ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ހާއްސަ ޝިއާރެއް ދިވެހި ބަހުގެ އެކެޑެމީން ނެރެފިއެވެ. މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ، "ބުނާނީ، ލިޔާނީ ސާފު ދިވެހި ބަހުން" މިއެވެ.

ދިވެހި ބަހުގެ ދުވަހަށް ހާއްސަ ކޮށްގެން މިއަދު ދިވެހި ބަހުގެ އެކެޑެމީން ނެރުނު ނޫސް ބަޔާނެއްގައި، ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ބަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސް ކަމަށާއި އަދި ދިވެހި ގައުމިއްޔަތުގެ އެއް ރުކުން ކަމަށެވެ. އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއަހަރު ނެރުނު ޝިއާރުގައި ބާރު އަޅަނީ، ދިވެހި ބަހުން މުއާމަލާތް ކުރެވެން އޮތް ކޮންމެ ހާލަތެއްގައި ދިވެހި ބަހުން މުއާމަލާތް ކުރުމުގެ މައްޗަށާއި، ދިވެހި ބަހުން މުއާމަލާތް ކުރުން ގިނަ ކުރުމުގެ މައްޗަށާއި އަދި، އިޖްތިމާއީ އެއްވުންތަކުގައިވެސް ދިވެހި ބަހުން ރީތިކޮށް، ސާފުކޮށް ވާހަކަ ދެއްކުމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހިންގެ މަސްލަހަތު އޮންނަ ކޮންމެ ކަމެއްގައިވެސް ދިވެހި ބަހުން ވާހަކަ ދައްކައި، އަދި ލިޔެ އުޅޭއިރުވެސް ތާނަ އަކުރު ބޭނުން ކޮށްގެން ލިޔެ އުޅުމުގެ މައްޗަށްވެސް އެ ޝިއާރު ބާރު އަޅައެވެ. 

ދިވެހި ބަހުގެ އެކަޑަމީން މިއަދު ނެރުއްވި ނޫސް ބަޔާނުގައި، ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ބަސް ހީނަރުވަނީ، ދިވެހިންގެ މަސްލަހަތު އޮންނަ ބޮޑެތި އެއްވުންތަކާއި އަދި އިޖުތިމާއީ އެއްވުންތަކުގައި ވެސް ދިވެހި ބަހުން ވާހަކަ ދައްކައި ލިޔެ އުޅުމުގެ ބަދަލުގައި، އެހެން ބޭރު ބަސްތައް ބޭނުން ކުރާތީ ކަމަށެވެ. އަދި، ދިވެހި ރަދީފުގައިވާ ރީތި ބަސްތައް ބެނުން ކުރުމުގެ ބަދަލުގައި، ބޭރު ބަސް ބަހުގައި ހިމެނޭ ލަފްޒުތައް ބޭނުންކޮށް ދިވެހި ބަހާއި އެހެނިހެން ބަސްތައް މަސްހުނި ކުރުންވެސް ދިވެހި ބަސް ހީނަރުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އެ ނޫސް ބަޔާނުގައި ވަނީ، ދިވެހި ބަހުން މުއާމަލާތް ކުރާ މިންވަރު އިތުރު ކުރުމަށް ގޮވާލާފައެވެ. އަދި ދިވެހި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދިވެހި ބަހާއި އެހެން ބަސްތައް މަސްހުނި ކުރުން ހުއްޓާލައި، ދިވެހި ބަހުން ރީތިކޮށް ވާހަކަ ދައްކަން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހި ބަސް ރައްކާތެރި ކަމާއިއެކު ކުރިއަށް އޮތް ޖީލުތަކަށް ވާސިލު ކޮށްދިނުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.