ޒަމާން މިވަނީ ބަލަދުވެފައެވެ. އަވައްޓެރި ގެތަކަށް ގޮސް ވޮށި ފިލައިން ލިޔެގެން ކިޔެވި ދުވަސްތައް މިއަދު މިވަނީ މާޒީއާއި އެކުވެގެން ގޮސްފައެވެ. މިއީ، ސުކޫލްތަކަށާއި، ކޮލެޖްތަކަށް ގޮސް ކިޔަވައި އުޅޭ ދުވަސްވަރެވެ. ޒަމާނަށް މިއައި ބަދަލާއި އެކު ކުދިންގެ އަޚްލާގަށާއި އުޅުމަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. ކުރިން މަންމަ ނުވަތަ ބައްޕަ ބުނާ ބަސް އަހައިގެން ކިޔަވަން ގޮސްފައި ކިތަންމެ ގިނަ އިރެއް ވިއަސް އެހެން ތާކަށް ނުގޮސް ކިޔަވަން ތިބޭ ތިބުން މިވަނީ ގާތްގަނޑަކަށް ނިމިފައެވެ. މިއަދު ކިޔަވަން ކޮލެޖަށް ނުވަތަ ސުކޫލަށް ގޮސްފައި ކިޔަވަން ދެތިން ހަތަރު ގަޑިއިރު ކުލާހުގައި ތިބެން ޖެހުނަސް ގިނަ ކުދިން މިތެބެނީ ފޫހި ވެގެން ގޮސް، ނިދި ތާއްޔާޖެހެން ކައިރިވެފައެވެ. ދެން ބަލަނީ ކޮންމެސް ގޮތަކުން ކުލާސް ކަޓުވާލާފައި ފިލޭތޯއެވެ.

ކްލާސް ކެޓުވުމަކީ ކުރިންވެސް މަދުން ނަމަވެސް ކިޔަވާ ކުދިންގެ ތެރޭގައި އޮތް ނުރަނގަޅު އާދައެކެވެ. ނަމަވެސް ހިތާމައަކީ މިއަދު ކްލާސް ކެޓުވުން ކިޔަވާ ކުދިންގެ ތެރޭގައި ފެޝަނަކަށް ވެފައިވާ ކަމެވެ. ކުރިން ކްލާހެއް ކަޓުވާލެވުމުން އެކަން ފާޅުކޮށް މީހުން ކައިރި ބުނަން ކެރޭނީ ވަރަށް މަދު ކުއްޖަކަށެވެ. ނަމަވެސް މިއަދު ކްލާސް ކަޓުވާލާފައި އެވާހަކަ އެކުވެރިން ގާތުގައިވެސް އަދި އެހެން މީހުން ގާތުގައި ވެސް ފަޙުރުވެރިކަމާއި އެކުގައެވެ. ހަމަގައިމުވެސް މިއަދު ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރޭގައި ކްލާސްތައް ނުކަޓުވާ ބަރާބަރަށް ގަޑިތަކަށް ދާ ކުދިންގެ އަދަދު އިނގިލިން ގުނާލެވޭހާވެސް މަދު ވާނެއޭ ބުންޏަސް މުޅިން ދޮގަކަށް ނުވާނެއެވެ.

ކުދިންގެ ތެރޭގައި ކްލާސް ކެޓުވުމަކީ ފެޝަނަކަށް ވެފައިވާ އިރު، މީގެ ސަބަބުން ކުދިިންގެ ނަތީޖާ ތަކަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. ކްލާސްތައް ކެޓުވުން އާއްމުވުމުން، ކޮންމެ ދުވަހަކު ސުކޫލަށް ގޮސް ނުވަތަ ކޮލެޖު/ޔުނިވާސިޓީއަށް ގޮސް ކްލާހުގައި ކިޔަވަން އިންނަ ވަގުތަށް ވުރެ ބޭރުގައި ކްލާސްތައް ކަޓުވާފައި ހޭލަމޭލައަށް އުޅޭ ވަގުތުތައް ގިނައެވެ. މީގެ ސަބަބުން މުހިންމު ބައެއް ފިލާވަޅުތައް ގެއްލެއެވެ. ކިޔަވައި ދޭ ބައިގެ ތެރެއިން ދެބައިކުޅަ އެއްބައި ކުއްޖާއަށް ގެއްލުމުގެ ސަބަބުން ޓެސްޓް އައިސް ބޯމަތިވާއިރު ކުއްޖާއަށް ދަސްވާ އެއްޗިއްސަށް ވުރެ ނޭނގޭ އެއްޗެހި މާގިނައެވެ.

ގިނަ ފަހަރަށް ކްލާސް ކެޓުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ، އެއްސުކޫލަކުން ނުނީ އެއް ކޮލެޖަކުން ބިޓުން ނެގުމެވެ. ދެން މިވާ ގޮތަކީ އެއް ސުކޫލަކުން ނުވަތަ ކޮލެޖަކުން ބިޓެއް ނަގައިގެން، ދެމީހުން ދަނީ ކޮންމެސް ރެސްޓޯރެންޓަކަށް ޑޭޓަކަށް ނުވަތަ އެކަހެރިކޮށް ތިބެވޭނެ ކޮންމެސް ތަނަކަށެވެ. ބިޓު ގޮވައިގެން އުޅޭނެ ހާތާކު އުޅޭނެހާ ގޮތަކަށް އުޅެފައި ގިނަ ފަހަރަށް ސުކޫލަށް ދެވެނީ ދެ ގަޑި ވަރު ކަޓުވާލާފައެވެ. ދެން ގަޑިތައް ކަޓުވާ އަނެއް ސަބަބަކީ، ރޭގަނޑު ދަންވަންދެން ނުނިދާ ގޭމް ކުޅެން ނުވަތަ މީހުންނާއި ޗެޓް ކުރަން ނުވަތަ ފިލްމެއް ބަލަން އޮވެފައި ހެނދުނު ސުކޫލަށް ދާން ނުހޭލެވުމުން ފުރަތަމަ ގަޑި ކަޓުވާލުމެވެ. އެކުވެރިންނާއި އެކު ކްލާސްތައް ކަޓުވާފައި ގޮސް ތަންތަނުގައި ގޭމް ކުޅެން ނުވަތަ ސަކަރާތް ޖަހަންވެސް ތިބެއެވެ.

ފެޝަނަކަށް ވެފައިވާ މިމައްސަލައަކީ ކިޔަވާ ކުދިންގެ ކުރިމަގަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރަމުންދާ މައްސަލައެކެވެ. ކްލާސް ކެޓުވުމުން އަޅެ ވަކި ފައިދާއެއް ވަނީ ތޯއެވެ؟ ގިނަ ފަހަރަށް މިގޮތަށް ކްލާސް ކަޓުވާފައި ބިޓު ފަހަތުން ދުވެފައި، އެންމެ ފަހުން ބިޓު ވެސް ދާނީ ކޮންމެސް ދޯކާއެއް ދީފައެވެ. ނޫނީ ކްލާސްތައް ކަޓުވާފައި މަޖާކުރަން އެކީ ދާ ރައްޓެހިތައްވެސް ސުކޫލު ނުވަތަ ކޮލެޖު ނިމުމުން ގިނަ ފަހަރަށް ލޮލަށް ވެސް ނުފެންނާނެއެވެ. ކްލާސް ކަޓުވާފައި މުޅި މާލެ ތެރެ ކުޑަ ކުރިއަސް ވާނެ އެއްވެސް ފައިދާ އެއް ނޯންނާއެވެ. ކްލާސް ކަޓުވާފައި ކޮށްފައި ހުންނަ މަޖާ ކަންތައްތަކުގެ ހަނދާންތައް ހިފައިގެން ދިޔަސް ވަޒީފާ ދޭނެ މީހެއް ނުހުންނާނެއެވެ. ތިމާއަށް މާދާމާ ވެސް ދިރިއުޅުމެއް ފަށައިގެން ފައިދާއެއް ވަނީ ކިޔަވާ ދުވަސްވަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.