އިންޓަނެޓްގެ އަގުހެޔޮކުރުމަށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ މައި ދެ ކުންފުނި ކަމަށްވާ، ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން މަޝްވަރާތައް ފަށައިފިއެވެ.
އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫ އާއި އެކު މަޝްވަރާތައް ފަށާފައިވާއިރު، އެކަން ފެއްޓެވީ ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލު އިސްވެ ހުންނަވައިގެންނެވެ.
ދިރާގުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެޑައިގަންނަވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝިީދުއެވެ. އުރީދޫގެ ފަރާތުން ބައިވެރިވެޑައިގެންފައިވަނީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޙާންއެވެ.
މިކަމަށް ކުރެވުނު މަޝްވަރާތައް ފެށިގެން ގޮސްފައިވީނަމަވެސް މަޝްވަރާގެ ތެރެއިން ދެކެވުނު ވާހަކަތަކެއް އަދި ހާމައެއް ނުކުރެއެވެ. އެގޮތުން، މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ކުރެވޭ މަޝްވަރާގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިންވެސް އިންޓަރނެޓްގެ އަގުތައް އެންމެ ބޮޑީ ރާއްޖޭގައިކަން ފާހަގަކޮށްލެވެއެވެ.
އިންޓަނެޓުގެ އަގުހެޔޮ ކޮށްދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.