ފަލަނޫން މީހުންނަށްވެސް މިއަދު ދިމާވެފައިވާ އުނދަގުލަކީ ބަނޑާއި ދިމާލުން ގިނައިން މަސްޖަހައި، ފުއްޕާފައި ހުރުމެވެ. މި ކަމާއި އެންމެ ދެރަވެ ކަންބޮޑުވުން ފާޅުކޮށް އުޅެނީ އަންހެނުންނެވެ. ގިނަ ފިރިހެނުންނަކީ ކޮންމެވެސް ވައްތެރެއްގެ ކުޅިވަރެއް ގަވާއިދުން ކުޅެމުން ދާ ބަޔަކަށް ވުމުން ބަނޑެއް ލައިގެން އެކަމާ ހިތާމަކޮށް އުޅެނީ ފިރިހެނުންގެ ތެރެއިން މަދު ބައެކެވެ.
ބަނޑު ހިންދުމަށް ގޭގައި ހުރެވެސް ކަސްރަތުތައް ކުރެވިދާނެއެވެ. ނަމަވެސް އެންްމެ އަވަހަށް ކަސްރަތުކުރުމުގެ ނަތީޖާ ފެންނާނީ ކަސްރަތުކުރުމުގެ ކުރިން ދުވެލައި، މަސްގަނޑުތައް ހޫނުކުރުމަށްފަހު ކަސްރަތު ކުރުމުންނެވެ. ބައެއް މީހުންނަކީ ހިނގައިލުމަށްފަހު ކަސްރަތު ކުރާ މީހުންނެވެ. ހިނގުމަށްފަހު ކަސްރަތު ޖެއްސުމުން ނަތީޖާ ފެންނައަށްވުރެ ދެގުނަ އަވަހަށް ދުވެ، "ވާރމް އަޕް" ކޮށްގެން ކަސްރަތުތައް ޖެއްސުމުން ނަތީޖާ ފެންނާނެވެ. ކަސްރަތު ކުރަން ފެށުމުގެ ކުރިން ރަނގަޅަށް ސްޓްރެޗްްކޮށް، މަސްގަނޑުތައް ދަމާލައި ކަންތައް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ބަނޑު ހިންދުމަށް ޖައްސާނެ ކަސްރަތުތައް
ފްލަޓަރ ކިކްސް
- ފުރަތަމަ ޔޯގާ މެޓެއްގައި އުއްޑުން އޮށާންނާވެ. ދެ އަތް އޮންނަން ވާނީ އުނަގަނޑު ކައިރީގައި ގަޔާލައި ފިއްތާލެވިފައެވެ. އެއަށްފަހު ބޯ ހިއްލައި ނުލައި، ދެ ފައި ތަސްވީރުގައި ދެއްކިފައިވާ މިނަށް މައްޗަށް ނަގާށެވެ.
- ދެން ދެ ފައި ތިރިއަށާއި މައްޗަށް އަދި އަރިއަރިއަށް "ކިކް" ޖަހާނީއެވެ. މޫދުގައި ފަތާއިރު ފައިން ޖަހާ ގޮތަށެވެ. މި ކަސްރަތު ޖެއްސާއިރު ބުރިކަށީގެ ކުރީބައި ހިއްލައި ނުލައި ކަސްރަތު ޖެއްސުން މުހިންމެވެ.
- މިގޮތަށް 20 ސިކުންތުވަންދެން ކިކް ޖަހާށެވެ. ތިން ފަހަރު މި ކަސްރަތު ތަކުރާރު ކުރާށެވެ.
ސިޓް އަޕްސް
- ފުރަތަމަ މެޓެއްގައި ނުވަތަ ކުނާއެއްގައި ތަސްވީރުގައި ވާފަދައިން ބުރަކަށްޓާއި ދެފައިތިލަ ބިމުގައި ޖެއްސުމަށްފަހު އޮށޯންނާށެވެ. ސިޓް އަޕްސް އަލަށް ޖައްސަން ފަށައިގަންނަ މީހަކަށް ނަމަ ދެފައި މައްޗަށް ނުނަގައި ހަށިގަނޑު ހިއްލާލުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އެހެން ކަމުން އެހެން މީހަކު ފައިތިލަ މައްޗަށް ފައިން އެރުން ނުވަތަ ފައިތިލަ ތަނެއްގައި އަޅުވާލުން އެއީ ކުރެވިދާނެ ކަމެކެވެ.
- ތަސްވީރުގައި ވާފަދައިން އޮށޯތުމަށްފަހު ފައި އިންގޮތަށް ބަދަލެއް ނުގެނެ މަތީ ހަށިގަނޑު އެއްކޮށް ހިއްލައި ކުރިއަށް ގެންނާށެވެ. މި ގޮތަށް ކަންތައް ކުރާއިރު ފޫކޮޅު އިންނަން ވާނީ ބިމުގައި ޖެހިފައެވެ.
- މިހެން ކަންތައް ކުރެވޭ ކޮންމެ ފަހަރަކީ އެކެއް ކަމަށް ބަލައި 10 ހަމަކުރާށެވެ. އަދި 3 ފަހަރު މިފަދައިން ތަކުރާރުކުރާށެވެ.
ހީލް ޓަޗް
- ފުރަތަމަ ސިޓް އަޕް ޖެއްސި އިރު ހަމަ އޮތް ފަދައިން ފައިތިލަ ބިމުގައި ޖެއްސައި، މައްޗަށް ކަކޫ ގުދުކޮށް އިންނަހެން އޮށާންނާށެވެ. ފައިތިލަ މައްޗަށް ފައިން އެރުމުގައި މީހެއްގެ އެހީ ހޯދިދާނެއެވެ.
- ދެން އެއަށްފަހު ތަސްވީރުގައިވާ ފަދައިން އަރިއަރިން އަތް ގެންގޮސް ފުންނާބުގައި ޖައްސާށެވެ. މިފަދައިން ކަންތައް ކުރާއިރު އެއްކޮށް ނުތެދުވާށެވެ. އެއްފަރާތުގެ ފުންނާބގައި އަތް ޖެއްސުމަށްފަހު އަނެއް ފަރާތުގެ ފުންނާބުގައި އަތް ޖައްސާށެވެ. ބަނޑަށް ރަނގަޅަށް ވާން އަރާނީ އޭރުންނެވެ.
- މިހެން އެއްފަރާތުގެ ފުންނާބުގައި އަތްތިލަ ޖެއްސޭ ކޮންމެ ފަހަރަކީ 1 ކަމަށް ބަލައި 12 ހަމަކުރާށެވެ. މިފަދައިން 3 ފަހަރު ތަކުރާރު ކުރާށެވެ.
މައުންޓެއިން ކްލައިމްބަރ
- ތަސްވީރުގައި ދެއްކިފައިވާ ފަދައިން ދެއަތް ބިމުގައި ވިއްދުމަށްފަހު ދެފައިތިލަ ފަހަތަށް ސީދަލަށް ފަހަތުގައި ވިއްދާށެވެ.
- ދެން އެއަށްފަހު ފަހަރަކު ކަކުލެއް ކުރިއަށްގެންނާށެވެ. އެއަށްފަހު އެ ކަކޫ ފަހަތަށް ގެންދާ ވަގުތު އަނެއް ކަކޫ ހަމަ ކުރިއެކޭ އެއްފަދައިން ކުރިއަށް ގެންނާށެވެ. މިގޮތަށް ކަންތައް ކުރާއިރު ފައިތިލަ އާއި ދެއަތްތިލަ ފިޔަވައި އެހެން ގުނަވަނެއް ބިމުގައި ހޭކިގެން ނުވާނެއެވެ.
- މިގޮތަށް 30 ސިކުންތު ވަންދެން މައުންޓެއިން ކްލައިބަރ ޖައްސާށެވެ. 3 ފަހަރު މިފަދައިން ތަކުރާރު ކުރާށެވެ.