އާއިލާއަށް ފޮރުވައިގެން ރަށެއްގައި ގެންގުޅުނު ދެ ކުޑަކުދިން ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، އެފްސީޕީޑީއަށް ހުށައަޅައިފައިވާ، އާއިލާއަށް ފިލައިގެން އުޅޭ ދެކުދިން ފޮރުވައިގެން ރަށެއްގައި ގެންގުޅޭ ކަމުގެ މައުލޫމާތު އެ ސަރަހައްދުގެ ފުލުހުންގެ މައި އިދާރާއަށް ލިބުމާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެ ރަށުން އެ ދެކުދިން ހޯދައިފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި އުމުރުން 29 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ކަމަށް ބެލެވޭ ސާމާނުތަކަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސް ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކުޑަ ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އަދި މި މައްސަލައިގައި ހިމެނޭ ދެކުދިން އެފްސީއެސްސީ އާއި ހަވާލުކޮށް، އެކުދިންގެ އާއިލާއާއި ހަވާލު ކުރެވެންދެން ކުދިންނަށް ރައްކާތެރި މާހައުލެއްގައި ބައިތިއްބައިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.