އޮފީހުގައި އެކުގައި މަސައްކަތްކުރާ ކުއްޖަކު ކައިރީ އަހައިލީމެވެ. "މެކްބުކް" އަކާއި ލެޕްޓޮޕް އެއް ގެންގުޅުމުގެ ތަފާތަކީ ކޮބައިހެއްޔެވެ؟ ޖަވާބަކަށް ވީ ވަކި ތަފާތެއް ނެތް ކަމަށާއި، ނަމަވެސް ހިންހަމަޖެހުން ލިބޭ ކަމަށެވެ.

މީ ހަމަ ދިވެހިންގެ އާދައެވެ. އަތްމަތި ކިތަންމެ ދަތިވެފަ ހުއްޓަސް ބާޒާރަށް އަލަށް އެއްޗެއް ނެރޭއިރަށް އެ ގަންނަންޖެހެއެވެ. އެއީ މުސާރައިގެ ގޮތުގައި 5000 ލބުނުކަމުގައި ވިނަމަވެސް، ވިކިގެން ގޮސް ދަރާ އަޅިބޯވިޔަސް ހެޔޮކަމަށެވެ. އެގޮތުން ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފޯނު ގަތުމަށް ގަދަ އަތްވާ ވާރޭގެ ތެރޭގައި ކިޔު ދަމާފައިވާ މަންޒަރު ދިވެހި ފަސްގަނޑުންވެސް މިހާރު ދަނީ ފެންނަމުންނެވެ. ރާއްޖޭގައި އެންމެ ފަހުން މިހުޅުވާ ބްރޭންޑްތަކުގެ ރެސްޓޯރެންޓް ހުޅުވާ ދުވަސް ދުވަހު، އެތަންތަނަށް ކާން ޖަމާވާ މަންޒަރު ބަލާ މީހާއަށް އިޙްސާސްވަނީ އެދުވަހަކީ އެރެސްޓޯރެންޓް ބަންދުކުރަން އުޅޭ ދުވަސްކަމުގައެވެ.

ބޭނުމަކީ ކޮބައިތޯ؟ ތިމާއަކީ ފައިސާ ހުރި މީހެއްކަން ދައްކާލަން ހެއްޔެވެ. ނޫނީ ތިމާ ގެ މޮޅުކަމާއި ގާބިލިއްޔަތުކަން ދައްކަން ހެއްޔެވެ. އެކަން ހަޤީގަތުގައި އޭގެއިން އެ ދައްކާދެނީ މީގެ ތެރެއިން އެއްވެސް ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ތިމާގެ ނާތަހުޒީބު ކަމެވެ.

އެވަރުގެ ފުދުންތެރިކަމެއް ނެތި، އެފަދަ ކަންތައް ކޮށްފައިތިބި އެތަށް ބަޔެއް މިއަދު އަތް ނުފޯރާ ހިސާބަށް ދަރަނިވެރިވެފައި އެބަހުއްޓެވެ.

މިއަދު މުޖްތަމަޢަށް ބަލާލުމުން ފެންނަނީ މިފަދަ ގިނަ ބަޔަކު ނުފޯރާ ފޮތިން ފޫގަޅަން އުޅޭ މަންޒަރެވެ. ފަޤީރުން މުއްސަނދިން ކޮޕީކުރާ މަންޒަރެވެ. މުއްސަނދިން މަޝްހޫރު ފަންނާނުން ކޮޕީކުރާ މަންޒަރެވެ. އެއްޗެހި ވިއްކުމަށްޓަކައި ކުރެވޭ އިޝްތިހާރުތަކުގައި މަޝްހޫރު ފިލްމު ކުޅޭ މީހުންނާއި ކުޅިވަރު ކުޅޭ މީހުން ބޭނުންކުރަމުން ދަނީވެސް މިސަބަބާހުރެއެވެ. ޔަހޫދީން މުސްލިމުންގެ ވިސްނުން ބަދަލުކުރަން ފެށި ފިކުރީހަނގުރާމައިގެ ތެރެއިން މިފަދަ އަމަލުތައްކުރަން ފެށީ، ފުދުންތެރިކަމެއް ނެތް މީސްތަކުން އެއާދަތަކުގައި ޖެއްސުމަށްޓަކައެވެ.

އަގުހުރި އެންމެ ފަހުން ނެރޭ އައިފޯންއާއި އަދި އެހެނިހެންވެސް އެއްޗެހި ގަންނަންވީ އެވެ. އެކަން ތިބާއަށް އެ "އިންސްޓޯލްމަންޓަށް" ނަގާ އެއްޗެހި ދީފައިވާ މުއްދަތު ތެރޭގައި އެހެން މީހެއްގެ ފައިސާ ބޭނުުން ނުކޮށް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ނަމައެވެ.

ތިމާ އަކީ މޮޅު މީހަކަށް ވަނީ އެންމެ ފަހުގެ ބްރޭންޑް ތަކުގެ އެއްޗެހި ގެންގުޅުނީމައެއް ނޫނެވެ. އޭގެ ބަދަލުގައި ތިބާ އަކީ ދިރިއުޅުމުގައި ޒިންމާދާރު، ބޭކާރު ހަރަދުތައް ނުކުރާ ފައިސާ ހެޔޮގޮތުގައި ބޭނުން ކުރާ މީހަކަށް ވީ މައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.