މ. ކޮޅުފުށި ކައުސިލުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އެރަށުގެ ކޮންމެ ގޭބިސީއަކަށް ފިޔާ ބަސްތާއަކާއި ބިސްކޭހެއްގެ އިތުރުން 20 ލީޓާރ ގެ ތެޔޮ ހަމެއް ދިނުމަށް ނިންމައިފިއެވެ.
ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ، އެ ރަށުގައި ރެޖިސްޓްރީ ކޮށްފައިވާ ކޮންމެ ގެއަކަށް ފިޔާ ބަސްތާއަކާއި ބިސްކޭހެއްގެ އިތުރުން 20 ލީޓަރގެ ތެޔޮ ހަމެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން އެ ތަކެއްޗަކީ ކައުންސިލްގެ ފަރާތުން އެކި ގޮތްގޮތަށް ބެލުމަށްފަހު ރައްޔިތުންގެ ހިޔާލާއިއެކު ރައްޔިތުންނަށް އެންމެ ބޭނުންވާނެ ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެވުނު ތަކެތި ކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ރަށުގައި އެބަހުރި 184 ގެ. އެހުރިހާ ގެތަކަށް އަޅުގަނޑުމެން ކޮންމެ ވައްތަރަކުން އެއްޗެއް މިހަދިޔާ ކުރަން ނިންމާފައިވަނީ. މި ކަމަކީ ހަމަ ރައްޔިތުންނަށްވެސް ނުހަނު މުހިންމު ފައިދާހުރި ކަމަކަށް ގަބޫލުކުރެވޭ. ރައްޔިތުންގެ ފަރާތުންވެސް މިކަން ބޭނުންވާކަން އަޅުގަނޑުމެންނަށް އޮތީ ތަންކޮޅެއްކުރިންވެސް އެނގިފަ." ޝާމިލް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދައިން ރައްޔިތުންނަށް ރޯދަޔާ ގުޅިގެން ހަދިޔާ ދިނުމަށް ފިނޭންސްގެ ފަރާތުން ނަގަން ޖެހޭ ހުއްދަ ލިބިފައިވާ ކަމަށާއި، އަންނަ ހުކުރުދުވަހާއި ހިސާބަށް ރަށަށް އެ ތަކެތި ގެނެވޭ ވަރު ވާނެ ކަމަށެވެ. އަދި މީގެ އިތުރުން އެންމެ ލަސްވެގެން ރޯދަަމަހުގެ ފުރަތަމަ ހަފްތާ ތެރޭ އެތަކެތި ހުރިހާ ގޭބިސީތަކަށް ބަހައި ނިންމާލެވޭނެ ކަމަށްވެސް ކައުންސިލްގެ ރައީސް ޝާމިލް ވިދާޅުވިއެވެ.
ކޮޅުފުށި ކައުންސިލްއަކީ އެ ރަށުގެ ތަރައްޤީއަށާއި އިޖުތިމާއީ ކަންތަކުގައި އެ ކައުންސިލްގެ ފެންވަރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން އަންނަ ބައެކެވެ.
މީގެ އިތުރުން ކައުންސިލްގެ ރައީސް ވަނީ ރަށުފެންވަރުގައި ކައުންސިލްގެ ފަރާތުން ކުރާ ކަންތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ބަލައިގަނެ ޝުކުރު ދަންނަވާފައެވެ.
" މި ކަމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުން ކޮޅުފުށީ ރައްޔިތުންނަށް. ކޮޅުފުށީ ރައްޔިތުންނަކީ އަބަދުވެސް ކޮޅުފުށީ ކައުންސިލްއަށް ވަރަށް އެހީތެރިވެ އެއްބާރުލުން ދެއްވާ ރައްޔިތުން. އެ ގޮތުން މި ކަންކަމުގައި އަޅުގަނޑުމެން ރައްޔިތުންނަށް ގޮވާ ގެނެސް ބައްދަލުނުކުރިޔަށް ރަށުގެ ރައްޔިތުންގެ ކިބައިން މި މަސައްކަތައް ވަރަށް ޕޮޒިޓިވް ހިޔާލްތަކެއް ލިބިގެން ގޮއްސަ" ޝާމިލް ވިދާޅުވިއެވެ.
ރޯދަޔާ ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކުގެ ކައުންސިލްތަކުން ދަނީ އެ ކައުންސިލް އިދާރާތަކުގެ ފެންވަރުން ރައްޔިތުންނަށް ކޮންމެސް ވަރެއްގެ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެ ގޮތުން ބައެއް ރަށްތަކުގެ ކައުންސިލުން ރޯދަ މަހުގައި ކަރަންޓް ބިލް ގެ ވަކި ވަރެއްގައި ހިފުމާއި، އެ ރަށެއްގެ ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭސް ފަދަ ތަކެތި ދޭން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.