ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުޅުމާލޭ ޖަލުގައި ގާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ.
އެ ރަސްމިއްޔާތުގައިި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއްކަން ފާހަގަކުރެވިފައި ވާކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ އިންސާނީ ހައްގުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމަޔަކުން އަޅާފިޔަވަޅުތަކެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ.
28 ފޫޓް ދިގު 17 ފޫޓްގެ ފުޅާ، ދެ ގޮޅި ހިމެނޭ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށެވެ. ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅިން ބޭރުގައި ވަގުތު ހޭދަކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.