މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކޮށް، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ. އަބްދުﷲ ޖާބިރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ގާފަރާއި ކާށިދޫގައި ހަވާ އަރުވަން ނިންމައިފިއެވެ.
ކާށިދޫގައި ހަވާ އަރުވާނީ މިރޭ ކަމަށާއި، ގާފަރުގައި ހަވާ އަރުވާނީ މާދަމާ ރޭ ކަމަށް، ޖާބިރުގެ ކެމްޕޭން ޕޭޖުގައި ބުނެފައިވެއެވެ.
ކާށިދޫ ދާއިރާއަށް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ވައުދު ޖާބިރު ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވެވަޑައިގެންފައެވެ.
އަދި މީގެ ކުރިންވެސް ކާށިދޫ ދާއިރާއަށް ކަމެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައި އޮތް ނަމަ އެކަމެއް ވާނީ ކޮށްދެއްވާފައި ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.
ގާފަރު ދާއިރާއަށް ޖާބިރުގެ ތަސައްވަރު ކުރަހާފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ދަނީ އޯގަނައިޒް ކުރައްވަމުން ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ. އެގޮތުން، ކާށިދޫގައި އެއާޕޯޓް އެޅުމަށާއި އެރަށު ފަޅުތެރޭގައި ރިސޯޓް އެޅުމަށް އިކޮނަމިކް ކައުންސިލަށް ހުށަހަޅައިދިނުމަށް އެދި އިކޮނަމިކް މިނިސްޓްރީއަށް ސިޓީ ފޮނުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މިސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.