މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު، ކ. އަތޮޅު މަދަރުސާއަށް ބައިލައްކަ ރުފިޔާދޭން ނިންމައިފިއެވެ.
ކ. އަތޮޅު މަދަރުސާގެ ބެލެނެވެރިންގެ ޖަމިއްޔާގެ ފަރާތުން ބޭއްވި ކާބޯތަކެތީގެ މައުރަޒު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެ ރަށު މަދަރުސާއަށް ބައިލައްކަ ރުފިޔާ ދޭން ނިންމާފައިވާ ކަމަށާއި، އޭގެ އިތުރުންވެސް ކާށިދޫ ތަރައްގީ ކުރުމަށް އެކި މަސައްކަތްކަތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ ގޮތުން މުޅި ރާއްޖޭގައި އެޅިގެންދާނެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިރޓީ ކާށިދޫގައި އަޅާނެކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުން ހުރީ ހަމަ އެކަނި އެޑިޔުކޭޝަން ދާއިރާއަށް ނޫންކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ކާށިދޫގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާއިރުގައި، ތިމާވެށީގެ ގޮތުން ހުރި މައްސަލަތަކަށްވެސް ބަލާނެ ކަމަށެވެ.
ކާށިދޫ އޮތޮޅު މަދަރުސާގެ ބެލެނިވެރިން އިސްނަގައިގެން ޕީޓީއޭ ކާބޯތަކެތީގެ މައުރަޒުގެ ނަމުގައި ބޭއްވި މި މައުރަޒުގެ މަގުސަދަކީ، ސުކޫލުގައި ދަރިވަރުންނަށް ހަދައިދިނުމަށް ހަމަ ޖެހިފައިވާ ޕާކިންގް ޒޯން ހެދުމަށް ލާރި ހޯދުމެވެ.
ކ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ މަދަރުސާގެ ޕީޓީއޭ އަކީ ވަރަށް ހިންގުތެރި ޕީޓީއޭއެއް ކަމަށެވެ. އަދި ޕީޓީއޭގެ ފަރާތުން ބާއްވާ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހި ވާކަމަށެވެ.