ދިވެހިންނަކީ އިހުގައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު ބައެކެވެ. ޓެކްނޮލޮޖީގެ ވަސީލަތްތަކާއި މީސް މީޑިއާގެ އަސަރު އަޅުގަނޑުމެންގެ ތެރެއަށް އޭރު އަދި ތައާރަފެއް ނުވެއެވެ. އޭރު އަޅުގަނޑުމެންނަކީ ވަރަށް އެކުވެރިކަމާއިއެކު އެކުގައި މަޖާކޮށް އުޅުނު ބައެކެވެ. އޭރު ފެނިގެންދަނީ ދިވެހިންގެ އެއްބައިވަންތަކަމާއި ސާދާކަމުގެ ރީތި މިސާލެކެވެ. 

ފޯނުތަކުން އަތްދޫނުކުރެވިގެން އުޅޭފަދަ މަންޒަރެއް އޭރު ނުފެންނާނެއެވެ. ފެންނާނީ އެންމެންވެސް ވަރަށް އެކުގައި ކޮންމެވެސް މަސައްކަތަކައިގެން މަސްއޫލުވެގެން އުޅޭތަނެވެ. އެގޮތުން އެ ޒަމާނުގައި އަންހެންވެރިން އެކުގައި ކޮށްއުޅުނު އެއްކަމަކީ ބައިގަނޑު ހަދާފައި ތެލިދޮންނަން ދިއުމެވެ. އެއީ އަންހެންވެރިންގެ ތެރޭގައި އެކުވެރިކަން ބަދަހި ކުރުވައިދޭ ކަމެކެވެ. 

ކުރިން ދިވެހިން ކައްކާ އުޅުނީ ދަރު އުނދުނުގައެވެ. އަދި މަސްކެއްކުމާއި ރިހާކުރު ކެއްކުން ފަދަ ކަންކަން ކުރުމުން ކައްކާ ތެލީގައި ހުންނާނީ ވަރަށް ބޮޑަށް ގެދަބުޅި ޖަހައި ކަޅުވެފައެވެ. އަދި އިސްކުރާއި ސިންކު ފަދަ އެއްޗެހި ނުހުރުމާއިވެސް އެކުގައި އޭރު، މީހުން  ތެލިދޮންނަން ދާނީ ރާޅުފެންފަށަށެވެ. 

ތެލިދޮންނަން ދާ ދިއުމުގައި ދެކެވޭ ވާހަކަތަކުގެ އޮލަކަމުން ހެނދުނު ދާމީހުން ގެއަށް އަންނައިރު ހުންނާނީ  މެންދުރު އަތަށް އަޅާފައެވެ. އެއީ މިހާރު އަންހެނުން މެސެންޖާ ގުރޫޕުތަކުގައި ދައްކާ ވާހަކަތަކަކަށްވުރެވެސް މާ ބޮޑަށް ސްޓްރެސް ފިލާނެ ވާހަކަތަކެކެވެ. އަދި ތެލިދޮންނައިރު އެކަކަށްވުރެ ރީއްޗަށް އަނެކަކު ތެލިދޮންނަން، މުބާރާތްވެސް ބާއްވައި އުޅުނެވެ. 

މިހާރު ދިވެހިން، ގޮނޑުދޮށަށް ގޮސް އުޅޭއިރު ސެލްފީ ނެގުމާއި އެފަދަ ސަކަރާތްޖަހައި އުޅުނު ނަމަވެސް އޭރު އަންހެނުން ގޮނޑުދޮށަށް ދާއިރު އެފަދަ އެއްވެސް ކަމެއް ކުރަން ހިތަށްވެސް ނާރާނެއެވެ. ދިވެހިންގެ ކުޑަ އާބާދީގެ ގިނަ މީހުން އުޅުނީ އޭރު މޫދާއިވެސް ވަރަށް ކައިރީގައެވެ. އަދި ތެލިދޮންނަން ދިއުމުގެ ތެރޭގައި މޫދަށް އެރި، މޫދުގައި ކުޅޭ ބައެއް ކުޅިވަރުތައްވެސް ކުޅެ އުޅޭނެއެވެ. 

ހިތާމަކުރަންޖެހޭ ކަމަކީ މިހާރު އެފަދަ މަންޒަރެއް ދިވެހިންގެ ތެރެއިން ފެންނަލެއް މަދުވުމެވެ. ދިވެހިންގެ ޖަޒީރާވަންތަ ދިރިއުޅުމާއި ދިވެހިން މިދަނީ ދުވަހަކަށްވުރެ ދުވަހެއް ދުރުވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.