މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރުއަކީ ރާއްޖޭގެ ޓުއަރިޒަމް ކުރިއަރުވާނެ ބޭފުޅެއްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެ ނިހާން ކުރެއްވި ޓުވީޓުގައިވަނީ، އަބްދުﷲ ޖާބިރްއަކީ ރާއްޖޭގެ ފަތުރުވެރިކަން އާއުސްމިންތަކަަށް ގެންދެވޭނެ ފަދަ ގާބިލް ބޭފުޅެއްކަމަށެވެ. އަދި އެއީ ނަޒާހަތްތެރި ޓުއަރިޒަމްއަކަށް ވެގެންދާނޭ ކަމަށްވެސް ނިހާން ވިދާޅުވެފައިވެއެވެ.
ނިހާން ޖާބިރްއަށް ތައުރީފް ކުރައްވާ ޓުވީޓު ކޮށްފައިވާއިރު، ޖާބިރު އަންނަނީ ތަފާފު އެކި ކަންތައްތައް އެބޭފުޅާ ތަމްސީލްކުރައްވާ ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ރާއްޖޭގައި އަރަބި ފަތުރުވެރިކަން ފުޅާކުރާނެ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވަނީ ކާށިދޫއަށް އިންވެސްޓަރުން އައުމަށް ދައުވަތު ދެއްވާފައެވެ. އަދި އޭނާ ފަށްޓަވަން ގަސްދު ކުރައްވާ ޕްރޮޖެކްޓް ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެބޭފުޅާ އަބަދުވެސް ހުންނަވާނީ ސަރުކާރާއި އެކު ސަރުކާރު ކުރިއެރުވުމުގައިމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.