ރާއްޖޭގެ ކޯޓްތަކުގައި ގާނޫނީ ވަކީލު ކަން ކުރުމުގެ ހުއްދަ 84 ފަރާތަކަށް ދީފިއެވެ.

ސުޕްރީމް ކޯޓްގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 84 ފަރާތަކުން ވަނީ ގާނޫނީ ވަކީލެއް ކަމުގެ ހުވާ ކޮށްފައެވެ. މިއަހަރުގެ ކުރީކޮޅުގައިވެސް ވަނީ ގަނޫނީ ވަކީލުކަން ކިޔަވައި ނިންމެވި ދަރިވަރުންތަކެއް ވަކީލު ކަމުގެ ހުވާ ކޮށްފައެވެ. ރޭ ސުޕްރީމު ކޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ، ޕޮރެސެކިއުޓާ ޖެނެރަލް އަދި ކުރީގެ ފަޑިޔާރެއް ކަމަށްވާ އަހްމަދް މުއިއްޒު އެވެ. 

ސުޕްރީމް ކޯޓުގައި ރޭ ހުވައި ލައިދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ދަރިވަރުންނަށް ގާނޫނީ ވާކިލު ކަމުގެ ހުވައި ލާދިނީ ސުޕްރީމް ކޯޓުގެ ފަޑިޔާރު އަލްއުޒްތާޒް އަބްދުﷲ އަރީފް އެވެ. އަދި ރާއްޖޭގެ ކޯޓްތަކުގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިން ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ކުރީގެ ޕޮރެސެކިއުޓާ ޖެނެރަލް އަހްމަދް މުއިއްޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަޑިޔާރުންނެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާން އަހުމަދު މުއިއްޒު ވިދާޅުވީ، ގައުމުގައި ހިނގާ ބޮޑެތި ގާނޫނީ ގޯސްތަކާ ދެކޮޅަށް ވަކީލުން ތެދުވާން ޖެހޭނެ ކަމަށެވެ. އަދި ވަކީލުކަމުގެ ހުއްދަ ލިބުނަސް ގާނޫނީ ހުރިހާ ދާއިރާއަކަށް އެހާ ފަރިތަ ނުވެ ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ކަންކަމުގައި ގާނޫނީ ލަފާ ދެއްވާއިރު އެންމެ ބޮޑަށް އެނގިލައްވާ ދާއިރާއަކުން ގާނޫނީ ލަފާ ދެއްވުމަށް މުއިއްޒު ވަނީ ވަކީލުންނަށް އިލްތިމާސްކޮށްފަ އެވެ.

ވަކީލު ކަމުގެ ހުވާ ލައިދިނުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރުގެ އިތުރުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލާ އަލްއުޒްތާޒް އަހްމަދް މާޖިދް ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.