މިއަހަރުގެ ރޯދަމަހާއި ދިމާކޮށްވެސް އުރީދޫ މަސްރޭސް ބާއްވަން ނިންމާފައިވާ ކަމަށް އުރީދޫއިން ހާމަކޮށްފޮއެވެ.
އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ މަސްރޭހަށް ގިނަ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން މިއަހަރުވެސް އެ މުބާރާތް ބާއްވާނެ ކަމަށެވެ. އަދި އެ މުބާރާތުގެ ސަބަބުން މަސްވެރިކަމަށް ގިނަ ޒުވާނުން ޝައުގުވެރިވާ ކަމަށްސް އޭނާ ވިދާޅުވިއެވެ.
"ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ހޯދާފައި. މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ހާއްސަ އުފަލެއް،" ހުސެން ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ މަސް ރޭސް މި އަހަރުވެސް ބާއްވާއިރު މިއީ މި މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. މި އަހަރު މި ބާއްވަނީ މި ޝޯގެ 10 ވަނަ ސީޒަން އެވެ. މިއަހަރުގެ މުބާރާރުގައި އަންހެން ޓީމްތަކަށް ހާއްސަ ބުރެއްވެސް ބޭއްވިގެންދާނެ އެވެ. އެހެން ބުރުތަކާއި އެއްގޮތަށް، މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.
މަސްރޭހުގައި ބައިވެރިވުމަށް، 11 އޭޕްރީލް 2019 ވާ ދުވަހު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.
މިއަހަރުގެ މުބާރާތުގައި ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް، ޖުމްލަ 16 ޓީމެއް މި މުބާރާތުގައި ވާދަކުރާނެ އެވެ.
މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ.
މަސްރޭހުގެ ބައެއް އިނާމުތައް
- އެއްވަނަ ހޯދާ ޓީމަށް 50000 (ފަންސާސް ހާސް ) ރުފިޔާ
- އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި
- އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ
- އެއްވަނަ އަންހެން ކެޔޮޅަށް 5000 (ފަސް ހާސް) ރުފިޔާ
އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ އުރީދޫ މަސްރޭސް އެޕިސޯޑްތައް ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 10:30 ގައި ރާއްޖެ ޓީވީއިން ދައްކާނެ އެވެ.