ޖެންޑާރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ހާއްސަ ޤުރުއާން ކްލާސްތަކެއް ހިންގުމަށް، ޖެންޑާރ މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ނިންމާފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ހާއްސަ ބައްދަލުވުމެއްގައި ޖެންޑާރ މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ މެދުގައި ވަނީ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ހާއްސަ ޤުރުއާން ކްލާސްތަކެއް ހިންގުމަށް އަދި އެކުދިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ފިޔަވެތި އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 143 ކުދިންނަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޤުރުއާން ކްލާސްތައް ހިންގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރެވެ. އަދި ޖެންޑާރ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ ޖެންޑަރ މިނިސްޓަރ ޝީދާތާ ޝަރީފެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރ ޝިދާތާ ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދެވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް އިސްލާމިކް މިނިސްޓްރީ އަށް ޝުކުރު އަދާކުރައްވާފައެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރުވެސް މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކަން އިތުރުކޮށް، ގުރުއާނުގެ އިލްމު ފެތުރުމަށް އެ މިނިސްޓްރީ އިން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށެވެ.