އިހުޒަމާނުގެ ދިވެހި އަންހެނުންނަކީ ނަލަވުމުގައި ވަރަށް ސާދާ އުސޫލުތަކެއް ގެންގުޅުނު ރީތި ބައެކެވެ. މިހާރު މިއުޅޭ ދިވެހި އަންހެންކުދިންނަށް އޭރުގެ އަންހެނުންގެ ރީތިކަން ދޭހައެއް ނުވާނެއެވެ. އިހު ދިވެހި އަންހެނުންނަކީ ރީތި ވުމަށް އެއްވެސް ތައްޔާރީ އުފެއްދުންތަކެއް ބޭނުންކޮށް އުޅުން ބައެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އޭގެ ބަދަލުގައި ދިވެހިން ބޭނުންކޮށް އުޅުނީ މުޅިންވެސް އަމިއްލައަށް ތައްޔާރުކުރާ ގުދުރަތީ އުފެއްދުންތަކެވެ.

ހީނާފަތަކީވެސް ދިވެހި އަންހެނުން ނަލަވުމަށް ބޭނުން ކުރި ދިވެހިވަންތަ އުފެއްދުމެކެވެ. ހީނާ ގަހުން ހީނާ ފަތް ކޯނިތައް ނައްޓައިގެން ނުވަތަ ގޮފިތައް ކަނޑައިގެން އޭގައި ހުންނަ ފަތްތައް ވަކިވަކިން ފިލުވުމަށްފަހު ފުނޑައިގެން ހީނާފަތްގަނޑު ތައްޔާރުކުރަން އަންހެނުން ދައްކަނީ އަމަށަކު ފޯރިއެއްނޫނެވެ. މިފަދަ ބުރަ މަސައްކަތުން ހީނާފަތް އެޅުމަށް ތައްޔާރުވުމުން ވެސް ދޭހަވެގެން ދަނީ، ދިވެހި އަންހެނުން ހީނާފަތް އެޅުމަށް ހުރި ފޯރިއާއި ޝައުގުވެރިކަމެވެ.

ހީނާފަތް ފުނޑުމުން ހުންނަނީ ވަޅުފެހި ކުލައަކަށެވެ. އަދި އަތްފައިގަ އެޅުމުން ހުންނާނީ ގަދަ ރަތް ނުވަތަ ގަދަ އޮރެންޖު ކުލައެއްގައެވެ. ހީނާފަތް އެޅުމުގައި ގެންގުޅުނު ފަރުމާތަކަށް ބަލާއިރު، މުޅިއަތާއި ފައިގެ އެތެރެފުށުގައި ހީނާފަތް އެޅުމާއި އިނގިލިތަކުގެ ކޮޅުގައާއި އަތުގެ އެތެރޭގައި ވަށްބޮޅެއްގެ ޑިޒައިނަށް ހީނާފަތް އެޅުން ހިމެނެއެވެ. އަންހެނުން ފިރިންނަށް ރީތި ވުމުގެ ގޮތުގައާއި އީދަށް ހެދި ނަލަވެލުމުގެ ގޮތުގައާއި ހަމަ އާދައެއްގެ ގޮތުގައި ހީނާފަތް އެޅުން އެއީ ދިވެހިންގެ ތެރޭގައި އޭރު އޮތް ސަގާފަތެވެ.

ގަދަޔަށް ރަތްކުރުމަށް އަތާއި ފައިގައި ބޯކޮށް ހީނާފަތްއަޅައި އޭގެ މަތީ ފޮތި އޮޅުމަށްފަހު އައްސައިގެން ނިދި މީހުންގެ އަދަދުވެސް އިހު ދިވެހި އަންހެނުންގެ ތެރެއިން މަދެއް ނޫނެވެ. ގޭގޭތަކުގައި ހީނާފަތް ގަސް ހައްދާފައި ހުރުން ކޮންމެހެންވެސް މުހިންމެވެ. ބައިބަޔަށް އަންހެންވެރިން ގުރޫޕު ހަދާފައި ހީނާފަތް ފުނޑަން ދައިތައް ދޮށު ތިބޭއިރު ދައްކުވައިދޭނީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ.

ކުރީގައި ފިރިހެން ކުދިން ޚިތާނުކުރުމުގެ ތެރެއިންވެސް ހީނާފަތް ބޭނުންކުރެވެއެވެ. މިގޮތުން ޚިތާނުކުރުމުގެ ދުވަހެއް ކުރިން އަތްތިލައާއި ފައިތިލައިގައި އެއްކޮށް ހީނާފަތް އަޅައެވެ. އެއީ ޚިތާނު ކުރެވުފައިވާ އިރު ފިރިހެން ކުދިންގެ އަތަށާއި ފަޔަށް ފިނިކޮށްދިނުމުގެ ބޭނުމަގައެވެ.

މިހާރު ހީނާފަތް އެޅުމުގެ ނަމުގައި ދިވެހިންގެ ތެރޭގައި އާންމުވެފައިވަނީ މުޅިންވެސް އިންޑިއާ މީހުންގެ ސަގާފަތެވެ. މެހެނދީއޭ ކިޔައި އަތުގައި ޒާތްޒާތުގެ ފަރުމާތަކަށް ކުރަހައިފައިހުރުމުން ހިތްގައިމު ނަމަވެސް އިހު ދިވެހިންގެ ތެރޭގައި ހީނާފަތް އެޅުމުގައި ގެންގުނު ސާދާ އުސޫލުތައް ވަނީ މުޅިން ނެތި ގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.