އިންޑިއާ މެލޭޝިއާ އަދި ސްރިލަންކާ ގައި އުޅޭ ދިވެހިންނަށް ހާއްސަ ކޮށްގެން ތައަރަފު ކުރި "މެރަނާ" ސްކީމުގެ ދަށުން އެގައުމުތަކުގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނީ އޭގެ ތެރެއިން އެއް ސްކީމެއްގައި ކަމަށް އާސަންދައިން ބުނެފިއެވެ.
އިއްޔެ ތައާރަފް ކުރި މެރެނާ ސްކީމާއި ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އާސަންދަ ކޯޕަރޭޝަނުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އައިމިނަތު ޒީނިއާ ވިދާޅުވީ، މެރެނާ ސްކީމުގައި އެތިން ގައުމުގައި ދިރިއުޅޭ ރައްޔިތުން ރަޖިސްޓްރީ ވާ ހިސާބުން ހުސްނުވާ އާސަންދަ އެގައުމުތަކުގައި އުޅޭ ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ.
"ދެ ސްކީމް މިއޮތީ ވަކިކޮށްފައި. އެއްވެސް ރައްޔިތަކަށް ދެ ސްކީމްގެ ތެރެއިން ހިދުމަތް ލިބޭގޮތަކަށް ނޫން އޮންނަނީކީއެއް. ޗޫޒް ކުރަން މިޖެހެނީ ހުސްނުވާ އާސަންދަ ސްކީމްތޯ ނުވަތަ މެރަނާ ސްކީމްތޯ ރާއްޖެއިން ބޭރުގައި އުޅޭ ބޭފުޅުން ނަންގަވާނީ،" ޒީނިއާ ވިދާޅުވި އެވެ.
ޒީނިއާ އިތުރަށް ވިދާޅުވީ، މެރަނާ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރާ އިރު މާލީ އެހީ ލިބޭނީ އެ ތިން ގައުމުގައި މަދު ވެގެން 6 މަސް ދުވަހު އުޅެފައިވާ މީހުންނަށް ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާސަންދައިންގެ ފަރާތުން އިތުރަށް ވިދާޅުވީ، މެރަނާ ސްކީމުން ވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ނަމަ އައިޑީ ކާޑް ދެއްކުމުން ހިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް އެޑްމިޓްނުކޮށް ފަރުވާ ހޯދާނަމަ ޖެހޭނީ ފައިސާ ދީގެން ފަރުވާ ހޯދުމަށް ފަހު ލިޔެކިޔުން އާސަންދައަށް ހުށަހަޅަން ކަމަށާއި އޭރުން ހަރަދުވި ފައިސާ އެ ކުންފުނިން އެމީހަކަށް ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.