ޒަމާން މިވަނީ ބަދަލުވެފައެވެ. ވެރިރަށް މޭލާގައި ހިނގާ ހާދިސާއެއް ރަށްފުށުގައި ދިރިއުޅޭ މީހުންނަށް ނޭނގި ހަފްތާއެއް ވެގެންދާ ދުވަސް މިއަދު މިވަނީ މާޒީއާއި އެކުވެފައެވެ. މިޒަމާނަކީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ހިނގާ ކޮންމެ ކަމެއްގެ މައުލޫމާތު ވެސް ސިކުންތު ކޮޅެއް ތެރޭގައި އަޅުގަނޑުމެންނާއި ހަމައަށް ފޯރާ ޒަމާނެވެ. މިއަދު ދުނިޔެ މިވަނީ އަޅުގަނޑުމެން އިންސާނުންގެ އަތުގެ މުށުތެރެއަށް ލެވޭހާ ވެސް ކުޑަ އެއްޗަކަށް ވެފައެވެ. ދުނިޔެ މިވަނީ އެހާ ވެސް ތަރައްގީ ވެފައެވެ. ދުނިޔެ މިއަދު ދެކެމުން މިދާ ތަރައްގީ އާއި ތަހްޒީބުގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރާ ކަމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. 

މީހަތަނަށް ދުނިޔެ ދުށް އައު އީޖާދުތަކުގެ ތެރެއިން އެއް އީޖާދަކީ މޯބައިލް ފޯނުގެ އީޖާދެވެ. ފޯނު ބޫތު ތަކާއި ނުވަތަ ކޮންމެ ރަށެއްގެ ކަތީބު ކަން ކުރާ ގޭގައި ފޯނެއް އޮތް ދުވަސްވަރު ވެސް މިވަނީ މާޒީ އާއި އެކު ވެގެން ގޮސްފައެވެ. މިއަދު ކުއްޖާގެ އުމުރުން އެންމެ ފަސް އަހަރުވެސް ނުވަނީސް އެންމެ ފަހުގެ ސްމާޓް ފޯނެއް ގަނެފައި ދޭނެއެވެ. ނަތީޖާއަކަށް ވަނީ ކުއްޖާގެ ޅަ އުމުރުގައި ފޯނަށް ދެވި ހިފުމެވެ. މިއަދާއި، އަޅުގަނޑުމެންގެ ކުޑަ އިރާއިވެސް ހާސް ބައި ތަފާތެވެ. އަޅުގަނޑުމެން ކުޑައިރު ނުވަތަ ކިޔެވި ދުވަސްވަރު ފޯނެއް ލިބޭނީ ކިޔަވައި ނިމުމުންނެވެ. ނަމަވެސް އެ ޒަމާން ވެސް މިވަނީ މާޒީއާއި އެކު ވެގެން ގޮސްފައެވެ. މިއަދު މިއުޅޭ ކުދިންގެ އަތުން ފޯނު ދޫވެސް ނުވާނެއެވެ. ފޯނާއި ކުޅުމުގައި ގިނަ ވަގުތު ހޭދަކުރުން ނުން ކަމެއް ގިނަ ކުދިން ނުކުރާނެއެވެ.

ސުވާލެއް ކޮށްލަން ތޯއެވެ؟ އަބަދު ފޯނާއި ނުކުޅެ ހަމަ ނުވަނީ ތޯއެވެ؟ ނުވަތަ 24 ގަޑިއިރު ފޯނާއި ނުކުޅެވޭ ނަމަ ހިތަށް ހަމަ ޖެހުމެއް ހަމަ ނުލިބެނީ ތޯއެވެ؟ އަބަދު ފޯނާއި ކުޅެގެން ވަކި ފައިދާއެއް ވޭ ހެއްޔެވެ؟ މީހުންނާއި ޗެޓް ކުރަން ނުވަތަ ގޭމް ކުޅެން، ފޯނު ހިފައިގެން ހޭދަކުރާ ވަގުތުތަކަކީ ދިރިއުޅުމުން ހަމަ ބޭކާރު ވެގެންދާ ވަގުތު ތަކެކެވެ. ފޯނުން ގޭމް ކުޅެން ނުވަތަ ޗެޓް ކުރުމުގައި ނުވަތަ ފޭސްބުކު ނިއުސް ފީޑް ހާވަން ހޭދަކުރާ ވަގުތު، ކޮންމެވެސް އޮއްޓަރު ހުރި ނުވަތަ ފައިދާ ހުރި  މަސައްކަތެއް ކުރުމުގައި ހޭދަ ކުރާނަމަ ހަމަގައިމުވެސް ދިރިއުޅުމުގައި ކާމިޔާބުތައް ހާސިލުކުރުމަށް ފަސޭހަ ވާނެއެވެ. 

މިއަދު މިއުޅޭ ބައެއް ޒުވާނުން، ފޯނަށް ދެވިހިފާފައި ހުރިލެން ބޮޑު ކަމުން ނަމާދު ވަގުތުތައް ފާއިތު ވެގެން ދާއިރުވެސް ރޭކާއެއް ނުލައެވެ. މިއީ ހަމަގައިމުވެސް ހިތާމަ ކުރަންޖެހޭ ކަމެކެވެ. ނަމާދު ކޮށްފައި އައިސް ވެސް ފޯނާއި ކުޅެވިދާނެ އެވެ. ނުނީ އިރުކޮޅަކަށް ވެސް ފޯނު އަތުން ދޫކޮށްލައިފިނަމަ ތިބާގެ ގައިން ބައެއް މަދުވަނީ ތޯއެވެ؟ ރޯދަމަހެއް ވަކި މަހެއް ނޯވެއެވެ. ފޯނާއި ކުޅުމުގައި ވަގުތުތައް ހޭދަކުރުން ނުން އެހެން ކަމެއް ބައެއް މީހުންނަށް ކުރެވޭ ކަމަކަށް ނުވެއެވެ. ކާން އިންނައިރުވެސް، ކާތައްޓަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މިހާގެ ސަމާލުކަން ހުންނާނީ ފޯނަށެވެ. ދެން ކާއިރު އަނގައެއް، ނޭފަތެއް ނުވަތަ ދަތްދޮޅިއެއް ވަކި ވާނީ ކިހިނެއް ތޯއެވެ؟

އަޅުގަނޑުމެންގެ ގައިގައި ހަރުލާފައި މިވާ، ފޯނާއި ކުޅުމުގައި ވަގުތުތައް ހޭދަކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރެއިން ނެރެލަން ވެއްޖެއެވެ. އަމިއްލަ އަށް ތަންކޮޅެއް ހަރުދަނާ، ޒިންމާދާރު މީހަކަށް ވެގެން އަބަދު ފޯނާއި ކުޅުމުގައި ވަގުތު ހޭދަކުރާ މިންވަރު މަދުކުރަން ވެއްޖެއެވެ. ކިޔަވައި ދުވަސްވަރުވެސް ފިލާވަޅު ދަސްނުކޮށް ފޯނުން ތަފާތު ގޭމްތައް ކުޅުމުގައި ވަގުތު ހޭދަކުރާ މިންވަރު މަދު ކުރަން ވެއްޖެއެވެ. އޭގެ ބަދަލުގައި ފިލާވަޅު ދަސްކޮށް ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަން ދަސްކުރާށެވެ. ފަހުންވެސް ފައިދާ އެއް ވާނީ އޭރުންނެވެ. މިއަދު ވިސްނާ ނުލައި ތިހެން އުޅެން ވެއްޖެ ނަމަ މާދަމާ ޖެހޭނީ ކަރުނަ އަޅައި ރޯށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *