ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހައްދާފައި ހުންނަ ގަހެއް ކަމަށްވާ ތޫތު ގަހަކީ ވަރަށް މީރު މޭވާއެއް އޭގައި އަޅާ ގަހެކެވެ. ތޫތަކީ ފެންނަ ފެނުމަށް ރާސްބެރީ، ބްލެކްބެރީ ފަދައިން ހުންނަ އެއްޗެކެވެ. ތޫތު ނިސްބަތްވަނީވެސް އެ އާއިލާއަށެވެ. މި މޭވާއިން ދެނީ ހުތްފޮނި ރަހައެކެވެ. އެއްކޮށް ދޮންވުމުން ކަޅު ކުލައިގެ މި މޭވާއަކީ ދޮންވުމުގެ ކުރިން ފެހި ކުލައަކާއި، ރަތް ކުލައަކަށްވެސް ހުރެއެވެ. ތޫތަކީ ވަރަށް ގިނަ ފައިދާތައް އޭގައި އެކުލެވިގެންވާ މޭވާއެކެވެ.

ތޫތުގެ ފައިދާތައް

ގިނައަދެދެއްގެ އެންޓިއޮކްސިޑެންޓްތައް އެކުލެވޭ

ތޫތަކީ އޭގައި ވަރަށް ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓް އެކުލެވޭ މޭވާއެކެވެ. އެންޓިއޮކްސިޑެންޓަކީ ހަށިގަނޑުގައިވާ ވަރަށް ނުރައްކާތެރި މާއްދާތަކެއް ކަމަށްވާ، ފްރީ ރެޑިކަލްތައް ނައްތާލާ ބާރުގަދަ މާއްދާއެކެވެ. ފްރީ ރެޑިކަލްސްއަކީ ހަށިގަނޑުގައިވާ މުހިންމު ސެލްތައް މަރާލައި، ކެންސަރަށް މަގުފަހި ކުރުވާ އެއްޗެކެވެ. އެހެންކަމުން ފްރީ ރެޑިކަލްތައް ނައްތާލުމުގެ ބާރު ލިބިގެންވާ އެންޓި އޮކްސިޑެންޓް ހަށިގަނޑަށް އެތެރެ ކުރުމަކީ މުހިންމު ކަމެކެވެ.

އޮރެންޖަށްވުރެވެސް މަތީ މިންވަރަކަށް ވިޓަމިން ސީ އެކުލެވޭ

ދުވާލަކު ހަށިގަނޑަށް ކޮންމެހެން އެތެރެ ކުރަން ޖެހޭ ވިޓަމިން ސީ ގެ 190 އިންސައްތަ ތޫތުގެ އެންމެ މޭވާއެއްގައި އެކުލެވިގެން ވެއެވެ. ތޫތު ކެއުމުގެ ސަބަބުން އިންސާނުންގެ ދިފާއީ ބާރުގަދަވެ، ހަށިގަނޑުގެ ޓިޝޫތައް ދިފާއުކުރެވެއެވެ. އަދި މީގެ އިތުރުން ލޮލުގެ ފެނުމަށް ވަރަށް ރަނގަޅު މޭވާއެއް ކަމަށް ތޫތުވެއެވެ. 

ޕްރޮޓީން، އަޔަން އަދި ކެލްޝިއަމް އިން މުއްސަނދިވެފައިވާ

މޭވާއަކަށް ބަލާއިރު ތޫތަކީ އާދަޔާ ޚިލާފަށް މަތީ މިންވަރަކަށް ޕްރޮޓީން އެކުލެވިގެންވާ އެއްޗެކެެވެ. ހިކި ތޫތުގައި ވަކިން ގިނައިން ކެލްޝިއަމް އާއި އަޔަން އެކުލެވިގެންވެއެވެ. އަޔަން އަކީ ހަށިގަނޑުގައި ވަރު ޖައްސައި ކަންނެތް ކަމާއި ލޮޑުކަން ފިލުވައިދޭ މާއްދާއެކެވެ. މީގެ އިތުރުން ލޭގައި އޮކްސިޖަން ދައުރުކުރުވަން ތޫތުގައިވާ މާއްދާތައް އެހީވެދެއެވެ. މީގެ އިތުރުން ކެލްޝިއަމް މާއްދާގެ ސަބަބުން ކަށިތައް ވަރުގަދަވެސް ކޮށްދެއެވެ. އަދި ކަށިގަނޑު ފީވެ، އަވަހަށް ބިނދުމުންވެސް ކެލްޝިއަމް މާއްދާ ދުރުކޮށްދެއެވެ. 

ގިނަ އަދަދެއްގެ ފައިބަރގެ މާއްދާއެކުލެވޭ

ފައިބަރ އަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާއެއް ކަމުން ތޫތު ފަދަ، އެ ގިނައިން އެކުލެވޭ މޭވާކެއުމަކީ މުހިންމުކަމެކެވެ. ތޫތު ކެއުމުގެ ސަބަބުން ހަޖަމް ކުރަން ފަސޭހަވެގެންދެއެވެ. އަދި މީގެ އިތުރުން ލޭ މައްޗަށް ދިޔުމުން ދުރުކޮށްދިނުމާއި، ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ މޭވާ އަކަށްވެސް ތޫތު ވަނީ ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.