އަހަރެންގެ އުމުރުގެ ދުވަސްތައް ގުނަމުން ދިޔައީ ގޭތެރޭގެ ހަމަ ނުޖެހުންތަކުން ހިތް މަރަމުންނެވެ. ބައްޕަގެ ވިހަ ބަސްތަކުން މަންމަގެ ހިތް ކުދި ކުރަމުން ދިޔަ މަންޒަރުން ދުނިޔެ ފޫހި ކުރުވަމުންނެވެ. މަންމަގެ ދޮށީ ދަރިއަކީ އަހަރެންނެވެ. މަންމައަށް ލިބެމުންދިޔަ ހިތްދަތިކަމަށް އަހަރެންނަށް ވެދެވޭނެ އެއްވެސް އެހީތެރިކަމެއް އުމުރުގެ ހަގު ކަމާއިއެކު ނެތެވެ. މިގޮތުގައި ދުވަސްތައް ކަޑައްތު ކުރަމުން ދިޔައީ ކިޔެވުން މަތިންވެސް ފޫހިކުރުވަމުންނެވެ. އެއީ އަހަރެން ދެކެން ބޭނުންވި ދިރިއުޅުމެއް ނޫނެވެ. ކުށެއްނެތް ހާލު އަހަރެމެންގެ ތިންމައިން ދޫކޮށްފަ ބައްޕަ ދިޔައީ ޒުވާން އަންހެނެއްގެ އަވައިގަ ޖެހިގެންނެވެ. އަހަރެންގެ ހިތުގައި ބައްޕަގެ މައްޗަށް ކުލުނެއްނެތީ ކުށެއްނެތި މަންމައަށް ކުރިވަރުންނެވެ.

އުމުރުން 19 އަހަރު ފުރިއްޖެއެވެ. އޭރު އަހަރެން ހުރީ ނުރަނގަޅު އެކުވެރިން ހިޔާރުކޮށް ޒުވާން ޖޯޝާއިއެކު ކަންކަމުން ބިރު ކެނޑިފައެވެ. މަންމަގެ ކުރިމަތީގައި އަހަރެން ކިތަންމެ ބަސް އަހައިހެން ހުރިނަމަވެސް މަގުމައްޗަށް ނުކުތުމަށްފަހު އަހަރެންގެ ގައިގައި މަދުވާނީ ދަޅެއް އެކަންޏެވެ. މަންމައަކީ ގެއިން ބޭރަށް ނުކުންނަ މީހެއް ނޫންކަމުން އަހަރެންގެ އުފަން ބިޔަ ރަށުގައި އަހަރެން އުޅެނީ ކިހިނެއްކަމެއް މަންމައަށް އެނގުނަކަ ނުދެމެވެ. މީހެއްގެ ޝަކުވާ މަދު ފަހަރަކު ލިބުނު ނަމަވެސް ރީތިގޮތުގައި އަހަރެންނަށް ނަސޭހަތްތެރި ވަމުން ދިޔައެވެ. މިދުވަސްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރެމެން ވައްކަން ކުރަންފެށީމެވެ. ފުރަތަމަ ފެށީ ކުދި ކުދި ވައްކަމެވެ. ނަމަވެސް ވިޔަފާރި ފުޅާކުރުމަށް ގިނަދުވަސްތަކެއް ހޭދަ ކުރަން އަހަރެމެން ބޭނުމެއް ނުވިއެވެ. މާރާމާރީގައި އަހަރެމެން ލޫޓުވަމުން ދިޔައީ މީހުންގެ މުދަލެވެ.

މިހެން އުޅުމުގެ ތެރޭގައި އަހަރެންނާއި އަހަރެން ގުރޫޕް ބައެއްގެ އަތްދަށުވެ ޕޮލިހަށް ގެންްދެވުނެވެ. 15 ދުވަހުގެ މުއްދަތް ޖަހާ ބަންދު ކުރިއެވެ. އަހަރެންގެ ގޮތެއްނެތް އަމަލުތަށް އަހަންނަށް ހަނދާންކޮށް ދިނީ ދެދުވަސް ފަހުން އަހަރެންނަށް ލިބުނު އަހަރެންގެ މަންމަގެ އަތުން ލިޔެފައި އޮތް ސިޓީ އަކުންނެވެ. އޭގައި އޮތީ......... 

"މަންމަގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅާއެވެ. މަންމަ މިއަދު ފަޞީހަތްވެ ރަށަށް ގިނަވެއްޖެއެވެ. ދަރިފުޅުގެ ބައްޕަގެ ފަރާތުން ލިބުނު އަނިޔާއާއި ހިތްދަތިކަން މިއަދު ފިލައިގޮސްފިއެވެ. މަންމަގެ އުންމީދުތަކުގައި ދަރިފުޅު ކޮޅުފައިން ޖަހައިފީމުއެވެ. ފޮނި އުންމީދުތަކާއި އެކު ބައްޕަގެ ފަރާތުން ލިބުނު ހިތްދަތިކަމަށް ކެއްކުރަމުން ދިޔައީ ދަރިފުޅާއި ކޮއްކޮގެ ހައްގުގައެވެ. ނަމަވެސް މިއަދު މަންމަގެ އުންމީދުތަކަށް ހިތްދަތި ނިމުންގެނުވީ ދަރިފުޅުގެ ގޯސް އަމަލުތަކުން ދަރިފުޅު ހުރަގެވެގެންނެވެ. ދަރިފުޅާއެވެ. މަންމައަށް މިވަރުގެ ހިތްދަތިކަމެއް ދިނީ މަންމަގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. މަންމަ އަބަދާއި އަބަދުމެ ތަކުރާރުކޮށް ދެމުންދިޔަ ނަސޭހަތްތަކުގައި ބުރަދަނެއް ނެތީހެއްޔެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ. ދުނިޔޭގެ ލަދަކީ ހާދަހާވާ ވޭންހުރި ކަމެކެވެ. މިކަން ދަރިފުޅަށް އިހްސާސް ނުކުރެވެންވި ސަބަބަކި ކޮބައި ހެއްޔެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަ މިހާލަތުގައިވެސް މިއެދެނީ ދަރިފުޅަށް ހެޔޮގޮތެއް މިންވަރު ކުރެއްވުމަށެވެ. ދަރިފުޅުގެ ކުށަށް އިއުތިރާފުވެ ކުށުގެ އަދަބު ލިބިގަންނާށެވެ. ތައުބާވާ ހާލުގައެވެ. ނަމާދަށް ފަރުވާތެރި ވާށެވެ. ދަރިފުޅު އިސްލާހުވެ އެނބުރި އަންނަ ދުވަހެއްގައި ފުރާނަ ފަދަ ދަރިފުޅުގެ ގައިގަ ބައްދާ ބޮނޑިކޮށްލާނަމެވެ. ދަރިފުޅަށް މާފު ކުރަމުންނެވެ. އެދުވަހެއްގެ އިންތިޒާރުގައި މިހިތްދަތިކަމުގައި ދަރިފުޅަށް އިންތިޒާރުކޮށް ހެޔޮދުއާ ކުރުމުގައި ދެމިހުރީމެވެ. ދަރިފުޅުގެ ލޮބިވާ މަންމަ." މިހެންނެވެ.

މަންމަގެ ސިޓީ ކިޔައި ނިންމާލެވުނުއިރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރުނެވެ. އެ ސިޓީއަކީ އަސަރުން ފުރިގެންވާ ސިޓީއެއް ކަމުގައި ވީއިރު އެއީ އަހަރެންނަށް އެހާލަތުގައި ހިތްވަރެއް ކަމުގައިވިއެވެ. މަންމަގެ އެދުންތަކަށް ބޯލަނބާ މަންމަގެ ބަސްތަކަށް ބޯލެނބީމެވެ. ހުކުން ފުރިހަމަ ކުރުމަށްފަހު އަހަރެން ރަށަށް އެނބުރި އައީމެވެ. އަހަރެންގެ އިންތިޒަރުގައި މަންމަ ހުރީ ފެންކަޅިވެފައެވެ. އަހަރެން ރަށަށް ފޭބުމާއި އެކު މަންމަ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ކޮއްކޮއާއި އެކުގައެވެ. އަހަރެން ބަދަލުވެފައި ހުރި މިންވަރު އަހަރެންނަށް ހާމަކޮށްދިނީ އަހަރެންގެ މަންމައާއި ކޮއްކޮއެވެ. އަހަރެންގެ މަންމަގެ އެ ސިޓީއަކީ އަހަރެންގެ ގެ މުޅި ހަޔާތް ބަދަލުކޮށްލި ސިޓީއެވެ. އަހަރުތައް ވޭތުވެ ދިޔަނަމަވެސް މިއަދު އަހަރެމެން އުޅެމުން މިދަނީ އުފާވެރި ދިރިއުޅުމެކެވެ. މަންމަ މާމަވެ ދިޔައީއެވެެ. މިއަދުވެސް އަހަރެން އަހަރެންގެ މަންމައަށްޓަކައި ފަހުރުވެރިވަމެވެ. އަހަރެންގެ މަންމަގެ އެސިޓީއަށް ޓަކައި ފަހުރުވެރިވަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *