ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާ، އެ އޮތޯރިޓީން ނެރުއްވި އިއުލާންގައި ވަނީ ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރަމުންދާ އިންސްޕެކްޝަން ތަކުގައި، ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންޖެހެއެވެ.