މިއަންނަ އަހަރުން ފެށިގެން ތިލަފުށީގައި އަންދާ ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ތިލަފުށީގައި ކުނި އެންދުމަށް އިންސިލަރޭޓަރެއް ބޭނުން ކުރަން ފެށުންކަމަށެވެ. އެބޭފުޅާ ވިދާޅުވީ، ދުން އަރާ ގޮތަށް ތިލަފުށީގައި ކުނި އެންދުން ހުއްޓާލައި، އިންސިލަރޭޓަރެއް ބޭނުން ކޮށްގެން ކުނި އެންދުމުން، އޭގެ ދުމުން ހަކަތަ ވެސް އުފެއްދޭނެ ކަމަށެވެ. އަދި މަަސައްކަތް ކުރަމުންދަނީ އަންނަ އަހަރު ފެށޭ ހިސާބުގައި ތިލަފުށީގައި އަންދާ ކުނިން ހަކަތަ އުފެއްދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އުންމީދަކީ މިއަހަރު ނިމޭއިރު ތިލަފުށީގައި ދުން އަރާ ގޮތަށް އަންދަމުންގެންދާ ކުނި އެންދުން ހުއްޓާލާ އިންސިލަރޭޓަރ އެއް ބޭނުންކޮށްގެން ކުނި އަންދަމުން ގެންދިއުން. އޭރުން އަޅުގަނޑުމެންނަށް އެ އިންސިލަރޭޓަރު ބޭނުންކޮށްގެން ކުނި އަންދާއިރު އޭގެން ހަކަތަ ވެސް އެބަ އުފެއްދޭ. އެހެންމަ އަންނަ އަހަރުން ފެށިގެން އަޅުގަނޑުމެން ތިލަފުށީގައި އަންދާ ކުނި އެއީ ހަމައެކަނި ކުނި އެންދުމެއް ނޫން. އޭގެ އިތުރުން އަޅުގަނޑުމެންނަށް ހަކަތަ އުފެއްދޭނެ."

އިބްރާހިމް އިތުރަށް ވިދާޅުވީ، މިއަންނަ އަހަރުން ފެށިގެން، ތިލަފުށީގައި ޑީސަލް އަންދައިގެން ހަތަކަ އުފައްދައިގެން ކަރަންޓް ދިނުމުގެ ބަދަލުގައި އަންދާ ކުނިން އުފައްދާ ހަކަތައިން ކަރެންޓް ދޫކުރެވޭނެ ކަމަށެވެ. މިއަހަރު ނިމޭ ހިސާބުގައި އިންސްޓޯލް ކުރެވޭނެ ކަމަށް ލަފާކުރެވޭ އިންސިލަރޭޓަރު ތަކަކީ، ގާތްގަނޑަކަށް 20 އަދި 25 އަހަރު ދުވަހުގެ މުއްދަތަކަށް ތިލަފުއްޓަށް ގެންނަ ކުނި މެނޭޖް ކުރެވޭނެ ވަރުގެ ސެޓަޕެއް ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

"މިއަހަރު ނިމޭއިރަށް އިންސްޓޯލް ކުރެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދު މިކުރާ އިންސިލިރޭޓަރ އެއީ، ގާތްގަނޑަކަށް 20-25 އަހަރު ދުވަހުގެ މުއްދަތައް އިތުރަށް އަޅުގަނޑުމެން ތަރައްގީ ނުކުރިއަސް ރާއްޖޭގެ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖް ކުރެވޭ ވަރު ސެޓަޕެއް" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު އިތުރަށް ވިދާޅުވީ، މުޅި ރާއްޖޭގެވެސް ސާފުތާހިރުކަން ބެލެހެއްޓެނީ ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާތީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *