ތަނަވަސްކަން ލިބިފައިވާ ހުރިހާ ކައުންސިލްތަކުން ރޯދައާއި ދިމާކޮށް ކޮންމެސް ވަރެއްގެ އެހީއެއް ވެދިނުމަށް މ.ކޮޅުފުށީ ކައުންސިލްއިން އެދިލައްވައިފިއެވެ.
"ޖަޒީރާ ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ވިދާޅުވީ, ކައުންސިލްތަކުން ކުރާ ކަންތައް ކުރަމުން ގެންދަނީ ރައްޔިތުންގެ މާލިއްޔަތުން ކަމަށެވެ. އެހެންކަމުން ތަނަވަސްކަން ލިބިގެންވާ ކައުންސިލްތަކުން މިފަދަ ކަންތައް ކޮންމެސް އެއް ފެންވަރެއްގައި ކުރެވިގެންދާނެ ކަމަށާއި އެހެންކަމުން އެފަދަ ކަންތަކަށް އެއްބާރުލުންދީ ރައްޔިތުންނަށް ކުޑަ ނަމަވެސް އެހީއެއް ވެދުނުމަށް ކޮޅުފުށީ ކައުންސިލުން ގޮވާލާކަމަށެވެ.
މީގެ އިތުރުން މިފަދަ އެހީ ތަކަކީ ރައްޔިތުންގެ އަމިއްލަ ޖީބުތަކުން ހަރަދު ނުކުރި ކަމުގައި ވިޔަސް އެފަދަ އެހީތެރިކަމަކީ ރައްޔިތުންނަށް ހައްގުވެގެންވާ އެއްޗެހި ކަމުގައިވެސް ކޮޅުފުށީ ކައުންސިލުން ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ އެފަދަ ތަނަވަސްކަން ނެތް ކައުންސިލްތައްވެސް ބައެއް ރަށްތަކުގައި ހުންނާނެ ކަމަށާއި އެހެންކަމުން އެފަދަ ރަށްތަކުގެ ރައްޔިތުން އެކަން ދަނެ ކައުންސިލްއަށް ކަންކަމުގައި އެއްބާރުލުންދޭން ވާނެ ކަމަށެވެ.
"ރައްޔިތުންނަކަށް އެ ރަށެށްގެ ކައުންސިލްގައި ހުރީ ކިހާ ވަރެއްގެ ކެޕޭސީޓީއެއްކަން ނޭނގިދާނެ އެންމެ ރަނގަޅަށް. މިސާލަކަށް އެހެން ކަންތައް އެހާ ވަރަށް ކޮށްނުދެވޭ ކައުންސިލްތަކަކީ އެއީ އަދި ރައްޔިތުންނަށް ކަންތައް ކޮށްނުދިނުމަށް ބޭނުންވާ ފަރާތްތަކެއްކަަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. ކައުންސިލްތައް ހޮވާފައި މިތިބީ ރައްޔިތުން ކަމަށްވާއިރު، ރައްޔިތުންނަށް ބޭނުންވާ ކަންތައްކޮށްދެވޭތޯ އެބޭފުޅުންވެސް ބަލާނެ. އެހެންކަމުން ރައްޔިތުންވެސް ވާނެ ކައުންސިލްތަކުން ކޮށްދޭ ކަންތައް ބަލަައިގަނެ އެއްބާރުލުންދޭން" ޝާމިލް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ ކައުންސިލްގެ ބަޖެޓުގައި އެފަދަ ކަމެއް ކުރެވޭ ވަރަށް ފައިސާ ނެތްނަމަ ރަށުގެ އެކި ފަރާތްތަކާއި ޖަމިއްޔާތައް ގުޅިގެންވެސް ރޯދައާއި ގުޅިގެން ރައްޔިތުންނަށް ކޮންމެސްވަރެއްގެ އެހީއެއް ހޯދައިދެވޭނެ ކަމަށެވެެ.
އެގޮތުން ފުދުންތެރިކަން ލިބިފައިވާ ކައުންސިލްތަައް ރައްޔިތުންނަށްޓާކައި އެއްލަކައެއްހާ ރުފިޔާ ހޭދަކޮށްލުމަކީ ގޯހެއްކަމަށް އެބޭފުޅުން ގަބޫލުނުކުރައްވާ ކަމަށެވެ.
އެގޮތުން އަދިވެސް ވަގުތު ފާއިތު ނުވާކަމަށާއި ކަައުންސިލްތަކުގައި ހުރި ފައިސާއަކީ ރައްޔިތުންގެ ފައިސާކަން ދަނެ ރައްޔިތުންނަށް އެހީވުމަަށް އެބޭފުޅުން އެދޭކަމަށް ކޮޅުފުށި ކައުންސިލްއިން ވިދާޅުވިއެވެ.
ރޯދަޔާ ދިމާކޮށް ކޮޅުފުށި ކައުންްސިލުންވެސް ވަނީ އެ ރަށުގެ ރަޖިސްޓްރީގައިވާ ކޮންމެ ގޭބީސީއަކަށް ފިޔާ ބަސްތާއަކާއި ބިސްކޭހެއްގެ އިތުރުން ވިހި ލީޓަރގެ ތެޔޮ ހަމެއްދޭން ނިންމާފައެވެ.