ދުނިޔެ ދައްކަމުން ގެންދާ ތަރައްގީއާއި ތަހްޒީބުގެ އަވާމެންދުރުގައި މިއަދު ދިވެހިން ވެސް މިދަނީ ޖެހެމުންނެވެ. ޚާއްސަކޮށް ދިވެހި ޒުވާނުން އެކުލަތަކުގައި އަވާގައި ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. ހުޅަނގުގެ ގައުމުތަކުން ދައްކާ އަވާމެންދުރުގެ އަވާގައި ޖެހިގެން ދިވެހި ޒުވާނުން އަންނަނީ، ދިވެހި ވަންތަ ރީތި އާދަކާދަތައް ދޫކޮށްލައި އެގައުމުތަކުގެ އާދަކާދަ ތަކަށް ތަބާވަމުންނެވެ. ހިތާމަ ކުރަންޖެހޭ ކަމަކީ ދިވެހިން ބޭރު ގައުމުތަކުން ދައްކާ ދަޅަތަކުގައި ޖެހިގެން، އަމިއްލަ ދިވެހި މާދަރީ ބަސް ވެސް އަމިއްލަ އަތުން ވެއްޔާއި މޮޑެމުން ދާކަމެވެ. މިއީ އަޅައި ނުލައި ދޫކޮށްލެވޭ ވަރު ކަމެއް ނޫނެވެ. ދިވެއްސަކަށްވެ ހުރެ ދިވެހި ބަހަށް ހިތު ހުރިހާ ގޮތެއް ހަދާއިރު ލަދު ގަންނަން ޖެހޭ ނުންތޯއެވެ. 

އެހެން ބަސްބަހުން ވާހަކަ ދެއްކުން ނުވަތަ އެހެން ބަސްބަސް ދަސްކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވާ ހިސާބަކީ، ދިވެހި ބަހަށް އިހާނެތިކޮށް ހިތައި ނުވަތަ ދިވެހި ބަސް ނަގާ ދުރަށް އެއްލާލާފައި އެހެން ބަހަކަށް، އަޅުގަނޑުމެންގެ ދިވެހި ބަހުގެ މައްޗަށް ވެރިވެގަތުމަށް ފުރުސަތު ދޭތީއެވެ. ނުވަތަ މުއާސަލާތުކޮށް އުޅޭއިރު ދިވެހި ބަހާއި އެހެން ބަސްތައް މަސްހުނި ކޮށްގެން، ދިވެހި ބަހުގެ އަސްލު ގެއްލޭ ގޮތަށް ބޭނުން ކުރުމުންނެވެ.

ދިވެހި ބަހަކީ، އަޅުގަނޑުމެންގެ ފަޚްރޭ، އެވެނިއެއްޗެކޭ، މިވެނިއެއްޗެކޭ ކިޔައި މޮޅެތި ވާހަކަތައް ދައްކާއިރު، އެދައްކާ ވާހަކަތަކާއި ދިވެހިންގެ އަމަލުތައް ހުންނަ ގޮތާއި ދިމާ ނުވާތީ އަޅުގަނޑުވެސް ލަދު ގަނެއެވެ. ހިތާމަވެސް ކުރަމެވެ. ދިވެއްސެއްކަން އަންގައިދޭ އެންމެ މުހިންމު އެއް އެއްޗަކީ ދިވެހި ބަހޭ ކިޔާފަައި ދިވެހި ބަހާއި ކޮންމެވެސް އެހެން ބަހަކާއި މަސްހުނިކޮށްގެން ވާހަކަދެއްކީމައި ކަޑައެއް ނުންތޯއެވެ. އެހިސާބުން އެއޮތީ ތިމާ ބުނާ ބަހުގައިވެސް ނުހިފޭއްޓިފައެއް ނުން ތޯއެވެ. އަމިއްލައަށް ވިސްނާލައްވާށެވެ. އަޅުގަނޑުމެން ވާހަކަ ދައްކާއިރު ކޮންމެ ޖުމުލައެއްގެ ދޭތެރެއަށް އިނގިރޭސި ލަފްޒެއް ނުވަތަ ހިންދީ ލަފްޒެއް ލައިގެން ވާހަކަ ދައްކައި ހެދުމުން އަޑު އަހަންވެސް ހަޑި ނުންތޯއެވެ. އެގޮތަށް ދިވެހި ބަހާއި އެހެން ބަސްތައް މަސްހުނި ކޮށްގެން ވާހަކަ ދެއްކުމުން ދިވެހި ބަހުގެ ހަމަތަކަށާއި، ގަވައިދުތަކަށްވެސް ބުރޫ އަރައެވެ.

މިއަދު އެންމެ ތުއްތު ކުއްޖާއަށްވެސް ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްދިނުމުގެ ބަދަލުގައި، ބެލެނިވެރިން ދަސްކޮށްދެނީ އިނގިރޭސި ބަހެވެ. އަޅުގަނޑު ބައެއް ފަހަރު އަޖައިބުވެސް ވެއެވެ. ދިވެއްސަކަށް ވެހުރެ އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިންނަށް ދިވެހި ބަަހުގެ ބަދަލުގައި އެހެން ބަސްތަކުން ވާހަކަދައްކަން ދަސްކޮށްދިނުމަކީ ކޮށްގެން ވާނެ ކަމެއްވެސް ނޫނެވެ. ލަދުވެސް ގަންނަން ޖެހޭ ކަމެކެވެ. ކުޑަ ދަރިފުޅަށް ދިވެހި ބަސް ދަސްކޮށްދީފައި އެހެން ބަސްތައް ދަސްކޮށްދިނުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް މައްސަލައަކީ، ދިވެހި ބަސް އެކަހެރިކޮށްފައި އަޅުގަނޑުމެންގެ ދަރިންނަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކޮށްދޭތީއެވެ. މިއަދުގެ ޅަފުރައިގެ ކުދިން ދިވެހި ބަހަށް ވުރެ އިނގެރޭސި ބަހުން މާ ފަރިތަކޮށް ވާހަކަ ދައްކައެވެ. އެހެން ކަންކަން ދިމާވަނީ ކުއްޖާއަށް އިސްކުލޫގެ މާހައުލުގައިވެސް ދިވެހިން ވާހަކަ ދައްކަން ފަރިތަ ކޮށްދިނުމުގެ ބަދަލުގައި އެހެން ބަސްތަކަށް އިސްކަން ދޭތީއެވެ.

މިހާރު މިއުޅޭ ދިވެހި ޒުވާނުން، ދިވެހި ބަހަށް ހަދާލާ ގޮތުގެ ވާހަކަ ދެއްކުމަށް ވުރެ ނުދެއްކިއްޔާ މާ ރަނގަޅު ވާނެއެވެ. މިއަދު ބައެއް ދިވެހި ޒުވާނުން ދެކޭ ގޮތުގައި ދިވެހި ބަހުން ވާހަކަ ދެއްކުމަކީ ވަރަށް ކަޓު އަދި ކަޑަ ކަމެކެވެ. އޭގެ ބަދަލުގައި އިނގިރޭސި ނުވަތަ އެހެން ބަހަކުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭނަމަ އެވީ ދެން މާ މޮޅު މީހަކަށެވެ. ނަމަވެސް މިހާރު އެ ވިސްނުން ބަދަލު ކުރަން މާ ލަސްވެއްޖެއެވެ. އަޅުގަނޑުމެންނަށް "ދިވެހިން" ކިޔުމުގައިވެސް ދިވެހި ބަހުގެ ވަރަށް ބޮޑު ދައުރެއް އޮވެއެވެ. މޭބޮޑު ކޮށްލާފައި ފޮނިވެލާފައި އަހަރެންނަކީ ދިވެއްސެކޭ ބުނާއިރު، ދިވެހި ބަސް އެކަހެރި ކޮށްލައި އެބަހަށް ބޭނުން ގޮތެއް ހަދަން ލަދެއް ނުގަނޭތޯއެވެ. އަމިއްލަ ވަންތަ އަމިއްލަ ބަހެއް ގެންގުޅޭ ގައުމުތައް ވަރަށް މަދެވެ. އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީ އެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އަޅުގަނޑުމެން އެކަމަށް ފަޚުރުވެރި ވާންވީ ނުންތޯއެވެ؟ ނަމަވެސް ދިވެހިން އެކަމަށް ފަޚުރުވެރި ވުމުގެ ބަދަލުގައި ކުރާ ކަމަކީ ދިވެހި ބަހުގެ ތެރެއަށް އެހެނިހެން ބަސްތައް ވައްދައިގެން މަސްހުނިކޮށް ދިވެހި ބަހުގެ ހަމަތަކާއި ގަވައިދުތަކަށް ފައިން އަރައި ވެއްޔާއި މޮޑުމެވެ. 

މިގޮތަށް ކިތަންމެ ރިޕޯޓެއްވެސް ލިޔެވިދާނެއެވެ. ނަމަވެސް މައްސަލައަކީ ދިވެހި ބަހާއި ގުޅޭ މައްސަލަތަކަށް މިއަދާއި ޖެހެންދެންވެސް ހައްލެއް ނުލިބޭ ކަމެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ދިވެހި ބަސް ސަލާމަތް ކުރަން ކަމަށް ބުނެ ބަހާއި ގުޅޭ ބަހުސްތައް ބާއްވައި ނުވަތަ ދިވެހި ދުވަހެއް ފާހަގަކުރުމުން އެނިމުނީ އެއް ނޫނެވެ. ދިވެހި ބަސް ނެތިގެން ދިއުމުން ސަލާމަތް ކުރެވޭނީ އަޅުގަނޑުމެން އެންމެވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ދިވެހި ބަހާއި އެހެން ބަސްތަކާއި މަސްހުނި ކޮށްގެން ވާހަކަ ދެއްކުން ހުއްޓައިގެންނެވެ. އަޅުގަނޑުމެންގެ ދަރިން ފުރަތަމަ ކިޔާ ބަސްތަކަކީ ދިވެހި ބަހުގެ ލަފްޒު ތަކަކަށް ހަދައިގެންނެވެ. އަދި މިޖީލުގެ ޒުވާނުންގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖައްސައިގެންނެވެ. ވަގުތު ފާއިތު ނުވަނީސް ދިވެހި ބަސް ސަލާމަތް ކުރަން އެންމެ މަސައްކަތް ކޮށްގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.