ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިހާރު ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒު ދިރިއުޅުއްވާ ގެއިން އެއަރ ކޮންޑިޝަން އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގައިގެން ގެންދާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އެ ވީޑިއޯއާއި އެކު އަލީ ރަމީޒް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓްގައި ބުނެފައިވަނީ އައުޓްޑޯރ ޔުނިޓު ވަގަށް ނަގާފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.
އަލީ ރަމީޒު ވިދާޅުވީ، އެފަދަ ކަންކަމަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. މި ފަހަކަށް އައިސް ވައްކަމާއި ފޭރުން ވަނީ މާލޭގައި އިންތިހާއަށް އިތުރުވެފައެވެ.