސްކޮށް އުޅުނު ބައެއް މެމްބަރުން ވަނީ އިންތިހާބުން ބަލިވެފައެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހިމް އަބްދުﷲ ފާހަގަކޮށްލެވެއެވެ. 

އޭޕްރީލް މަސް ނިމުމާއެކު 18 ވަނަ މަޖިލިސް ނިމުމަކަށް އަންނާނެ އެވެ. އެއާއެކު ދެން ފެށޭނީ އަލަށް އިންތިޚާބުވެފައިވާ މެމްބަރުންނާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީސް ހުވާކުުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.