ދިވެހިރާއްޖެއަކީ ގިނަ ރަށްތަކަކަށް ބެހިފައިވާ ކުޑަ ގައުމަކަށް ވުމުގެ ސަބަބުން ބައެއް މީހުންނަކީ އެކި ސަބަބުތަކާ ހުރެ ތަފާތު ރަށްތަކަށް ހިޖުރަކޮށް އެރަށްރަށުގައި ވަޒަންވެރިވާ މީހުންނެވެ. އޭގެ ބައެއް ސަބަބުތަކުގެ ތެރެއިން އެހެން ރަށެއްގެ މީހުންނާ ކައިވެނިކުރުމާއި، ވަސީލަތްތައް ގިނަ ރަށްރަށަށް ހިޖުރަކުރުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އެއްބަނޑު މީހުންނާއި އެއްބަފާ މީހުންވެސް އެކަކު އަނެކަކާ ދުރުވާ ގޮތް ދިމާވެއެވެ. އަހަރެމެން ސައްތަ އިންސައްތަ މުސްލިމުންގެ ކިބައިން މިކަންތައް ފެންނަ މިންވަރު މަދުކުރުމަކީ މުހިންމު ކަމެކެވެ.

ބައެއް މީހުންނަކީ އެހެން ރަށަކަށް ދެވުމުން އާއިލާ މީހުންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް މާ ބޮޑު މަސައްކަތެއް ކުރާ ބައެއް ނޫންކަމީ ހިތާމަ ހުރި ކަމެކެވެ. ކުރީ ޒަމާނުގައި އެހެން ރަށަކަށް ބަދަލުވުމުން ގަވާއިދުން ސިޓީ ފޮނުވައިގެންވެސް އާއިލާ މީހުންނާ ގުޅުން ބަދަހިކޮށް އުޅުނެއެވެ. ވީއިރު ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިފައިވާ މި ޒަމާނުގައި އާއިލާ މީހުންނާ ގުޅުން ބަދަހި ނުކުރެވެން ވީ ކީއްވެހެއްޔެވެ؟

ބައެއް މީހުން އާއިލާ މީހުންނާ ގުޅުން ބަދަހިނުކުރުމުގެ މައިގަނޑު އެއް ސަބަބަކީ އެމީހުންނަށް ކުރެވިފައިވާ ކުށްހީއެކެވެ. އެއީ އާއިލާ މީހުންނަށް އެއްޗެހިދީ، އަގުބޮޑު ހަދިޔާ ދޭން ޖެހުމެވެ. ގިނަ ހާލަތްތަކުގައި މިއީ ކުރެވިފައި އޮންނަ ބޮޑު ކުށްހީއެކެވެ. އާއިލާ މީހުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލާ، އަޚުވަންތަ ބައެކެވެ. މިގޮތުން ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމާއި، އުފާވެރިކަމުގެ ވަގުތުތަކުގައި އުފާ ފާޅުކުރުމުގައި ބައިވެރިވުމަކީވެސް ދިވެހިންގެ ކިބައިން ފެންނަ ރީތި އާދައެކެވެ. ދުރު ރަށެއްގައި ހުންނަ ގާތްތިމާގެ މީހަކާ ދޭތެރޭވެސް މިފަދައިން ކަންތައް ކުރުން މުހިންމެވެ.

ބައެއް މީހުންނަކީ މީސްމީޑިއާގެ އެކި މަންސަތަކުގައި އާއިލާ އެންމެން ހިމެނޭ ގޮތަށް ގުރޫޕުތައް ހަދައި އަބަދުވެސް އޭގެ ޒަރިއްޔާއިން ދުރުގައި ތިބޭ ތިމާާގެ މީހުންނާ ގުޅި، މައުލޫމާތުތައް ހިއްސާކުރާ މީހުން ކަމީ އުފާކުރަން ޖެހޭ ކަމެކެވެ. މިކަމުގެ އިތުރުން އަހަރުގެ ބޮޑު ޗުއްޓީގައި މާލީ ތަނަވަސްކަން ހުންނަ މިންވަރަކުން އާއިލާގެ ހުރިހާ މީހުން އެއްތަންވުމަށް ރޭވުމަކީވެސް މުހިންމުކަމެކެވެ.

އާއިލާގެ ދެމީހެއްގެ ދެމެދުގައި އޮންނަ ކަނޑަކީ ނުވަތަ ދުރުމިނަކީ، އެމީހުންގެ ގުޅުމަށް އަންނަ ހީނަރުކަމަކަށް ނުހެދުމަށް އެންމެންވެސް މަސައްކަތްކޮށް އަޒުމް ކަނޑައަޅަން ޖެހެއެވެ. ކޮންމެ ދެދުވަހުން އެއް ދުވަހު ނަމަވެސް ނުވަތަ ހަފްތާއަކު ދެ ފަހަރުނަމަވެސް އާއިލާ މީހުންނާ ފޯނުން ގުޅައި، އެމީހުންގެ ހާލު އަހުވާލު ބަލައި، އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހުރިނެތް ގޮތް ބެލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އާއިލާ މީހުންނާ ގުޅުން ބަދަހިކުރުމަށް އެވަރު ކަމެއް ކޮށްލެވިދާނެއެވެ. އެވަރުގެ ކުޑަ މަސައްކަތަކުންވެސް މާތްﷲ، އެ ގުޅުމެއް ދެމެހެއްޓުމަށް ނުހަނު ބާރު އަޅުއްވާފައިވާ، ރަހިމަގެ ގުޅުން ދެމެހެއްޓުމުގައި ހާއްސަ އިސްކަމެއްދޭންވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.