އެމްޓީސީސީގެ ފަރާތުން ތ.ބުރުނިން، ދ.ކުޑަހުވަދޫ އަށް ފެރީގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.

ތ.ބުރުނިން ދ.ކުޑަހުވަދޫ އަށް މިއަދު ފެށި ފެރީގެ ހިދުމަތް ފެށުމަށް ބުރުނީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތަށް ފަހު، 1:30 އެހާ އިރުއެވެ.

ބުރުނީ ކައުންސިލްގެ ރައީސް އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްޓީސީސީގެ ފަރާތުން ތައާރަފް ކުރި ފެރީގެ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ތަކެއް ވާނެ ކަމަށެވެ. ކުރިން ކުޑަހުވަދޫއަށް ޑޮކްޓަރަށް ދައްކަން ދާން ވެސް ވަރަށް ގިނަ ވަގުތު ނަގާ ކަމަށާއި، ފެރީގެ ހިދުމަތް ތައާރަފް ކުރުމާއި ގުޅިގެން އެކަމަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ރަށުން މާލެއަށް ދާން ނަގާ ވަގުތު އެބަ ނަގާ އަތޮޅުގަ ތިމަރަފުއްޓަށް ގޮސް ހިދުމަތް ހޯދަން. އެއީ އަތޮޅު ފެރީގަ ހެނދުނު 6:00ގަ މިދަނީ ތިމަރަފުއްޓަށް، އަދި އެނބުރި އާދެވޭނީ އިރުއޮއްސި 6:00 އަށް. އެކަމަކު މިހާރު ތައާރަފުކުރާ ހިދުމަތުން ކުޑަހުވަދޫއަށް ދެވޭނެ އެއްގަޑިއިރާ ފަނަރަ ވަރަކަށް މިނެޓުން." ޒަރީރު ވިދާޅުވިއެވެ. 

ބުރުނީ ކައުންސިލް އިދާރާގެ ރައީސް އިތުރަށް ވިދާޅުވީ، ފެރީގެ ހިދުމަތް ފެށުމަކީ، އެ ރަށު ރައްޔިތުން ވަރަށް ދުވަސް ވަންދެން އިންތިޒާރު ކުރަމުން ދިޔަ ކަމެއް ކަމަށެވެ. އަދި ފެރީގެ ހިދުމަތް ތައާރަފް ވުމުން ބުރުނީ ރައްޔިތުންނަށް ކުޑަހުވަދޫގައި ހުންނަ އެއަރޕޯޓުން އަދި ހޮސްޕިޓަލުން ހިދުމަތް ހޯދުމުގައި ވަރަށް ބޮޑެތި ފަސޭހަ ތަކެއް ވެގެން ދާނެ ކަމަށެވެ.

ތ.ބުރުނި އަދި ދ.ކުޑަހުވަދޫ، މިދެ ރަށް ފެރީގެ ހިދުމަތުން ގުޅާލުމަކީ، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ވިލިފުށި ދާއިރާއަށް ކުރިމަތި ލެއްވި ހަސަން އަފީފު ވެވަޑައިގެންނެވި ވައުދެކެވެ. ހަސަން އަފީފު ވަނީ ވިލިފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.