އެންމެ ކުރީޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އަށަގަނެވިފައިވާ އަދި މިހާރުވެސް އެއާދަ ނެތިގޮސްފައިނުވާ އެއް އާދައަކީ ދާނިން ފެންވެރުމެވެ.
މިހާރު ޒަމާނީ ފެންވަރަށް ހަދާފައި ހުންނަ ފާހާނާތަކަށް ވަދެ ފެންވަރައިލުމުން ހިތަށް ފިނިކަން ނުލިބޭ އެތައް ބަޔަކު އުޅޭއިރު އޭގެ ސިއްރަކީ ކުރީ ޒަމާނުގެ ގިފިލިތަކުގައި ހުންނަހެން ދާންޏަކުން ވަޅުން ފެންނަގައިގެން ފެންވަރަން ނުލިބުމެވެ.
ދާންޏަކުން ފެންނަގައިގެން އެންމެ ފަހަރަކު ބޮލަށް ފެން އަޅައިގެން ފެންވެރުމަކީ މާގަނޑަކުން ދިހަ ފަހަރު ބޮލަށް ފެން އަޅައިގެން ފެން ވެރުމެކޭ އެއްފަދަ ކަމެކެވެ. އެއީ ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އެގޮތުން ދާނިން ބޮލަށް ފެންއަޅާލަ އަޅާލައި ކިތަންމެ އިރަކުވެސް ހުރެވިދާނެއެވެ. އެއީ އެހާވެސް "ސްޓްރެސް" ފިލާ ކަމެކެވެ.
މި ހިތްހަމަޖެހުމުން ދުރުވާން ބޭނުން ނުވާތީ ބަންދު ކޮށްފައި ހުންނަ ފާހާނާ ތަކުގައިވެސް ވަޅުން ފެންނަގައިގެން ދާނިން ފެންވަރައިލެވޭނެ އިންތިޒާމު ބައެއް ގޭގޭގައި އަދިވެސް ހުރެއެވެ. އަދި އެފަދަ ފާހާނާތަކަކީ މީހުންގެ ސަމާލުކަމަށް އައިސްފައިވާ ރީތި ތަންތަނެވެ. އެކެއްގެ ގޭގައި އެކަހަލަ ފަހާނާއެއް ހުރިތަން ފެނިއްޖެނަމަ ދެން އަނެއްމީހާވެސް އެފަދަ ގޮތަކަށް އެގޭގެ ފާހާނާއެއް ބިނާކުރަން ބޭނުންވާހާވެސް ވަޅަކާއި ދާންޏެއް ލައިފިނަމަ ފާހާނާއެއް ފުރިހަމަ ވާނެއެވެ.
ދާނިން ބޮލަށް ފެން އަޅައިގެން ފެންވެރޭނެ ގޮތެއް ނުލިބިފައި ތިބޭ މީހުން ކަންކުރާ ގޮތަކީ ބާލިދީއެއް ފުރާ ފެންއަޅައި ޖަގެއް ފަދަ އެއްޗަކުން ބޮލަށް ފެން އެޅުމެވެ. ނަމަވެސް އެއިގެންވެސް ހަގީގަތުގައި ވަޅަކުން ނަގާ ފެނުން ލިއްބައިދޭ ފަދަ އަރާމާއި ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ.