މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަން އޮތް އެއް ކަމަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރު ކަނޑައެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާދަމާ ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވީ ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމު ކަން ޒުވާނުން ގަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. 

އެގޮތުން ބިދޭސީން ކުރަމުންދާ މަަސައްކަތްތަކާއި ދިވެހިން ހަވާލުވުމަކީ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަރާމު ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި މަކަރާއި ހީލަތުން އޮޅުވާލައިގެން އެ މީހުން ލައްވައި މަސައްކަތް ކުރުވުމަކީ ވެސް މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަންތައްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށާއި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމާއި، ގާނޫނާ ޚިލާފަށް އިންޒާރު ދިނުމާއި ވަޒީފާއިން ވަކި ކުރުން ފަދަ ކަންކަން ސަރުކާރު ތެރޭގައި ނޫނަސް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އަދި އެކަށީގެންނުވާ ތަންތަނުގައި ބިދޭސީން ބެއިތިއްބުމާއި އެ މީހުންނަށް މުސާރަ ނުދިނުން ފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.

"ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހިން ނެރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މި އަންނަނީ މަޝްވަރާ ކުރަމުންނެވެ." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާސީ ނުފޫޒުން މީހުން ވަޒީފާއިން ވަކި ކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުމަކީ ވެސް މިދިޔަ އަހަރުތަކުގައި މަސައްކަތްތެރިން ކުރި ތަޖްރިބާތައް ކަމަށާއި އެފަދަ މީހުންގެ ވަޒީފާތައް އަނބުރާ އިއާދަކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ރައީސްގެ ޚިތާބުގައިވެއެވެ. އެގޮތުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް މިދިޔަ އަހަރު ހުށަހެޅި އެފަދަ މައްސަލަތަކުގެ ތެރެއިން 90 އިންސައްތަ މައްސަލަތަކުގައި ވަޒީފާ އަނބުރާ ދޭން އަމުރު ކޮށްފައިވާ ކަމަށްވެސް އެ ޚިތާބުގައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *