ދުނިޔެމަތީގެ އެކި ކަންކަމުގައި ތިބާ ހޭބޯނާރާ އުޅޭ އިރު، މިއަދު ކިތައް ފަހަރު މަންމަޔަށް ގުޅާލިން ހެއްޔެވެ؟ މަންމަގެ ހާލު ބަލާލިން ހެއްޔެވެ؟ މަންމަ ކައިފިތޯ މަންމަ ކެއީ ކޯއްޗެއްތޯ ބަލައިފިން ހެއްޔެވެ؟ މަންމަގެ ދެލޮލުގެ ނޫރުފަދަ ތި ދަރިފުޅުގެ ހާލު މަންމަޔަށް އަންގައި ދިނިން ހެއްޔެވެ؟ މަންމަގެ ތި ދަރިފުޅު އުޅެނީ އުފަލގައި ހިންހަމަ ޖެހިގެންތޯ މަންމަ އެގެން ބޭނުންވާނެ ވަރު ތަޞައްވަރުކޮށްލިން ހެއްޔެވެ؟ މި ސުވާލުތަކުގެ ތެރެއިން ތިބާއަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޖަވާބު ދެވޭނީ ކިތަށް ސުވާލަށްކަން އަމިއްލަ ނަފުސާއި ކޮށްލާށޭވެ.

ރަައްޓެހިވެގެން އުޅޭ ކުއްޖާ ނުގުޅައި ލަސްވެއްޖެނަމަ އަދުގެ ގިނަ ޒުވާނުން ތިބެނީ ހާސްވެފައެވެ. އެކުއްޖާ ނުގުޅަނީ ކީއްވެތޯ، ކަމެއްވީ ތޯ އޭ އަމިއްލަ ނަފުސާ ސުވާލުކޮށްލަ ކޮށްލައެވެ. ހަމަ އެހެން ތިބާގެ މަންމަ ނުގުޅައިގެން ހާސް ނުވަނީ ކީއްވެހެއްޔެވެ؟ މިދުނިޔެ މަތީގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ތެދުވެރި ލޯބި، ތިބާއަށް ލިބިގެންދާނެ ހަމަ އެކަނި ފަރާތަކީ ތިބާގެ މަންމައެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާގެ ހިތް އުފާ ކޮށްދިނުމުން އެ ލިބިގެންދަނީ ވަގުތީ ހިންހަމަޖެހުމާއި އުފާއެވެ.

އިންސާނާ މި ދުނިޔެ މައްޗަށް ގެންނަށް އުފުލި ހުރިހާ ބުރަޔަކާ ވޭނެއް އުފުލާފަވަނީވެސް ހަމަ އެމަންމަ އެވެ. އެހެންކަމުން ދުވާލަކު އެންމެ ފަހަރަކު އެ މަންމައަށް ގުޅާލުން އެއީ ބުރަޔަކަށް ވެގެން  ނުވާނެއެވެ.

"ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައެވެ"

އިސްލާމް ދީނުގައި، މަންމަޔަށް ކިޔަމަންތެރިވެ އިޚްތިރާމް އަދާކުރުމަކީ ނަމާދާއި ރޯދައިގެ މުހިންމުކަމާއި އެއްވަރުގެ އަހަންމިއްޔަތުކަން ދެއްވާފައިވާ ކަމެކެވެ. އެއްވެސް ގޮތަކުން ކިތައްމެ ކުޑަ މިންވަރަކަށްވިޔަސް މަންމަގެ ހިތުގައި ޖެއްސުމަކީ، ﷲއަށް ޝަރީކު ކުރުން ފިޔަވައި، ކުރެވޭނެ އެއްމެ ބޮޑު ފާފައެވެ. ގިޔާމަތް ދުވަހުން މި ފާފައިގެ އަޒާބު ގަދަފަދަވެގެން ވެއެވެ. އަދި ދުނިޔަވީ އިބުރަތެއްގެ ގޮތުގައި ދުނިޔޭގައިވެސް އެކަމުގެ އުގޫބާތް ބައެއް މީހުންނަށް ދައްކަވައެވެ.

އަހަރެމެން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް މަންމަ އަހަރެމެންނަށް ކޮށްދީފައިވާ ކަންތައްތަކުގެ އަގު އަދާ ނުކުރެވޭނެއެވެ. އެހެން ނަމަވެސް އެއްމެ ކުޑަމިނުން އެ އަގު އަދާކުރެވޭތޯ މަސައްކަތް ކުރުމާއެކު، އެބަދަލު ﷲ ގެ ހަޒުރަތުން މަންމަޔަށް މިންވަރުކޮށްދިނުމަށް އެދި ދުއާކުރުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވާކަމެކެވެ. މަންމަޔަކީ ﷲގެ ހަޒުރަތުން އަހަރެމެންނަށް ދެއްވި މަތިވެރި ނިއުމަތެކެވެ. އެހެންކަމުން މަންމަ ދުނިޔޭގައި ހުއްޓާ އެ މަންމަޔަށް ހެޔޮކޮށް ހިތާށެވެ. ދުނިޔަވީ ކާމިޔާބީއާއި، ސުވަރުގެ ހޯދުމަށް ލިބިފައިވާ ރަނުގެ ފުރުސަތު ނަގާނުލާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.