ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ނިމިގެންދިޔަ މަޖިލިސް އިންތިހާބުން ބަލިވި ޕާޓީތަކުގެ ވަޒީރުން އަވަހަށް އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާއަށް ހޮވިވަޑައިގެންނެވި އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޕީއެސްއެމްއަށްދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެންމެ ބުއްދިވެރި ގޮތަކީ އިންތިހާބުން ފެއިލްވި ޕާޓިތަކުގެ ވަޒީރުން ވީހާވެސް އަވަހަކަށް އިސްތިއުފާ ދެއްވުން ކަމަށެވެ. ސަބަބަކީ މިހާރު އެމްޑީޕީގައި އެއަށްވުރެ މާ ޤާބިލު މީހުން ތިބުން ކަމުގައި ޖާބިރު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރިއިރު، 41 ކެންޑިޑޭޓުން ވާދަކޮށްގެން ޖުމްހޫރީ ޕާޓީ އަށް ލިބިފައިވަނީ އެންމެ ފަސް ގޮނޑިއެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް އަށް އެންމެ ގޮނޑި އެއް ލިބުނުއިރު އަދާލަތު ޕާޓީ އަށް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.
"އެމްޑީޕީގެ ޒަމާންވީ ބޭފުޅުން އެބަ ތިއްބޭ ވަޒީރުކަމަށް ތައްޔާރުވެ، ފަރިވެގެން. ހެދުންލައިގެން ތައްޔާރަށް" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެ ޕާޓީތަކުން ފޮނުވި ބޭފުޅުން ވަޒީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ވެސް އެ ބޭފުޅުން ކަމުނުދާ ވާހަކަ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދާއި އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ގާތުގައި ދެންނެވި ކަމަށެވެ. ނަމަވެސް އޭރު އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވީ ރައީސް ރަހީނުކޮށްގެން ބެހެއްޓުމަށްފަހު ކަމަށް ޖާބިރު ވިދާޅުވިއެވެ.
"މިއަދު ރައީސް އަކީ މިނިވަނެއް. އެ ބޭފުޅާގެ މައްޗަށް ބާރު ނުފޯރުވޭނެ އެއްވެސް މީހަކަށް. ގާނޫނު އަރާ ހަމަކުރާނެ އެ މީހަކަށް. ވަގުތުން ވަގުތަށް" ޖާބިރު ވިދާޅުވިއެވެ.