ހަނދާނަށް އަންނަނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިއެވެ. އެ އަހަރު ތަކުގެ މި ދުވަހުގެ މަތިންނެވެ. އާދެ 11 އޭޕްރީލްގެ ވާހަކައެވެ. އެ ދުވަސްކޮޅުގައި މި ރާއްޖޭގައި މި ދުވަސް ވަކި ބަޔަކު ވަކި މަގުސަދެއްގައި ފާހަގަކުރީ ވަކި މަންފާތަކަކާއި ވަކި އުފާތަކެއްގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. އެ އަހަރު ތަކުގެ މި ދުވަހު ކޭކު ފަޅާ، ކޭކާއެކު ސެލްފީ ނަގާ މީސް މީޑިއާގައި ތަފާތު އެކިއެކި ޅެން ފަރިހި ތަކުން ތައުރީފު ކުރަމުން ދިޔަތަން ފެނުނެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އުފަންދުވަސް ފާހަގަކުރުމުގައި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ވަޒީރުންނާއި މަޖިލިސް މެންބަރުން ތެޅި ފޮޅުނު ގޮތުގެ ވާހަކައެވެ.

އަދީބުގެ 37ވަނަ އުފަންދުވަހު ޖަލުގެ ކުޑަ ގޮޅީގައި އޮންނެވިނަމަވެސް މީގެ ތިން އަހަރު ކުރިން އެމަނިކުފާނުގެ 33 ވަނަ އުފަންދުވަސް ސިޔާސީ ބޭފުޅުންނާއި، އާންމުންވެސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އުފަންދުވަހާއި ގުޅުވައިގެން ޚާއްސަ ލަވަތައް ވަނީ ހަދާފައެވެ. ލަވަތަކުގެ ތެރޭގައި ތައުރީފު އޮއްސަމުން ގޮސް ވަކި ހިސާބަކުން އަދީބުގެ ބޭނުމެއް ނެތްކަމަށް ނިންމާ އަދީބު ހުރަގެއް އެއްލާލިއެވެ. އަދި ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުކޮށް އެކަންކަން ފަޓާސް ބަރިއެއްހެން ސާބިތު ކުރުމަށްފަހު އަދީބު ގެ އުމުރާއި އެއް އަދަދެއްގެ ޖަލުގެ ހުކުމެއް އިއްވިއެވެ.

އަދީބުވަރުގެ މީހަކު ނެތިގެން އަދީބުއާއެކު ސެލްފީ ނަގާ، އަދީބަށް ބްރޯ ކިޔަމުން، އަދީބު އަތުން "އަނެކެތިކޮޅު" ހޯދަން އުޅުން އެންމެން އަދީބު ބޮލަށް ހުރިހާ ކަމެއް ޖެހުމަށްފަހު، ސަލާމަތްވެގެން ތިނބި ކަހަލައެވެ. އަދީބަށް ބޭސްފަރުވާ ކުރުމުގެ އެއްވެސް ފުރުސަތެއްވެސް މިބައި މީހުން ނުދީ، ޖަލުގައި ބޭއްވީ އެންމެން ގުޅިގެން ހިންގި ޖަރީމާ އަދީބާއި ހިސާބުން ނިންމާލުމުގެ ބެނުމުގައި ކަމަށްވެސް ވެދާނެއެވެ.

ޖަލުގައި އަދީބު އޮންނަތާ ހަތަރު އަހަރު ފަހުން، މިއަދު އޭނާގެ އުފަން ދުވަހު އޭނާއަށް ކެހި ދިން މީހުން ކޮބާތޯއެވެ. ފަހަރަކު މީހެއް ފަހަރަކު މީހެއް ފެއިލްވަމުން ފަލީހަތްވަމުން ގޮސް މިއަންގެން ހުސްވަނީއެވެ. އެކުގައި އެންމެ ގިނައިން ކޭކު ފަރިއްކުޅުއްވި ބޭފުޅަކަށް ރައީސް ޔާމިން ވާނެއެވެ. 2018ގެ ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ނާކާމިޔާބުވެ، އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން މަޖިލީހަށް ނިކުމެ ދެ ޕާޓީވެސް ދިޔައީ ޗޮކުންނެވެ. 

އަދީބަށް އެންމެ ސަނާ ކީ އެއްބޭފުޅަކަށް ވާނީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމު ޢަބްދުﷲއެވެ. ޢަބްދުއްރަޙީމު އަދީބަށް ގުޅުއްވާ "އަނެކެތިކޮޅެއް" ހޯއްދަވަން އާދޭސް ދަންނަވާ ފޯނުކޯލް ރެކޯޑިންގއެއްވެސް މީސް މީޑިއާގައި މީގެކުރިން ވަނީ ލީކުވެފައެވެ. ގަދަ ބާރުގައި ވަރުގަދަކޮށް ލިބުނު ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް މިއަދު ގެއްލިއެޖެއެވެ. ސިޔާސީ މައިދާނުގައި ބޮޑު ތަނުން ފެއިލް ވެއްޖެއެވެ. 

ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކަކީވެސް އަދީބަށް ހެސްކިޔާފަ ތައުރީފު އޮއްސެވި ބޭފުޅެކެވެ. އަދީބަށް ނިސްބަތްކޮށް އޭރުގެ އިިދިކޮޅު ފަރާތްތަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް ވާނީ ސައިބޯނި ބޮތްކަކަކަށް ކަމަށް ބުނެ އަދީބު ގޯނީގެ ފުލަށް ލައިގެން ގެންގުޅުއްވިއެވެ. އަދީބުގެ ބޭނުން ކެނޑުނު ދުވަހުން ފެށިގެން އަދީބުގެ ނަން ދުލަށް ގެނައުންވެސް ވީ ބޭކާރު ކަމަކަށެވެ. ނިހާނަށް މިއަދު މިވަނީ އުފަން ރަށުގެ ގޮޑިއަށް ވާދަކޮށް ނާކާމިޔާބުވެ ސިޔާސީ ކެރިއަރުގައި ކަފުން އަޅަން ޖެހިފައެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އަދީބުގެ އޭރުގެ މިތުރުންނެވެ. ބުރޯއަށްޓަކާ ބުރޯގެ އުފަންދުވަހު ކޭކު ފަޅާ، ސެލްފީ ނަގާ އަންބާ ކީ ބޭފުޅުންނެވެ. 33ވަނަ އުފަންދުވަސް ފާހަގަކޮށްދެއްވާފައި، ގެންގޮސް ކުޑަގޮޅިއަށްލީ އަދީބުގެ ސިޔާސީ ކެރިއަރު ކަފުން ކުރާށެވެ. އޭގެ ހަތަރު އަހަރު ފަހުން މި ބޭފުޅުންގެ ސިޔާސީ ކެރިއަރުގައި ކަފުން އަޅައި ވަޅުލަން ތައްޔާރުވެއްޖެއެވެ. މިއަދު ކޭކު ކެއުމަށްފަހު އަދީބަށް "ދޯކާ" ދިން އެންމެން ފެއިލްވެއްޖެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.