އަންނަ ހޯމަ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިސްތިސްގާ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަންނަ ހޯމަ ދުވަހު ރާއްޖޭ ހުރިހާ ހިސާބެއްގައި އިސްތިސްގާ ނަމާދު ކުރަން ނިންމެވީ، ރާއްޖޭގެ ބައެއް ހިސާބު ތަކަށް ވާރޭނުވެހި ގިނަ ދުވަސް ވެފައި ވުމުން ރައްޔިތުން ފެނަށް ޖެހެމުންދާތީ ކަމަށެވެ.
އިސްތިސްގާ ނަމާދު ކުރަން ހަމަޖެހިފައިވަނީ، ހޯމަ ދުވަހު މެންދުރު ނަމާދަށް ފަހުގައެވެ. ވެރިރަށް މާލޭގައި މި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި މި ނަމާދު ކުރަން ހަމަޖެހިފައިވަނީ، އެ ރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި ކަމަށެވެ.
މިދުވަސްވަރަކީ، ރާއްްޖޭގެ ބައެއް ހިސާބުތަކަށް އަދާޔާއި ހިލާފަށް ހޫނު ގަދަ ދުވަސްވަރެކެވެ.