ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ބައެއް އާދަކާދަތައް މިއަދު މިވަނީ މާޒީއާއި އެކުވެގެން ގޮސްފައެވެ. އަޅުގަނޑުމެން ކުޑައިރު ކުރި އެތައް މަޖާ ކަންތައްތަކެއް މިއަދު މިވަނީ ދިވެހިންގެ ތެރެއިން ނެތިގެން ގޮސްފައެވެ. ރާއްޖެތެރޭގެ ރަށްރަށުގެ ދޮންވެލި ތުނޑިތަކުގައި އެކުވެރިންނާއި އެކު މަޖާކޮށް ކުޅެލުމުން އެކުރުވާ އިހްސާސްތައް މިހާރުގެ ގިނަ ކުދިންނަަކަށް ނޭގޭނެއެވެ. ރާއްޖޭގެ ރަށްތަކުގެ ވެލިލާފައި ހުންނަ މަގުތަކުގައި މިނިވަން ކަމާއިއެކު އެކުވެރިންނާއި އެކު ދުވެލާ މަޖާ ކޮށްލާ އުޅުނު ދުވަސްތައް ވެސް މިވަނީ ގިނަ ރަށްރަށުގެ މަގުތަކުގައި ތާރު އެޅި ހިސާބުން ފާޑަކަށް ނިމިފައެވެ. 

ކުޑައިރު ބަތްކައްކާ ކުޅެން އުޅުނު ދުވަސްވަރު މަތިން ހަނދާން ހުންނަވަނީ ކިތައް ބޭފުޅުން ތޯއެވެ؟ އެ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ރަންޒަމާނެވެ. ހެނދުނު ހޭލައި ގޮތަށް ގޭ ކައިރި ކުދިން ކޮޅާއި އެކު ހޭޅި ފަށަށް ގޮސް ނާއްޓާއި، ކުޅެން ބޭނުންވާ އެހެނިހެން ކޫސަނި ސާމާނު ހޮވައިގެން ގޭދޮށަށް އައިސް ބަތްކައްކާ ކުޅުމަކީ ކުޑައިރު އަޅުގަނޑުމެންގެ ދުވަސް ފެށިގެން ދާގޮތެވެ. ގިނަ ފަހަރަށް މުޅި ދުވަހު ބަތްކައްކާ ކުޅެން އުޅެފައި ގެޔަށް ގޮސް، ގިނަ ރޭރޭ ނިދީގައިވެސް ހުވަފެނުގައިވެސް ކުޅޭނީ ބަތްކައްކާއެވެ. ހުވަފެނުގައި އޮވެގެން ގޮވާނީވެސް އެކުގައި ބަތްކައްކާ ކުޅެން އުޅޭ ކުދިންނަށެވެ. 

ކުޑައިރު ބަތްކައްކާ ކުޅެން އުޅުނު އިރު ކުރެވިފައި ހުރި ކަންތައްތައް ހަނދާން ވުމުން މިހާރު ހިނިއައިސް ހަލާކު ވާވަރުވެއެވެ. ކުރެވިފައި ހުރި ބައެއް މޮޔަ ކަންތައްތައް ހަނދާން ވުމުން ލަދު ގަންނަ ފަހަރުވެސް މަދެއް ނޫނެވެ. ކުޑައިރު ބަތްކައްކާ ކުޅޭ އިރު، ހިނރުދު ގަހު ފަތުގައި މަސްހުނި މޮޑޭ ހަނދާނާއި އަދި ވެއްޔަށް ފެން އަަޅައިގެން ބަތްކައްކާ ހަނދާން މިއަދުވެސް އިއްޔެ ކުރި ކަމެއް ހެން ވެއެވެ. އަދި ރާޅު ޖަހާ ހިސާބަށް ގޮސް ތެތް ވެލި ނަގައިގެން އެއިން ބޯޅަ ހަދައިގެން އެކަކު އަނެކަކު ގަޔަށް ވެލި ބޯޅަ ޖަހާ ހަނދާނެވެ. ނޫނީ ވިއްސާރަ ދުވަހެއްގައި އެކުވެރިންނާއި އެކު މަގުތަކުގައި ހެދި ފައި ހުންނަ ޗަކަތަކަށް އެރި މުޅި މީހާ ހަޑިވެގެން ކުޅޭ ހަނދާންތަކެވެ. 

އަޅުގަނޑުމެން ކުޑައިރު ބަތްކައްކާ ކުޅެ، އެކުގައި ކިތަންމެ މަޖާކޮށް ހެދި ނަމަވެސް، ހަގީގަތަކީ މިއަދު ކުޑަކުދިން މިވަނީ މިފަދަ ހުރިހާ އުފާތަކަކުން މަހުރޫމު ވެފައިވާ ކަމެވެ. މިއަދު ކުއްޖާއަށް ރަނގަޅަށް ހިނގަންވެސް ނޭގެނީސް އަތަށް ބޮޑު ޓެބެލްޓް ދޭނެއެވެ. ނުވަތަ ދަރިފުޅު ގެންގޮސް ޓީވީ ކުރިމަތީގައި ކާޓޫން އަޅުވާފައި ބައިންދާނެއެވެ. މިހާރު ބޮޑު ވަމުންދާ ކުދިން ބޮޑު ވަނީ އަޅުގަނޑުމެން ހެން ގޭ ކައިރި ކުދިން އަދި އެކުވެރިންނާއި އެކު ބަތްކައްކާ ކުޅެން އުޅުމުގެ ތެރެއިންނެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިން ބޮޑުވަނީ، އެކި ކަހަލަ ގޭމްތައް ކުޅުމުގެ ތެރޭގަ އާއި އަދި އެކި ޒާތްޒާތުގެ ކާޓުން ބެލުމުގެ ތެރެއިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.