ދިވެހިންނަކީ ވަރަށް ތަފާތު، އެފަދަ ދެވަނައެއް ނުވާ ސަގާފަތެއް ގެންގުޅުނު ބައެކެވެ. ފެންވެރުން، ނިދުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކުރާ ކަންތަކުން ފެށިގެން ލަވަކިޔައި ނެށުން ފަދަ މުނިފޫލި ފިލުވުމުގެ ދާއިރާގައިވެސް ދިވެހިން ގެންގުޅެމުން އައީ ވަރަށް ފާހަގަކޮށްލެވޭ އެހެން ގައުމުތަކާއި ތަފާތު އުސޫލުތަކެކެވެ. މީގެ އިތުރުން ދިވެހިން ނަލަވުމަށް ބޭނުން ކުރަމުން އައި ތަކެތިވެސް ސާދާވެފައި ހިތްގައިމެވެ. ދިވެހި ލިބާހުގައި މާ ބޮޑު ފަރުމާކުރުމެއް އެކުލެވިގެން ނުވިނަމަވެސް އެ ހެދުންތަކުން ރަމްޒުކޮށްދޭ ދިވެހިވަންތަކަމާއި ސާދާކަމުގެ ވާހަކަ އަދިވެސް ދިވެހިން ދައްކައެވެ.

މިފަހަކަށް އައިސް ދިވެހިން ދުނިޔޭގެ އެކި ހިސާބުތަކުގައި ހައްދާ މާ ގަސްތައް، ދިވެހިންގެ ބަގީޗާއަށް ގެނެސް ގޯތިތަކުގައި ހައްދާފައި ހުންނަ މަންޒަރު ޢާންމުކޮށް ފެނެއެވެ. ދެހާހުގެ ފުރަތަމައިގެ އަހަރުތަކުގައިވެސް މި ފަދަ ގަސްތަކުގެ ބަދަލުގައި ދިވެހިން ބަގީޗާގައި ހައްދައި އުޅުނީ ވަރަށް ތާރީޚީ، ދިވެހިންގެ ތެރޭގައި އަބަދުވެސް ޢާންމުވެފައިވި، މަޝްހޫރު ދިވެހިވަންތަ މާގަސްތަކެވެ. މީގެ ތެރެއިން ވެސް ވަކި މާގަސްތަކެއްގެ ނަން ފާހަގަކޮށްލެވެއެވެ.

ބޯގަންވިލާ

ބޯގަންވިލާ އަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ، އެންމެ މަގްބޫލުކަން ހޯދަމުން އަންނަ މަޝްހޫރު މަލެކެވެ. ބޯގަންވިލާގެ ނަން ދެވިފައިވަނީ އޭގެ އިނގިރޭއްސި ނަމާ ގުޅުވައިގެންނެވެ. ބޯގަންވިލާގެ ތަފާތު އެތައް ކުލައެއް މިހާރު ރާއްޖޭގައި ފެންނަން ހުރިނަމަވެސް ކުރީގައި ބޯގަންވިލާ އޭ ބުނުމުންވެސް ސިފަކުރެވެނީ ގަދަ ފިޔާތޮށި ކުލައެވެ.

ބޯގަންވިލާ ގަސް ހެދިފައި ހުންނަނީ ވެލެއް ފަދައިންނެވެ. ނަމަވެސް އޭގެ ގަހުގެ ގޮފިތައް ހެދިފައިވާ ވަނީ ވަރަށް ފަލަކޮށް ކަމަށް ވުމުން އެކަން މާ ބޮޑަށް ފާހަގައެއް ނުކުރެވެއެވެ. ބޯގަންވިލާ ގޭގޭގައި މިހާރު ވަރަށް ގިނައިން ހައްދާފައި ހުރެއެވެ. ބައެއް ބޯގަންވިލާ ގަސްގަހުން އެއް ކުލައަށްވުރެ ގިނަ ކުލަކުލައިގެ މާތައް ފޮޅިފައިވެސް ހުރެއެވެ. ގިނައިން ބޯގަންވިލާގެ މާތައް އަޅައި ފުރިފައިވާ ގެތަކުގެ ގޯތިތައް ފެނުމުންވެސް ހިތްހަމަޖެހެއެވެ. ދިވެހިންގެ އާދަޔާ ސަގާފަތުގެ ތެރެއިން ފާހަގަކޮށްލެވޭ ތާރިޚީ ގަހެއް އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން ދާ މަންޒަރު ފެނުމުން އުފާވެއެވެ.

ގުލްޗަންޕާ

ގުލްޗަންޕާއޭ ބުނުމުންވެސް ގިނަ މީހުންނަށް ސިފަވާނީ ރަށްފުށުގެ މިސްކިތެކެވެ. އެއީ އަބަދުވެސް މިސްކިތްތަކުގެ ގޯތިތަކުގައި ވަޅު ކައިރީގައި މީރުވަސް ދުއްވުމަށް ގުލްޗަންޕާ ހައްދައި އުޅުނެވެ. ޢާންމުކޮށް މިސްކިތްތަކުގައި ހައްދާނީ މީރުވަސްދޭ، މަދުން ފަތް ވެރޭ ގަސްތަކެވެ. އޭގެ ތެރޭގައި ހުވަނދުމާވެސް ހިމެނެއެވެ. ގުލްޗަންޕާގެ ތަފާތު ވައްތަރުތައް ރާއްޖޭގައި ހައްދައި އުޅެއެވެ. އޭގެ ތެރޭގައި ހުދާއި ރީނދޫ ކުލަ ހިމެނޭ ގުލްޗަންޕާ، ފިޔާތޮށި ގުލްޗަންޕާގެ އިތުރުން ބޯޅަ ކިންކިރިމާވެސް ހިމެނެއެވެ.

ގަދަ ރަތް ކުލައިގެ ގުލްޗަންޕާވެސް ހުރެއެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި އަބަދުވެސް އެންމެ ޢާންމުވަމުން އައީ ހުދުކުލައާއި ރީނދޫކުލަ ހުންނަ ގުލްޗަންޕާއެވެ. ގުލްޗަންޕާއަކީ އެއިން ވަރަށް މީރު ވަހެއްދޭ، ބަލާބެލުމަށް ރީތި މަލެކެވެ. އިހުގެ ދިވެހި އަންހެނުން އީދު ދުވަސް ދުވަހުގައި އަދި މިނޫންވެސް މުނާސަބާތްތަކުގައި ނަލަވެގެން ބޮލަށް ގުލްޗަންޕާމާ ޖަހައި އުޅެއެވެ. އަދިވެސް ރަތް ލިބާސްލި ދިވެހި އަންހެނެއްގެ ބޮލަށް ގުލްޗަންޕާ މަލެއް ޖަހައިފައި ހުރުމުން ވަރަށް ހިތްގައިމެވެ.

ސައިމާ

ސައިމާގެ ނަން އިވުމުންވެސް ސިފަވަނީ ރަށްފުށުގެ ދިރިއުޅުމެވެ. ސައިމާގެ ތަފާތު އެކި ވައްތަރުތައް މިހާރު ރާއްޖެއިން ފެންނަން ހުއްޓަސް ކުރިން ޢާންމުކޮށް ފެންނަނީ ސައިމަލުގެ މަދު ވައްތަރުތަކެކެވެ. އޭގެތެރޭއި ރަތް ކުލައިގެ ފަސް ފިޔަލާފައި އިންނަ ސައިމާ، ފުށް ކުލައާއި ރަތްކުލަ ލީ ސައިމާ، ބޮނޑި ސައިމާ ވެސް ހިމެނެއެވެ.

ސައިމަލަށް ނަންދެވިފައިވަނީ އެއިން މީހުން ސައި ގިރައި އުޅުމުގެ ސަބަބުންނެވެ. ސައިމަލުން ގިރާ ސައި ވަރަށް މީރުކަމަށް މީހުން ބުނެއުޅެއެވެ. ސައިމަލުގެ ފޮނި ކުޑައިރު ބުއިއުޅުނީ ކިތައް ކުދިންތަ؟ ކުޑައިރު ބަތްކައްކާ އުޅުންއިރު ސައިމަލުގެ ބޭނުންކޮށްގެން ވަރަށް ބާވަތްތަކުގެ "ކާނާ" ތައްޔަރުކޮށް އުޅޭނެ މީހުންގެ އަދަދު ވަރަށް ގިނަ ވާނެއެވެ.

އަސުރުމާ

އަސުރުމަލަކީ ވަރަށް މީރު ވަހެއް ދޭ، ބަލާލަން ރީތި މަލެކެވެ. ދިވެހިންގެ ތެރޭ އަސުރުމާ ޢާންމުވެފައިވި މިންވަރު އަންގައިދޭ އެންމެ ބޮޑު އެއް ހެއްކަކީ، އަސުރުމާ ކުލައިގެ ނަމުން ކުލައެއް ސިފަކޮށްދިނުމެވެ. ކުރިން ދިވެހިންގެ ތެރޭގައި އެންމެ އާންމުވީ "އަަސަރުމާ ކުލައިގެ" މަލާއި، ހުދާއި ފިޔާތޮށި ކުލަލި އަސުރުމަލެވެ.

އަސުރުމަލަށް ނަންދެވިފައިވަނީ އެ މާ ފޮޅޭ ގަޑީގެ ސަބަބުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.