ނިމިގެންދިޔަ މާރިޗް މަހުގައި މީރާއަށް ލިބުނު އާމްދަނީ އަކީ އެ އިދާރާއިން ލިބޭނެކަމަށް ލަފާގާތްކޮށްފައިވި އާމްދަނީ އަށްވުރެ 15 އިންސައްތަ ދަށް މިންވަރެއްކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

މިދިޔަ މަހުގައި މީރާއިން ލިބުނު 1.5 ބިލިއަން ރުފިޔާގެ އާމްދަނީ އަކީ މިއަހަރުގެ މާރިޗްމަހުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދަށް ވުރެ 15.1 އިންސައްތަ ދަށް އަދަދެއްގެ ފައިސާކަމަށް މީރާއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދެއްކިއެވެ. މީގެ އިތުރުން މިދިޔަ އަހަރުގައި މާރިޗްމަހުގައި މީރާގެ ފަރާތުން އެތެރެވި މިންވަރަށްވުރެވެސް މިއަހަރުގެ މާރިޗްމަހުގައި މީރާގެ ފަރާތުން އެތެރެވި އާމްދަނީގެ މިންވަރު 2.1 އިންސައްތަ ދަށެވެ.

މާރިޗްމަހުގައި މީރާއަށް ޖީއެސްޓީގެ ގޮތުން އެތެރެވީ އެމަހުގެ ޖުމުލަ އާމްދަނީގެ 48.4 އިންސައްތައެވެ. އެއީ 732.11 މިލިއަން ރުފިއާގެ އަދަދެކެވެ. އަދި ޖުމުލަ އާމްދަނީގެ 23.5 އިންސައްތަ ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. މިގޮތުން ރިސޯޓުތަކުގެ ބިމުގެ ކުލީގެ ގޮތުގައި 355.86 މިލިއަން ރުފިޔާ މީރާއަށް ވަނީ މިދިޔަ މަހު ލިބިފައެވެ. މިދިޔަ މަހުގައި މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މި ދެ ޒަރިއްޔާއިންނެވެ.

ދެން އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ އަމިއްލަގޮތުންނެވެ. އެއީ  187.03 ރުފިޔާއެވެ. އާމްދަނީގެ 5.8 އިންސައްތަ ލިބިފައިވަނީ ބީ.ޕީ.ޓީގެ ގޮތުގައެވެ. އެއީ 87.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި މީރާއަށްވަނީ 83.17 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ އާމްދަނީގެ 5.5 އިންސައްތައެވެ. އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވަނީ 67.33 މިލިއަން ރުފިޔާ ލިބިފައެވެ. 

މީރާއިން މައުލޫމާތު ދިންގޮތުން ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު އިތުރުވި ނަމަވެސް، ޖީއެސްޓީ ދައްކަންޖެހޭ ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކާފައި ނުވާތީ އާމްދަނީ ވަނީ ދަށަށްގޮސްފައެވެ. ހަމައެހެންމެ ރިޒޯޓުތަކުގެ ކުލި ދައްކަންޖެހޭ ބައެއް ފަރާތްތަކުން ސުންގަޑިއަށް ފައިސާ ނުދެއްކުމަކީވެސް މިދިޔަ މަހުގެ އަންދާޒީ ހިސާބަށްވުރެ މީރާގެ އާމްދަނީ ދަށްވާން ދިމާވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.