ކައިވެންޏަކީ ދުނިޔެ މަތީގައިވާ އެންމެ މާތް ގުޅުންތަކުގެ ތެރެއިން އެއް ގުޅުމެވެ. އެއީ ދެމީހެއްގެ ދޭތެރޭގައި ޖަހައިލެވޭނެ އެންމެމުޤައްދަސް ގޮށެވެ. ނަމަވެސް އެހެން ކުރެވޭ ހުރިހާ ކައިވެންޏަކީ އަބަދަށް ދެމިގެންދާ ކައިވެންޏަކަަށް ނުވެދެއެވެ. އެގޮތުން ކައިވެނީގެ މާތް ގުޅުން ކަނޑާލުމަށް ކިޔާ ނަމަކީ ވަރިއެވެ.
ދެމީހަކު ގުޅިގެން އެއްކޮށް އުޅެ، ކައިވެންޏަކާއި ހިސާބަށް ދާނީ އެއްވެސް ހާލެއްގައި ދެ ދުވަހުން ވަރިކުރާކަށްނޫނެވެ. އެހެންނަމަވެސް މި ފަހަަކަށް އައިސް، ފޮނިބޮއެފައި ދުވަސްކޮޅަކުން ވަރިކޮށްލާނަމޭ، ނުވަތަ އޭނާގެ އަތުން ކޮންމެވެސް ލާރިގަނޑެއް ހޯދައިގެން އެހެން އަންހެނަކާއި، އިންނާނީއޭ ހިތަށް އަރުވައިގެން ކައިވެނިކުރާ މީޙުންވެސް ދަނީ އާންުމު ވަމުންނެވެ. އެހެންނަމަވެސް އެއީ ކަނޑައެޅިގެން ކުރުން ހަރާމްކަމެކެވެ.
ދިރިއުޅުމެއް ފަށައިގެން އުޅޭ އިރު މައްސަލަތަކެއް ނުޖެހި އޮމާންކޮށް ދާނެ އެއްވެސް ބަޔަކު ނޫޅޭނެއެވެ. އެހެންނަމަވެސް މައްސަލަތައް ޖެހުމުން އެކަންތަކާ ޒުވާބުކޮށް ހެދުމުގެ ބަދަލުގައި ދެމީހުން ވާހަކަ ދައްކައިގެން ކަންތައް ހައްލުކުރުން މުހިންމެވެ. ސަބަބަކީ ދަރިން ލިބިފައި ތިބޭ އިރު އަފަދަ ކަންތަކާއި ޒުވާބުކޮށް ވަރިޔާއި ހިސާބަށް ގޮސްފިނަމަ ހަލާކު ވެގެންދާނީ ހަމަ އެކަނި މައިންބަފައިންގެ ދިރިއުޅުން ކަމަަށްނުވާތީއެވެ. އޭގެ ބަދަލުގައި ހަލާކުވެގެންދާނީ، ދަރިންގެ މުސްތަޤްބަލެވެ.
އިސްލާމްދީނުގައި ވަރިކުމުރުމަކީ އެދެވިގެންނުވާ ކަމެއްކަމުގައި ވިޔަސް ވަރިކުރުން، އެހެން ބައެއް ދީންތަކުގައި ޙަރާމް ކުރާހެން ޙަރާމް ނުކުރައްވައެވެ. އެއީ ވަކި ޙިކުމަތެއްގައި ކަން ޔަޤީނެވެ.
ވަރިކުރަން ޖެހޭ ޙާލަތެއްގައި ވަރިކުރަންޖެހިއްޖެނަމަ އެކަންކުރާނެ، ވަކި އުސޫލުތަކަކާއި ޤަވާއިދުތަކެއް ހަމަޖައްސަވާފައިވެއެވެ. އެގޮތުން ވަރިކުރަންޖެހޭ ހިސާބަށް ކަންތައްގޯސްވުމުން ޖެހެނީ ދެމީހުންގެ ޢާއިލާއިންވެސް ދެމީހަކު މެދުވެރިކޮށް ވާހަކަ ދައްކައި މައްސަލަ ޙައްލު ކުރުމެވެ. މިހާރަކަށް އައިސް ވާހެން މައްސަލައެއް ޖެހޭއިރަށް އަނެއްފަރާތުގެ ޢާއިލާއިން ވަދެގަނެ މައްސަލަ ނުބައިން ނުބަޔަށް ބަދަލު ކުރުމެއް ނޫނެވެ.
އެހެންކަމުން ދިރިއުޅުމުގައި ޖެހޭ މައްސލަތައް އެކުވެރިކަމާއި އެކު މަސައްކަތްކޮށް ބާއްޖަވެރި ދިރިއުޅުމެއް ބިނާ ކުރަން މަސައްކަތް ކުރުން މުހިންމެވެ.