ދިގު، ވަރުގަދަ އިސްތަށިގަނޑެއް ބޭނުންވާ މީހުންގެ އަދަދު ވަރަށް ގިނައެވެ. ނަމަވެސް އެފަދަ އިސްތަށިގަނޑެއް ހޯދަން މަސައްކަތް ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުން، އިސްތަށިގަނޑު ދިގުކުރުމަށް ކުރެވޭނެ މާކަ ބޮޑު ކަމެއް ނޯވެއެވެ. އެހެން ކަމުން އެމީހުން އިސްތަށިގަނޑު ދިގުކުރުމަށް ނުހަނު ގިނަ ދުވަސްތަކެއް އިންތިޒާރު ކުރެއެވެ. އަދި ބައެއް މީހުން އިސްތަށިގަނޑު ވަކި ހިސާބަކަށް ދިގުވުމުން، އެންމެ ބޭނުންވާ ވަރަށް ދިގު ނުވި ކަމަށް ނިންމައި ، އިސްތަށިގަނޑު ކުރުކޮށް ކޮށާލައެވެ.

މިފަދަ ކަންކަމާ މިހާރު މާޔޫސްވާކަށް ނުޖެހެއެވެ. އިސްތަށިގަނޑު ދިގުކޮށް ވަރުގަދަކުރުމަށް ގޭގައި ހުރެވެސް މަސައްކަތް ކުރެވިދާނެއެވެ. ބޭނުންވަނީ ހަމައެކަނި ކާއެއްޗެއްސަށް ނުވަތަ ޑައެޓަށް ބަދަލެއް ގެންނާށެވެ. ކުރެވިފައިވާ ގިނަ ދިރާސާތަކާއި، ހޯދިފައިވާ ގިނަ ހޯދުންތަކުން ދައްކާ ގޮތުގައި، ހަށިގަނޑަށް އެތެރެ ކުރެވޭ ކާނާއަކީވެސް އިތަށިގަނޑު ހެދުމުގައި އިސް ދައުރެއް އަދާކުރާ އެއްޗެކެވެ. މިގޮތުން އިސްތަށިގަނޑު އަވަހަށް ދިގުވުމަށް މަގުފަހި ކުރުވާ ބައެއް ކާނާގެ ބާވަތްތައް ބަޔާންކޮށްލަމެވެ.

ބިސް

ބިހަކީ ބައޮޓިންގެ މާއްދާއިން ފުރިފައިވާ ކާނާއެކެވެ. ބައޮޓިން އަކީ އިސްތަށިގަނޑު އަވަހަށް ހެދުމަށް އެހީވެދޭ މިނަރަލް އެކެވެ. އިސްތަށިތައް ފީވުމާއި ހިމަވުމަކީ ހަށިގަނޑުގައި ބައޮޓިންގެ މާއްދާ މަދުކަމުގެ އަލާމާތެކެވެ. މީގެ އިތުރުން ބިހުގައި އެކުލެވޭ އެލް-ލައިސިން އާއި ވިޓަމިން ޑީ އަކީ އިސްތަށިގަނޑު އަވަހަށް ދިގުވެ، އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އިސް ދައުރެއް އަދާ ކުރާ، ފައިދާހުރި މާއްދާތަކެކެވެ.

ބަދަން

ބަދަނަކީ އިސްތަށިގަނޑު އަވަހަށް ދިގުވުމަށް ބޮޑު އެހީއެއް ފޮރުކޮށްދޭ މާއްދާއެއް ކަމަށްވާ، ސެލީނިއަމް މަތީ މިންވަރަކަށް އެކުލެވިގެންވާ ކާނާއެކެވެ. ފަހުގެ ދިރާސާތަކާއި ހޯދުންތަކުން ދައްކާ ގޮތުން، ސެލީނިއަމް އަކީ އިސްތަށިގަނޑު ބާރަށް ދިގުވުމަށް އެހީވުމުގެ އިތުރުން، އިސްތަށި ފޭބުމާއި، ބޮލުގައި ހަންފޮޅުމާއި، އިސްތަށިގަނޑު ވަރުގަދަކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ މާއްދާއެކެވެ. އެހެންކަމުން ބަދަން ފަދަ ސެލީނިއަމް އެކުލެވޭ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.

ކަނޑުމަސް

ކަނޑުމަހަކީ ދިވެހިންނާއި އެންމެ ރައްޓެހި ކާނާގެ ބާވަތްތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. ދިވެހިންގެ އިޤްތިޞާދުގެ ލޭ ނާރަކީވެސް މަސްވެރިކަމެވެ. އެހެން ކަމުން، އޮމެގާ-3 ފެޓީ އެސިޑް އަދި ވިޓަމިން ޑީ އިން މުއްސަނދިވެފައިވާ މި ބާވަތުގެ ކާނާ ހޯދުމަކީ ދިވެހިންނަށް ވަރަށް ފަސޭހަކަމަކަށް ވާނެއެވެ. މި ދެ މާއްދާއަކީވެސް، އިސްތަށިގަނޑު ވަރުގަދަކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑު ދިގުވާ ދުވެލި ބާރުކޮށްދޭ، ފައިދާހުރި ދެ މާއްދާއެވެ.

ވިޓަމިން ޑީ އެކުލެވޭ ކާނާތައް

ވިޓަމިން ޑީއަކީ އިސްތަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާއެކެވެ. މިގޮތުން ގިނަ އަދަދަކަށް ވިޓަމިން ޑީ ގެ މާއްދާއެކުލެވޭ ކާނާތަކަށް ބަލާއިރު، އޮރެންޖު، ޔޯޖަޓު، މާޖިރިން، މަސް، ގެރިމަސް، ޗާޒް އަދި މަޝްރޫމްވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.