ރާއްޖެއަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އަންނަ މެއި މަހުގައި ކަމަށް މޯލްޑިވްސް މިޓިއޮރޮޖިކަލް އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް ދިން އިންޓަވިއުއެއްގައި މެޓް އޮފީހުގެ ޑިރެކްޓާ އޮފް މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވީ، މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް ހޫނު ގަދަވާ ދުވަސްވަރެއްކަމަށާއި، އަންނަ ހަފްތާވެސް ވެގެންދާނީ ހޫނު ދުވަސް ވަރަކަށް ކަމަށެެވެ. އަދި ރާއްޖެއަަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މެއި މަހުގެ ތެރޭކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަން ފާހަގަކުރައްވަމުން އަހުމަދު ރަޝީދު ވިދާޅުވީ އިއްޔެވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހުނު ކަމަށެވެ.
މި ހަފްތާގެ ހުރިހާ ދުވަހެއްގައި ރާއްޖޭގެ ފިނި ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ.
ހޫނުގަދަވުމާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްތަކުންދަނީ ފެނުގެ ދަތިކަމާއި ކުރިމަތިލަމުންނެވެ. އަދި ހަމަ އެހެންމެ، ހޫނު ގަދަވުމާ ގުޅިގެން ފެނުގެ ޑިމާންޑު ބޮޑުވެ، މާލޭގެ ފިހާރަތަކުން ވަނީ ފެން ވިއްކުން ލިމިޓްކޮށްފަ އެވެ.