ވަޒީފާގައިއުޅޭ އަންހެނަކު ވިހެއުމަށްފަހު ދުއާ ކޮށްކޮށް ތިބޭނެ އެއް ކަމަކީ އެމީހުންގެ މެޓަރނިޓީ ލީވް އަވަހަށް ހުސް ނުވުމަށް އެދިއެވެ. ސަބަބަކީ އެއަށްފަހު ދަރިފުޅު ބެލުމަށް ހޯދަން ޖެހޭނީ އެހެން ގޮތެއް ކަމަށް ވެދާނެތީއެވެ. 

ތިމާގެ ކުޑަ ދަރިފުޅަށް އެއްވެސް ގޮތަކުން ގެއްލުމެއް ލިބުމަކީ އެއްވެސް މަޔަކު އެދޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ވަޒީފާގައި އުޅޭއިރު ދަރިފުޅަށް މާ ގިނަ ވަގުތެއް ނުދެވޭނެއެވެ. ގިނަ ވަޒީފާތަކަކީ ދުވާލުގެ ބޮޑުބައި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަޒީފާތައް ކަމުގައި ވުމުން، އެފަދަ މައިން އާންމުކޮށް ކުރާ ކަމަކީ އެކުދިން ބަލައިދޭން އެހެން މީހަކާއި ހަވާލު ކުރަނީއެވެ. 

ކުދިން ބަލަން އެހެން މީހެއް އަތަށް ދިނުމަކީ މަޔަކަށް އޭނާގެ ދަރިން އަމިއްލައަށް ބެލޭނެ ފެންވަރު ހުރިނަމަ ކުރާނެ ކަމެއް ނޫނެވެ. އަދި ގިނަފަހަރު ބަލަން ހަވާލު ކުރާނީ ގޭތެރެއިން ކޮންމެވެސް މީހަކާއެވެ. އެގޮތުން ވަޒީފާގައި އުޅޭ އަންހެނުންގެ ކުދިން އާންމުކޮށް ބަލާނީ ކުޑަ ދަރިފުޅުގެ މަންމަ ފަރާތު މާމައިންނެވެ. އަދި އަންހެނާގެ މަންމަ ނެތް ހާލަތެއްގައި ކުއްޖާގެ ބައްޕަ ފަރާތު މާމަގެ ގާތުގައިވެސް އެކުދިން ބަލައިދެން ބުނެފާނެއެވެ. 

އާއިލާގެ ތެރޭގައި ކުދިން ބޮޑު ކުރުމަކީ ވަރަށް މަދުން ނޫނީ މައްސަލަތަކެއް ކުރިމަތި ނުވާނެ ކަމެކެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއިހުރެ އެކަނި ދިރިއުޅޭ، ދެމީހުންވެސް ވަޒީފާ އަދާކުރާ ދެމަފިރިއެއްގެ ދަރިއަކަށް އެފަދަ ނަސީބެއް ނުލިބެއެވެ. ހިތާއި ދެކޮޅަށް ވިޔަސް މައިމީހާއަށް މަޖުބޫރުވަނީ ކުދިން ބަލައިދޭ ސެންޓަރަކަށް ކުއްޖާ ގެންދިއުމެވެ. ނުވަތަ ދުރު މީހަކު ގެއަށް ގެނެސް ކުއްޖާ ބަލަން ހަވާލު ކުރާށެވެ. 

ކުދިން ބަލައިދޭ ތަނަކަށް ތިމާގެ ކުޑަ ދަރިފުޅު ވެއްދުމަކީ ހަގީގަތުގައި ރަނގަޅު ކަމެއް ނޫނެވެ. ސަބަބުތައް ވަރަށް ގިނައެވެ. އެގޮތުން އެއް ކަމަކީ އެތަނުގައި އެހެން ކުދިންވެސް ތިބޭނެ ކަމާއި އެފަދަ ތަންތަނުގައި ކުދިން ބެލުމަށް ތިބޭނީ ދެތިން މީހުން ކަމުގައި ވުމެވެ. އެހެންކަމުން ކުޑަ ދަރިފުޅަށް އެންމެ ކުޑައިރުއްސުރެ ލިބެން ޖެހޭ ލޯތްބާއި އަޅާލުން ލިބިގެންދާނީ ވަރަށް މަދުންނެވެ. ތަނުގައި ވިހި ވަރަކަށް ކުދިން ތިބޭއިރު ކޮންމެ ކުއްޖަކަށް ވަކި ވަކިން ސަމާލުކަމެއް ނުދެވޭނެއެވެ. 

އަނެއްކަމަކީ އެންމެ ޅައިރުއްސުރެ ކުދިންނަށް މައިންބަފައިންގެ ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާކަމެވެ. ދުރު މީހަކު އެކުދިންނަށް އެ ލޯބި ދިންކަމުގައި ވީނަމަވެސް އެކުދިންވެސް ދެން އުޅޭ ކުދިންހެން އަމިއްލަ މައިންބަފައިންގެ ގާތުން ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. އަދި އެންމެ ކުޑައިރުއްސުރެ ކުދިންނާއި ދުރުގައި އުޅޭނަމަ އެކުދިންގެ ހިތުގައި ތިބާ އާއި މެދު ނަފުރަތުވެސް އުފެދިދާނެއެވެ. 

ކުދިން ބަލައިދޭ ތަންތަނައް ލާފައި ތިބޭ ކުދިންނަށް އެތަނުން ކިތަންމެ ގިނަ އެކުވެރިން ލިބުނު ކަމުގައިވިޔަސް މަޔަކާއި ނުވަތަ ބަފަޔަކާއި ކުއްޖާގެ ދެމެދު އޮންނަންވީ އެކުވެރިކަމާއި ބަދަހިކަމުން ކުދިން މަހުރޫމު ވެގެން ދާނެއެވެ. އެހެންކަމުން މުސްތަގުބަލުގައި ކުދިން އެކުދިންގެ މައިންބަފައިންނަށްވުރެ އިސްކުރާނީ އެކުވެރި މިތުރުންނެވެ. 

ގެއަށް މީހަކު ގެނެސްގެން ބަލާއިރުވެސް އޭގައިވާ ފައިދާއަށްވުރެ ގެއްލުން ބޮޑެވެ. އެގޮތުން ކުޑައިރުއްސުރެ ގެންގުޅޭ މީހަކަށް އެކުދިންގެ ހިތުގައިވެސް ލޯބި ޖެހޭނެއެވެ. އަދި ބައެއް ފަހަރު އެތަނުން ކޮބައިތޯ މަންމައަކީ ބުނެދޭންވެސް ކުދިންނަށް ނޭނގިފައި އެބަހުއްޓެވެ. އަދި ކުދިން ބަލައިދޭން އަންނަ މީހާ ކައިރީގައި ނޫނީ ތިބެން ބޭނުންނުވުމާއި އެމީހުންގެ އަތުން ނޫނީ ނުކެއުން ފަދަ ކަންކަމަކީ އެކުދިންގެ ފަރާތުން ފެނިގެންދާ، މައެއްގެ ހިތް ހަލާކު ކޮށްލާފަދަ މަންޒަރުތަކެކެވެ. އެހެންކަމުން ގެއްލުންވަނީ ހަމައެކަނި ކުދިންނަށް އެކަންޏެއް ނޫނެވެ. 

ކުދިން ބަލަން ގެއަށް މީހަކު ގެނައުމުގައި ދިމާވާ އެންމެ ބޮޑު އަނެއް ކަމަކީ އެގޮތަށް ގެނެވޭ މީހުން އެކުދިންނަށް އަނިޔާ ކުރުމެވެ. މިފަދަ ކަންތައްތައް ވަރަށް ގިނައިން ދިމާވެފައި އެބަހުއްޓެވެ. ކުދިންނަކީ ބަހެއް ނުބުނެވޭވަރު ކުދިންނަމަ އަދި މި މައްސަލަ ވަރަށް ގިނައެވެ. ގިނަފަހަރު ކުދިންނަށް އަޅާނުލެވި އެމީހުންގެ އަމިއްލަ ކަންކަމުގައި މަސްއޫލުވެ އުޅެނިކޮށް ކުއްޖާ ކަމެއް ބޭނުންވެގެން ރޮއި ހޭރިގަތުމުން އަންނަ ރުޅީގައި ކޮންމެވެސް އަނިޔާއެއް ކުއްޖާއަށް ދޭތަން އާދެއެވެ. ކުދި އަނިޔާތަކުން ފަށައިގެން ކުދިންގެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް އެފަދަ ބައެއް މީހުން އެކުދިންނަށް އަނިޔާ ކޮށްފައި އެބަހުއްޓެވެ. 

އެހެންކަމުން ކުދިން ބެލުމަށް ތިމާގެ ގާތް މީހަކަށް ނޫނީ ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ ވަޒީފާއާއި މާލީ ގޮތުން ފުދުންތެރިކަން ނެތްނަމައެވެ. އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ ކަންކަން އަމިއްލަ އަތްމައްޗަށް ނެގުމެވެ. ކުދިންނަށް ބޭނުންވާ އަޅާލުމާއި ލޯބި ދިނުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެކުދިން ހޯދުމުގެ ކުރިން މާލީ ގޮތުން ފުދުންތެރި ވުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.